ހޮނިހިރު ދުވަހަކީ އަހަރެމެންގެ އާއިލާގެ އެންމެން ވިލިމާލެއަށް ދަތުރު ދިޔަ ދުވަހެކެވެ. އަހަރެމެން ނޫނަސް އެތައް އާއިލާއެއް އަތިރިމަތީގައި ކޭންޕު ޖަހައިގެން މަޖާ ނަގަން ތިއްބެވެ. ޕްރީ ސްކޫލެއްގެ ދަރިވަރުންގެ އާއިލީ ހަވީރެއް ވެސް އެތާ ކުރިއަށްދިޔަ އެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދަނބުކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި، ހެޔޮވަރު އިސްކޮޅެއްގެ، ބުޅި އިސްތަށިގަނޑެއް ލާފައި ހުރި ރީތި އަންހެނެވެ. ފުރަތަމަ ލޮލުގައި އަޅައިގަތީ މާހައުލާ ނުގުޅޭ ހެދުމެއް ލައިގެން ހުރީމައެވެ. ދެން ހިތަށް އެރީ އެއީ ފޮޓޯއެއް ނަގަން އައިސްހުރި މީހަކަށް ވެދާނޭ ކަމަށެވެ.
ނުބެހޭ ކަންތަކާ ނުބެހޭން އަމިއްލަ ނަފުސަށް ހަނދާންކޮށްދީފައި ދަތުރުގެ ކަންތަކާ ކުރިއަށްދަނިކޮށް، މި ބުނާ މީހާ އައިސް އަހަރެމެންގެ މޭޒު ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާއަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. އެހެން އެއްވެސް ކަމެއް ޔަޤީން ނުވިޔަސް، އޭނާ މި ދިރިއުޅެނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި ކަން ސާފުވެއްޖެއެވެ. އިތުރު ސުވާލެއް ނުކޮށް، އަހަރެމެން ގެންގުޅުނު ތަނުން ކޮފީ ތައްޓެއް އަޅާފައި ދިއްކޮށްލުމުން "ޒަހަރު ލާފައި ހުންނަ ކާޑަމަމް ޓީ ނުބޯނަން" ކަމަށް އޭނާ ބުނެތްޕެވެ. ބަލި މީހެއްކަން އެބަ ސާފުވެއެވެ. އެހެނަސް ކޮންމެ ބަލިމީހަކާވެސް މުޚާޠަބުކުރަން ޖެހޭ ޚާއްޞަ ސިފަތަކެއް ވާނޭކަން އެނގޭތީ، އޭނާއާ ދިމާލަށް ހިނިތުންވެލާފައި ނިންމާލީމެވެ. ދެން އިރުކޮޅަކު އަހަރެމެން ކައިރީ ހުރުމަށްފަހު، އެހެން ދިމާލަކަށް އޭނާ ހިނގައިގެންފިއެވެ.
ނަފުސާނީ އުނިކަމެއް ހުންނަ ކުއްޖެއްގެ މަންމައަށް ވީމާ ކަންނޭނގެއެވެ. އޭނާގެ ޙާލު ދެކެ ވަރަށް އެއްޗެތި ހިތަށް އަރާ ފޭބިއެވެ. އޭނާގެ ބެލެނިވެރިން ކޮބައިތޯ ސުވާލުކުރެވުނެވެ. އަހަރެންގެ ދަރިފުޅު، އަހަރެންގެ އަތުން ވީއްލިގެން ހިނގައްޖެނަމަ، އޭނާވެސް މިހެން "ގިނަވެގެން" އުޅެފާނޭކަން ހިތަށް އެރި ހިނދު ލޮލުން ކަރުނަ ހިލުނެވެ. އެހެން ނަމަވެސް، އެ ދުވަހު، އެ ގޮނޑުދޮށުން ފެނުނު އެންމެ މީހެއް ވެސް އެ އަންހެނާއަށް އިހާނެތިކޮށް ނުހިތާކަން ހިތަށްއަރާ، މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު ހިތަށް އެރިއެވެ.
އާދީއްތަ ދުވަހުގެ މެންދުރެއް ހާއިރެވެ. ފޯނާ ދިމާލަށް ބަލާލެވުނީ "ބްރޭކިންގް ނިއުސް" އެލަރޓެއް ވުމުންނެވެ. އަސްތާ ކަމަކު ދާކަށްނެތެވެ. ހިޔާ ފްލެޓް ދޮށުގައި "ދެ މީހަކު ދެމެދު ހިނގި ހަމަނުޖެހުމެއްގައި" ބައެއްގެ މުދަލާއި ފުރާނައަށް ގެއްލުންވާވަރު ހާދިސާއެއް ނިއުޅެމުންދަނީއެވެ. ފޮޓޯތައް ފެނުމުން އަހަރެންގެ ހިތުގައިވެސް ރުޅިވެރިކަން އުފެދުނެވެ. އެ ޢަމަލު އެ ހިންގާ މީހުންނާ މެދު ތަޢައްޞަބުތަކެއް އުފެދުނެވެ. ކުޑަ އިރިކޮޅެއް ފަހުން އެނގުނީ އެކަން ހިނގީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ މީހެއްގެ ފުށުންކަމެވެ. ނަފުސާނީ އުނދަގޫތަކެއް ހުރި ކުއްޖެއްގެ މަންމައެއްގެ ހައިސިއްޔަތުން ކުރިން ވެވުނު ތަޢައްޞަބާ ހެދި އަމިއްލަ ނަފުސުދެކެ ރުޅި އާދެވިއްޖެއެވެ. ކޮމެންޓުތަކުގައި ހުރި "ޖެއްސުމުގެ" ވާހަކަތައް ދެއްކި މީހުންނަކާ ޚުދު އަހަރެންނާ ހުރި ތަފާތަކީ ކޮބައިތޯ ސުވާލުކުރެވުނެވެ. އަހަރެމެންގެ ދަރިފުޅުވެސް މެލްޓްޑައުނެއް އައިސްފައި ހުންނަ ގަޑިއެއްގައި އެކަނި ޙާލަށް ދޫކޮށްލައިފިނަމަ، ތަންތަނަށާއި މީހުންނަށް ގެއްލުން ދީފާނޭކަމެއް ކުރުން އެކަށީގެންވެއެވެ. އަހަރެމެން ނެތް ދުނިޔެއެއްގައި، އެ ކުއްޖާވެސް ދޫކޮށްލަން ޖެހޭނީ މި ތަޢައްޞަބުތަކުގެ ތެރެއަށްކަން ޔަޤީންވީ ހިނދު ދެރަވިއެވެ. ޚުދު އަހަރެންގެ ޖާހިލުކަމާމެދުވެސް ލަދުވެތިވާ ޙާލުގައެވެ.
