އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވޭނީ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް އެގައުމުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.
އަލްޖަޒީރާއާ ވާހަކަ ދައްކަމުން އެމަނިކުފާނު ވަނީ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވައި މިއީ ސީދާ މަޝްވަރާއަށް އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި ނުދެކޭ ކަމަށް ވިދާޅުވެފަ އެވެ.
ގައުމީ ސަލާމަތަށް ކުރާ ކަންތައްތަކާއި ގުޅޭގޮތުން އީރާނަށް ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތައް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން ސަސްޕެންޑު ކުރުމަކީ ހައްލެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ފިޔަވަޅުތައް އެއްކޮށް އުވާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެހެން ކަންކަންވެއްޖެ ނަމަ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އޮތް ކަމަށް ދެކިލައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އަލުން އިޔާދަކުރުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނުރަސްމީކޮށް ކުރި މަޝްވަރާތައް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. މި އެއްބަސްވުމުން އެމެރިކާ ވަކިވީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގަ އެވެ.










