ރިޕޯޓުހާއްސަ ހަމައެއް ނެތް؛ ހިތްވަރު ދިނުމަށް ވުރެ ވާނީ ބޭއިންސާފަކަށް!

ހާއްސަ ހަމައެއް ނެތް؛ ހިތްވަރު ދިނުމަށް ވުރެ ވާނީ ބޭއިންސާފަކަށް!

އެވެ. "ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިކުރުން މަނާކޮށްފައި އޮތުމުގެ ބޭނުމަކީ އެއީ. އެހެންވީތީވެ ވަކި ވިޔަފާރިއަކަށް ވަގުތު ދެއްވުން، އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވޭ. ގާނޫނު އަސާސީގެ އެ މާއްދާގެ ލެޖިޓިމަސީއާ ވަރަށް ބޮޑަށް ހިލާފު އެ ވެވެނީ."

ކްލެވެންޓީ ނަމަކަށް ކިޔާ ފިހާރައެއް ރައީސް ސޯލިހު ހުޅުވައިދެއްވަނީ: ތަޖުރިބާކާރުން ވިދާޅުވަނީ އުސޫލެއް ނެތި ވަކި ބަޔަކަށް އެފަދަ ފުރުސަތު ދިނުން ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ކްލެވެންޓީ ނަމަކަށް ކިޔާ ފިހާރައެއް ރައީސް ސޯލިހު ހުޅުވައިދެއްވަނީ: ތަޖުރިބާކާރުން ވިދާޅުވަނީ އުސޫލެއް ނެތި ވަކި ބަޔަކަށް އެފަދަ ފުރުސަތު ދިނުން ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

"އާ ވިޔަފާރިތައް ރާއްޖޭގެ އިގްތިސޯދަށް ނެރެދިނުމަށްޓަކައި ސަރުކާރުން މިހާރު ވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން، މި ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި"

އެންމެ މަސައްކަތް ރަނގަޅު ވިޔަފާރި ކުންފުނިތައް ފާހަގަކޮށް، ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100" އެވޯޑު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ދެއްވީ އެ ޔާގީން ކަމެވެ.

ރައީސް ސޯލިހް ވިދާޅުވާ ގޮތުން ނަމަ، އެމަނިކުފާނުގެ އިގްތިސޯދީ ސިޔާސަތަކީ އެއީ އެވެ. އާ ވިޔަފާރިތައް ވުޖޫދަށް ގެނައުމާއި ދިވެހި ވިޔަފާރިވެރިން އުފެއްދުމެވެ. ވިޔަފާރީގެ ބާޒާރު ވާދަވެރިކޮށްދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އާލާކޮށްދިނުމަށް ސަރުކާރުން އެހީވާނެ އެވެ.

އެގޮތުން އެކަމަށް ބައެއް މަސައްކަތްތަކެއް ވެސް ސަރުކާރުން ކޮށްފައިވެ އެވެ. ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުގެ ހާލަތުގައި، އެއިން އިގްތިސޯދަށް ކުރި އަސަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކުރިއިރު، ސަރުކާރުން ވަނީ ބޭންކާއި އެސްޑީއެފްސީ މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް ރިކަވަރީ ލޯނު ވެސް ދޫކޮށްފަ އެވެ.

އެފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމަކީ ރަނގަޅު ސިފައެކެވެ. ފަހަރެއްގައި، ރައީސްގެ ނިޔަތަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، މާލޭގައި ދިވެހި ޒުވާން ވިޔަފާރިވެރިއަކު ލަގްޒަރީ ގަޑި ވިއްކާ ފިހާރައެއް ހުޅުވައިދެއްވީ ވެސް އެ މަގްސަދުގައި ކަމަށްވެދާނެ އެވެ.

ނަމަވެސް ވިޔަފާރިއެއް ފަށައިގެން ދިވެހި ޒުވާނަކު "ބުރަ މަސައްކަތުން" ވުޖޫދަށް ގެނެސްފައިވާ އަގުބޮޑެތި މުދާ ވިއްކުމަށް ހާއްސަ "ކްލެވެންޓީ" ގެ ފިހާރައެއް ހުޅުވަން ރައީސް ދެއްވި "ހިތްވަރަށް" ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވި އެވެ. އޭގައި ވެސް "ބުއްދި ގަބޫލުކުރަން ޖެހޭ" ސަބަބުތަކެއް ހުރެގެނެވެ.

އެއް ބަޔަކު ވަނީ ރައީސް އޮފީހުގައި އެ ކަމަށް ހާއްސަ އުސޫލެއް އެކުވާލާފައި އޮތްތޯ ބެލުމަށް އެދިފަ އެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތުތައް ހޯދުމަށް ހުށަހަޅާފައި ވެސް ވެ އެވެ. އެފަދަ ފުރުސަތަކަށް އެދޭނެ އެތައް ބަޔަކު ތިބިއިރު، ވަކި ބަޔަކަށް ފުރުސަތު ލިބިގެން ދިޔުން އިންސާފުވެރިވާނެތޯ ސުވާލު ކޮށްފައިވެ އެވެ. އަދި ރައީސް އޮފީހުގެ ޓުވިޓާ އެކައުންޓުން އެ އިވެންޓްގެ ފޮޓޯ އިސްތިހާރު ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ގޮތުގައި ވެސް ސިފަކޮށް ބައެއް މީހުން ހިޔާލުފާޅުކޮށްފައި އެބަ ހުއްޓެވެ.