ކަން މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ނޭއްގާނީ ބައެއް ކަންތައްތައް ކުރާ މީހުންގެ ދިފާޢުގައި "ނަފްސާނީ މައްސަލަ" ބޭނުންކުރުމުގެ ރާޅެއް މި ޤައުމުން ފެންނާން އޮތަތީއެވެ. ބައެއް މީހުން ކުށް ކުރަނީ، ޙަޤީޤަތުގައިވެސް ނަފްސާނީ މައްސަލަތައް ހުންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު، މީހެއް ކުށެއް ކުރާ ކޮންމެ ފަހަރަކު "ނަފުސާނީވެފައި" އެހެން ކޮންމެ ފަހަރަކު ނަފްސާނީ މައްސަލަތައް ނުހުންނަ މީހަކަށް ވާ ޙާލަތްތައްވެސް ފެންނަކަމަށް ޤަބޫލުކުރެވޭ ގޮތަށް އެބަ ކަންކަން ހިނގައެވެ.
މި ފަދަ ޢަމަލުތަކުގެ ސަބަބުން "ނަފުސާނީ މައްސަލަތައް" އެއީ ޙަޤީޤަތެއް ނޫންކަމަށް، ނުވަތަ ބަހަނާއެއް ކަމަށް ދެކޭ މީހުން އަނެއްކާވެސް ގިނަވާން ފަށައިފިއެވެ. މީސްމީޑިޔާގެ މަންސަތަކުގައި ކުށެއްގެ ރިޕޯޓެއް ކުރާ ކޮންމެ ފަހަރަކު "ނަފުސާނީ" ޖޯކުތައް ކޮމެންޓު ސެކްޝަނުން ފެންނަމުން ދަނީ މި ވޭތުވެ ދިޔަ ވިއްސަކަށް އަހަރުދުވަހު ނަފްސާނީ މައްސަލަތަކަށް މީހުން ހޭލުންތެރިކުރުވުމަށް ކުރި ގިނަ މަސައްކަތްތައް ވަޔަށް ބުރުއްސާލަމުންނެވެ.
މި ކަމުގެ ނޭދެވޭ އަސަރުކުރަނީ ޙަޤީޤަތުގައި މި ފަދަ ބަލިމަޑުކަން ތަޙައްމަލުކުރަން ޖެހިފައިވާ މީހުންނަށެވެ. ނަފްސާނީ ގިނަ މައްސަލަތަކެއްގައި މީހާގެ އަމިއްލަ ނަފުސަށް އޭނާގެ ބާރު ނުފޯރުވޭ ހިސާބަށް ދެއެވެ. ނެތް އެތައް ކަމެއް، ނެތް އެތައް މީހުންނަށް އޭނާގެ ދުނިޔެއަށް ފެނެއެވެ. އަހަރެމެންނަށް ނުފެންނަ، ދޭހަ ނުވާ އެތައް ބިރުވެރިކަމަކާ އެ މީހުން ކޮންމެ ދުވަހަކު ހަނގުރާމަކުރެއެވެ. އަހަރެމެންނަށް އޮތީ އެފަދަ ބަލިމީހުންނަށް އެހީތެރިކަމާއި ފަރުވާ ފަހިކޮށްދިނުމެވެ. އެމީހުންގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމެއް ނޫނެވެ. އެމީހުންގެ "ސިމްޓަމްތައް" އަހަރެމެންގެ އަމިއްލަ ފައިދާއަށް ބޭނުންކުރުމެއް ވެސް ނޫނެވެ.
ނަފްސާނީ ބަލިމަޑުކަން ނުހުންނަ މީހުން ޖިނާޢީ އަދަބަކުން ރެކެން، އެފަދަ ބަލިމަޑުކަން ބަހަނާއަށް ހެދުން ހުއްޓާލާށެވެ! މިއީ ޙަޤީޤީ ބަލިމީހުންނަށް އޮތް ބޮޑު ނާއިންސާފެކެވެ. އަދި ޖިނާޢީ އަދާލަތުގެ ނިޒާމަށްވެސް ވެވޭ ނާއިންސާފެކެވެ. ނަފުސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން މުޖުތަމަޢުގައި ބަލައިގަންނަ މީހުންނަށް ވަނީ ހާދަ ބުރަ މަސައްކަތްތަކެއް ކުރެވިގެންނެވެ. ތިމާގެ އަމިއްލަ ފައިދާ އަށްޓަކައި އެ އެންމެންގެ ޙައްޤުތައް ނިގުޅައިނުގަންނާށެވެ. އެ ފަދަ ބަލިމީހުންގެ އަޑު އުފުލައިދޭން ތިބީ އަހަރެމެން ނޫން ކޮން ބައެއް ހެއްޔެވެ؟








