ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި, ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ހަ ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވައިލީ، ފަހުން އެ މައްސަލަ ހުށަހެޅޭ ގޮތަށްކަން އެނގިއްޖެ އެވެ.
އަލީ ވަހީދު ރާއްޖެއިން ފިއްލެވީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ގެނައުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލާފައިވާކަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.
އަލީ ވަހީދުގެ މައްސަލަ އަނބުރާ ފޮނުވާލިކަން އަންގާފައިވާ ކްރިމިނަލް ކޯޓުގެ ލިޔުމުގައިވާ ގޮތުން, މައްސަލަ އަނބުރ ފޮނުވާާލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިދޭ އިހުތިޔާރުގެ ތެރެއިންނެވެ.
އެ މާއްދާގައި ބުނާ ގޮތުން، ޝަރީއަތް ހިންގޭ މީހަކު ހާޒިރުކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމަށް ފަހު ވެސް ހާޒިރުކުރެވޭ ގޮތް ނުވެއްޖެ ނަމަ ނުވަތަ އެ މީހަކު އުޅޭ ތަނެއް ވެސް ސާފުނުވެ ހާޒިރުނުކުރެވޭ ގޮތްވެއްޖެ ނަމަ އެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލެވޭނެ އެވެ.

އެ ގޮތަށް މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާނީ، އެ މީހަކު ޝަރީއަތަށް ހާޒިރުކުރެވޭ ގޮތް ހަމަޖެހުމުން އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭ ގޮތަށެވެ.
ދައުވާ ކުރެވޭ މީހާ ހާޒިރުނުކުރެވިގެން ގިނަ ދުވަސްތަކެއް ވަންދެން ނުހިނގާ މައްސަލަތައް މީގެ ކުރިން ވެސް ކޯޓުން އަނބުރާ ފޮނުވާލާފައި އެބަ ހުއްޓެވެ.
އަލީ ވަހީދުގެ މައްސަލަ ހިނގައި ދިޔަ ގޮތް
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.
އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައެއްނުގެންނެވި އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.
އެ ފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.
އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.