ނަމަވެސް ރައީސްގެ އެ އަމަލަށް ގާނޫނީ ހުރަހެއް އެބަ އޮތް ހެއްޔެވެ؟ ރައީސް އޮފީހުގައި އެ ކަމަށް ހާއްސަ އުސޫލެއް އެކުލާވާލާފައި ނެތީ ހެއްޔެވެ؟ އުސޫލެއް ކޮންމެެހެން އޮންނަން ޖެހޭ ހެއްޔެވެ؟ އިވެންޓެއްގެ ބައިވެރިވެ އޭގެ ފޮޓޯތަކެއް ރައީސް އޮފީހުން ޓުވީޓް ކޮށްލުން، ކޮރަޕްޝަންގެ އަމަލަކަށްވޭ ހެއްޔެވެ؟

ގާނޫނީ ހުރަހެއް ނެތް، އެކަމަކު ސުލޫކާ ހިލާފު!

ގިނަ ގާނޫނީ ވަކީލުން ފާހަގަ ކުރާ ގޮތުގައި، އަމިއްލަ މީހެއްގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށް ބާއްވާ އެެފަދަ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ގާނޫނީ ހުރަހެއް ނެތެވެ. "ލަފުޒުން ލަފުޒަށް" ގާނޫނެއްގައި މަނާކޮށްފައި އޮތް ކަމަކަށް ނުވިޔަސް، އެއީ ބެސްޓް ޕްރެކްޓިސްގެ ރޫހާ ހިލާފު އަމަލެއް ކަމަށް ބައެއް ވަކީލުން ދެކެ އެވެ.

ގާނޫނީ ވަކީލު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އަލަ ވުޖޫދު ކުރެވޭ ވިޔަފާރިއެއް ހުޅުވައިދެއްވުމަކީ ގާނޫނުގައި މަނާކޮށްފައި އޮތް ކަމެއް ނޫނެވެ. އެހެންވެ އެއީ ކޮރަޕްޝަންގެ އަމަލެއް ގޮތުގައި ވެސް ސިފަކުރެވެން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިވެންޓެއްގެ ހަބަރު، ފޮޓޯތައް، ޓުވީޓްކޮށްލުމަކީ، އޭގެ ޒާތުގައި، ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް، މިއީ ގާނޫނާ ހިލާފު އަމަލެއް ކަމަކަށް، ގާނޫނު އާސީސީއާ ހިލާފު އަމަލެއް ކަމަކަ ވެސް އަޅުގަނޑު ނުދެކެން،" އުޝާމް ވިދާޅުވި އެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ އުޝާމް ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިކުރުން މަނާކުރާ މާއްދާއަށް ވެސް އެފަދަ އަމަލެއް ނުފެތެ އެވެ.

"ގާނޫނު އަސާސީގައި ވެސް މި ބަޔާން ކުރަނީ ރައީސުލްޖުމްހޫރިއްޔާއަށް ފައިދާއެއްވާ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުކުރެވޭނެ ކަމަކަށް، އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ އަދި އެ ޒާތުގެ ކަމެއްހެން،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރަކަށް މިހާރު ހުންނެވި އުޝާމް ވިދާޅުވި އެވެ.

އެހެންވިޔަސް ދެފުށް ނުފެންނަ ގޮތަކަށް އެ ކަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބަހައްޓަންވާ ސުލޫކާ ހިލާފު އަމަލެއް ގޮތުގައި އުޝާމް ވެސް ގަބޫލު ކުރައްވަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވި ދިޔާނާ ސައީދު ވެސް ގަބޫލުކުރައްވަނީ އެއްވެސް ގާނޫނެއްގައި "އަކުރުން އަކުރަށް، ލަފުޒުން ލަފުޒަށް" އެ އަމަލު ބަޔާންކޮށް އެއީ މަނާ ކަމެއް ގޮތުގައި ލިޔެފައި ނެތުމުން އޭގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް ގާނޫނު އަސާސީގައި އަމިއްލަ ވިޔަފާރިކުރުން ރައީސަށް މަނާކޮށްފައި އޮތުމުގެ ބޭނުމަކީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރިތަކާ ދުރުގައި ހުރުން ކަމަށް ދިޔާނާ ގަބޫލުކުރައްވަ އެވެ. އެހެންވެ ރައީސްގެ އެ އަމަލަކީ ގާނޫނު އަސާސީގެ ރޫހާ ވަރަށް ބޮޑަށް ހިލާފު ކަމެއް ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިކުރުން މަނާކޮށްފައި އޮތުމުގެ ބޭނުމަކީ އެއީ. އެހެންވީތީވެ ވަކި ވިޔަފާރިއަކަށް ވަގުތު ދެއްވުން، އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވޭ. ގާނޫނު އަސާސީގެ އެ މާއްދާގެ ލެގިޓިމަސީއާ ވަރަށް ބޮޑަށް ހިލާފު އެ ވެވެނީ،" ދިޔާނާ ވިދާޅުވި އެވެ.

