ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު އަތުން މިރޭ 5-0 އިން މޮޅުވި ނަމަވެސް މެޗުގައި ބޭނުންވި ޓާގެޓް ހާސިލްނުވާތީ ޗައިނާ ހިތްހަމަނުޖެހިއްޖެ އެވެ.
އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި ރާއްޖެ އާއި ޗައިނާގެ އިތުރުން ދެން އޮތީ އުޒްބެކިސްތާނާއި މިޔަންމާ އަދި ކޮލިފައިން މެޗުތައް ކުރިއަށްދާ ސައުދީ އަރަބިއްޔާ އެވެ.
ރާއްޖެ ކުޅުނު ފުރަަތަމަ މެޗުން އުޒްބެކިސްތާން އަތުން 7-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވީ 11-0 އިންނެވެ.
އުޒްބެކިސްތާން އޮތީ ހޯސްޓްގެ ހައިސިއްޔަތުން އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެފަ އެވެ. އެހެންވެ، މި ގްރޫޕްގައި ރޭންކިން ފައިނަލް ކުރާއިރު، އުޒްބެކިސްތާންގެ ޕޮއިންޓް ނުގުނާނެ އެވެ. އުޒްބެކިސްތާނުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެއީ ރާއްޖެ އާއި މިޔަންމާގެ އިތުރުން ސައުދީ އަރަބިއްޔާ އަަތުންނެވެ. ސައުދީ އަރަބިއްޔާ އަތުން މިރޭ އުޒްބެކިސްތާން މޮޅުވީ 2-1 އިންނެެވެ.
ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ޗައިނާ މި ވަގުތު ދެ މެޗުން ހަ ޕޮއިންޓާ އެކު ކުރީގައި އޮތްއިރު، ސައުދީ ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މިޔަންމާ އާއި ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އާއި ކޮލިފައިން ހުރިހާ ގްރޫޕެއްގެ ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ވަކި އަދަދެއްގެ ޓީމުތަކަށް އަންނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭތީ، ޗައިނާ އިން މިރޭ ނުކުތީ ރާއްޖެ ކޮޅަށް ގިނަ ގޯލު ޖެހުމުގެ އަމާޒުގަ އެވެ. ޗައިނާ އަށް ރާއްޖެ އަތުން މިރޭ ފަސް ގޯލުން މޮޅެއް ލިބުނު ނަމަވެސް ލަނޑުގެ ތަފާތު ބޮޑު ކުރަން ލިބުނު ފުރުސަތު ގެއްލުމުން އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ނުރުހިފަ އެވެ.

ޗައިނާއާ ދެކޮޅަށް މިރޭ ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އަދަދު
ޕްރިންސް ސައުދު ބިން ޖަލާވީ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިން ވަނީ ގޯލްކީޕަރު ޔޫސުފް މިސަމް އަބްދުﷲ އާއި ޑިފެންޑަރު، އަހުމަދު މައީޝް މުހައްމަދު ހިމަނައިފަ އެވެ.
މިރޭގެ މެޗުގައި ޗައިނާ އިން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. ޗައިނާގެ ރެހްމެޓުލާ ޒުއެހެރެޓް ދެ ގޯލު ޖެހިއިރު، އަފްރެޑެން އަސްގޭ، ޗެން ޒެހުއަން އަދި މައުލެޓް މިޖިޓް ވަނީ ގޯލު ޖަހައިފަ އެވެ.
ޗައިނާ އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޒުއެހެރެޓް ޖެހި ގޯލުންނެވެ. އެ ގޯލު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ޗައިނާގެ ކީޕަރަށް ހެދުނު ގޯހަކުން އޭނާ ކުރިއަށް އަރައި ހުރި ވަގުތުގައި ރާއްޖޭގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ރަނގަޅު ފުރުސަތެއް ލިބި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
މެޗުގެ 35 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެން އަސްގޭ ވަނީ ޗައިނާ އަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ރާއްޖޭގެ ފަހަތުން ފެށި ބޯޅައެއް ހާފުގެ މެދެއްހާ ހިސާބުން ހޯދައި، ޗައިނާ އިން ކުރި އެޓޭކެއްގައި އެ ޓީމުގެ ޒުއެހެރެޓް ވަނީ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ކީޕަރު ޔޫސުފް: މި މެޗުގައި އޭނާ ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވާފައި.--- ފޮޓޯ: އަދަދު
ޗައިނާ އިން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރުންގެ ތެރެއިން އައިސް ލިބުނީ ޗައިނާގެ ޒެހުއަން އަށެވެ. އޭނާ ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔޫސުފް އަތުގައި ޖެހިފަ އެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޗައިނާގެ ފަސް ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މިޖިޓް އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ރާއްޖޭގެ މުހައްމަދު އައިހަމް އަންވަރު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އައިހަމް ވަނީ ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރަނގަޅު ބްލޮކެއް ކޮށް ގޯލެއް ސަލާމަތްކޮށްފަ އެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި މަހިބަދޫ އަށް އުފަން ޑިފެންޑަރުގެ ފުރަތަމަ މެޗެވެ.
ފުރަތަމަ ދެ މެޗާ އަޅާކިޔާއިރު، މިރޭގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުވުމަކީ ޗައިނާ އަށް އުނދަގޫވި އެއް ސަބަބެވެ. މި މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ޔޫސުފް ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފުގައި ރާއްޖޭގެ އޭރިއާތެރެއިން ފޮނުވާލި ހަމަލާއެއްގެ އިތުރުން ހިލޭ ޖެހުމެއްގައި ގޯލުގެ ތިރީ ކަނަށް ވަންނަން އައި ބޯޅައެއް ވެސް ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭ އެވެ. އެ ރޭ ރާއްޖެ ގަޑިން 11 ޖަހާއިރު، ރާއްޖޭން ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.












