ޕެރިސް (ސެޕްޓެމްބަރު 17) - ވޯލްޑް ކަޕުން އިކުއެޑޯ ބޭރުކުރުމަށް ޗިލީ އާއި ޕެރޫ ހުށަހަޅާފައިވާ މައްސަލައިގެ ފީފާ އަށް ކުރި އެޕީލް ވެސް ކާމިޔާބެއްނުވި އެވެ.
އެކުއެޑޯއާ ދެކޮޅަށް ޗިލީ އާއި ޕެރޫ ހުށަހަޅާފައިވާ މައްސަލަ ބިނާވެފައިވަނީ އޮތީ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގެ އަށް ވަނަ މެޗުގައި ކުޅުނު އެކުއެޑޯގެ ޑިފެންޑަރު ބައިރަން ކަސްޓީލޯ އަށެވެ. ޗިލީ އާއި ޕެރޫ އިން ތުހުމަތުކުރާ ގޮތުގައި ކަސްޓީލޯ އަކީ އޮޅުވާލައިގެން އެކުއެޑޯގެ ރަށްވެހިކަން ހޯދައިފައިވާ ކުޅުންތެރިއެކެވެ.
ޗިލިއަން ފުޓްބޯލް ފެޑެރޭޝަން (އެފްއެފްސީއެޗް) އިން ބުނާގޮތުގައި މެކްސިކޯގެ ލިއޯން އަށް ކުޅެމުންދާ ކަސްޓީލޯ އުފަންވީ 1995 ވަނަ އަހަރު ޖުލައި މަހު ކޮލަމްބިއާގަ އެވެ. އަދި ކަސްޓީލޯގެ ލިޔެކިއުންތަކުން އޭނާ 1998 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުއެޑޯގައި އުފަންވި ކަމަށް ބުނެފައި އޮތް ނަމަވެސް، އެއީ ސައްހަ ލިޔެކިއުންތަކެއް ނޫން ކަމަށް އެފްއެފްސީއެޗް އިން ތުހުމަތުކުރެ އެވެ.
"އުފަން ދުވަހުގެ ސެޓްފިކެޓާއި، އުމުރާއި ރަށްވެހިވެފައިވާ ޤައުމު ވެސް ވަނީ އޮޅުވާލައިފަ،" އެފްއެފްސީއެޗް އިން ބުނެފައިވެ އެވެ.

ކޮލިފައިން މެޗެއްގެ ތެރެއިން ކަސްޓީލޯ (ވ) ބޯޅަ ހިފައިގެން.
އެކަމަކު، ފީފާ އެޕީލްސް ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅެމުން، އެޕީލްސް ކޮމެޓީން ވަނީ މީގެ ކުރިން ފީފާގެ ޑިސިޕިލްލިނަރީ ކޮމެޓީ އެއް މައްސަލައިގައި ކަނޑައަޅާފައިވާ ނިންމުމަށް އިއްޔެ ތާއީދުކޮށްފަ އެވެ.
"ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ރިޔާއަތްކޮށް، އެ ކުޅުންތެރިޔާ އަކީ އެކުއެޑޯގެ ރައްޔިތެއް ކަމަށް ގަބޫލްކުރެވޭ،" ފީފާ އިން ބުންޏެވެ.
ފީފާގެ ނިންމުމާ އެކު، އެފްއެފްސީއެޗް އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެންމެ ބޮޑު ޝަކުވާއަކަށްވީ މައްސަަލައިގެ އަޑުއެހުމަށް ކަސްޓީލޯ ހާޒިރުނުވުމެވެ.
"މިއީ ފުޓްބޯޅަ އާއި ފުޓްބޯޅައިގެ ސިސްޓަމަށް އޮތް އިތުބާރަށް ކުރިމަތިވި ކަޅު ދުވަހެއް،" އެފްއެފްސީއެޗް އިން ބުންޏެވެ.
"އެ ކުޅުންތެރިޔާ އަމިއްލަ އަށް އެއްބަސްވެފައި އެބައޮތް އޭނާ އުފަންވީ ކޮލަމްބިއާގައި ކަމަށް. އަދި އޭނާ އެކުއެޑޯގެ ޕާސްޕޯޓް ހޯދީ ވަގު ލިޔެކިއުންތަކެއް ހަދައިގެންކަން. އެހެންވީމާ އޭނާ ފީފާގެ އަޑުއެހުންތަކަށް ހާޒިރުނުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން،" އެފްއެފްސީއެޗް އިން ބުންޏެވެ.
ގަތަރުގައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ފަށާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ އެކުއެޑޯ އެވެ.
ފީފާ އިން މައްސަލަ ބޭރުކޮށްލި ނަމަވެސް، މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް) އަށް ހުށަހެޅުމުގެ ފުރުސަތު ޗިލީ އާއި ޕެރޫ އަށް އެބައޮތެވެ. -- އޭއެފްޕީ