titledesc

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ވަކި ބައެއްގެ ވިޔަފާރިއަކަށް ރައީސުލްޖުމްހޫރިއްޔާ އެހާ ބޮޑު އިސްކަމެއް ދެއްވުމަކީ އެއް ގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ވަރެއްގެ ކޮލިޓީއެއް، ހަރުދަނާ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ ނެތުމުން އެ ގޮތަށް އެ ދިމާވަނީ،" ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޚާއްސަ މިންގަނޑެއް އޮންނަން ޖެހޭ

މެންބަރު އުޝާމް ގަބޫލުކުރައްވާ ގޮތުގައި އާ ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ރައީސް ބައިވެރިވެވަޑައިގަތުމުގައި ވެސް ވަކި މައްސަލައެއް ނެތެވެ. އޭގައި ބޭނުމީ ދެފުށް ފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގަ ޝަކުވާ މި އަންނަ ކަމަކީ، ވަގުތު އޮތް ވަރަކުން ފުރުސަތު ދޭތީވެ، ވަކި ބަޔަކަށް ދެވިފައި، ވަކި ބަޔަކަށް ނުދެވޭތީ، ޓްރާންސްޕޭރެންސީ މިންގަނޑެއް އޮތުމުން، އެ ފުރުސަތު މި ލިބެނީ ކޮން އުސޫލަކުން ކަން ފެންނަން އޮންނާނެ. އޭރުން އެ ޝަކުވާ ވެސް ނިމުމަކަށް އެބަ އާދޭ،" އުޝާމް ވިދާޅުވި އެވެ.

ދިޔާނާ ގަބޫލުކުރައްވާ ގޮތުގައި، ވިޔަފާރިތަކަށް ހިތްވަރު ދިނުން އޮންނަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތަކެއްގެ ތެރެއިންނެވެ. އަދި ލިޔެވި ބަޔާންކުރެވިފައި އޮތް އުސޫލެއް ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ޓެކްސްއަށް ދެވޭ ލުޔެއް، ސަބްސިޑީ ދިނުން، މާލީ ގޮތުން އެ އޮންނަ ހަމަހަމަ ފުރުސަތުތަކެއްގެ ތެރެއިން ދެވޭ އެހީއެއް، ސަރުކާރުގެ ޕްރޮގްރާމެއްގެ އެހީގައި އުފެދޭ ވިޔަފާރިތައް މިހެން ހުޅުވައިދިނުން، އެފަދަ ގޮތަކަށް ހިތްވަރު ދޭން ވާނީ،" ދިޔާނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ލިޔެފައި ހުންނަން ވެއްޖެ ނަމަ އެއީ ވަރަށް ދެރަވަރު ކަމެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އޮތީ "މިނިމަމް ސްޓޭންޑަޑް" ލިޔެފައި ބަަހައްޓަން ޖެހޭ ވަރަށް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.

"ރާއްޖޭގައި ކަންކަން މިދާ މަގުން، ރައީސުލްޖުމްހޫރިއްޔާ ވެސް ވަޑައިގެންނެވީމައި ފުރަތަމަ އޮރިއެންޓޭޝަނެއް ދޭން ޖެހޭ ހިސާބަށް މި ދަނީ. އެކަމަކު އެ ލެވެލްގެ ބޭފުޅުންނެއް ނޫން ރައީސުލްޖުމްހޫރިއްޔާއަށް ވަޑައިގަންނަވަން ޖެހޭނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އާލާކުރުމަށާއި، އާ ވިޔަފާރިތައް ވުޖޫދުކޮށް ވިޔަފާރީގެ ބާޒާރު ވާދަވެރިކުރުމަށް ރައީސް ހިތްވަރު ދެއްވަން ޖެހެ އެވެ. އެކަމަކު ހަމަހަމަ ފުރުސަތު ދެވޭ އުސޫލަކުންނެވެ. "ވަގުތު އޮތް ވަރަކުން" ވަކި އިވެންޓެއްގައި ބައިވެރިވެވަޑައިގަތުން ވާނީ ބޭއިންސާފަކަށެވެ. ހިތްވަރު ދިނުމަކަށް ނޫނެވެ. އޭގައި އުސޫލެއް ލިޔެވިފައި އޮންނަން ޖެހޭ ހާލަތަށް ވެސް ރާއްޖޭގެ ކަންކަން ދިޔައީ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox