އެގާރަ އަހަރަށް ފަހު ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް އިސްލާހުކުރުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލުން ފަށައިފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަނީ ނޫސްވެރިންނާއި، މީޑިއާ ކައުންސިލްގެ މެމްބަރުން ގުޅިގެން ކަމަށެވެ.
"އަމާޒަކީ ވަރަށް އަވަހަށް ފައިނަލް ޑްރާފްޓެއް އެކުލަވާލައި ނިންމުން. އާ ކޯޑް އޮފް އެތިކްސް އަށް އަމަލުކުރަން ފަށާނީ އެހެން ނޫސްވެރިންގެ ހިޔާލު ހޯދައި، ގެންނަން ޖެހޭ އިސްލާހެއް ގެނައުމަށް ފަހު. ނޫސްވެރިކަން ބަދަލުވަމުން އަންނައިރު ހަރުދަނާ އަހުލާގީ މިންގަނޑެއްގެ މުހިންމުކަން ވަރަށް ބޮޑު. އެހެންވެ، މިކަން މި ކުރަނީ" ޝަފާއު ވިދާޅުވި އެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަން އޮތް ހާލަތު ވަޒަންކޮށް، ނޫސްވެރިކަމުގެ ހައްގު ހިފެހެއްޓޭނެ ގޮތަށާއި، ނޫސްވެރިން ޒިންމާދާރު ކުރެވޭނެ ގޮތަށް، އާ ކޯޑް އޮފް އެތިކްސްގައި މާއްދާތައް ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން މިވަނީ ހައްގާ އެއް މިންވަރަށް ޒިންމާދާރުވާނެ ނޫސްވެރިން. އެ މަގަށް ފަހިވާނެ ގޮތަށް ނޫސްވެރިންގެ ހިޔާލާއެކު އާ މިންގަނޑު އެކުލަވާލަމުން މި ގެންދަނީ،" ޝަފާއު ވިދާޅުވި އެވެ.

ކޯޑް އޮފް އެތިކްސް ނިންމުމަށް ފަހު ނޫސްވެރިން ސޮއިކުރާނެ އެވެ. އަދި ކޮންމެ މީޑިއާ އިދާރާއަކުން އެ ބައެއްގެ އެޑިޓޯރިއަލް އުސޫލުތަކާ އެއްގޮތަށް ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލަން ޖެހޭނެ ކަމަށް ޝަފާއު ވިދާޅުވި އެވެ.












