ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ދެ ވަނަަ މެޗުން މިރޭ ސައުދީ އަރަބިއްޔާ އަތުން 11-0 އިން ބަލިވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުރިއަށްދާ ކޮލިފައިން ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އުޒްބެކިސްތާން އަތުން 7-0 އިން ބަލިވެފަ އެވެ. ސައުދީ އަތުން މިރޭ 11-0 އިން ބަލިވިއިރު، މި މެޗު ފަށައިގެން ވެސް ރާއްޖެ އަށް މެޗުގެ ތެރެއަށް ނުވަދެވެނިސް ސައުދީން ގޯލުތައް ޖެހި އެވެ. ފުރަތަމަ ހާފުގައި ހަ ގޯލު ކުރީގައި އޮވެގެން، ސައުދީން ނިންމާލިއިރު، ދެ ވަނަ ހާފުގައި އިތުރު ފަސް ގޯލު ޖެހި އެވެ.
ޕްރިންސް ސައުދު ބިން ޖަލާވީ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސައުދީގެ އަބްދުﷲ ހާދީ ރަދީފް އާއި މެޝާރީ ފަހާ އަލްނެމޭރު ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދައިފަ އެވެ.
ރާއްޖޭން މިރޭގެ މެޗަށް ނުކުތީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެއީ އުޒްބެކިސްތާން މެޗުގައި ބަދަލަކަށް ކުޅެން އެރި، މުހައްމަދު ނާބިތު ހުސެއިން އާއި މުހައްމަދު ފާލިލް ފާއިގް ފުރަތަމަ އެގާރަ އަށް ލައިގެންނެވެ.

ސައުދީ އަަރަބިއްޔާއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އަދަދު
މެޗުގެ ތިން ވަނަ މިނިޓްގައި ސައުދީގެ ފޯވާޑް ރަދީފް އެ ޓީމަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ފުއްމައިގެން އަރައި ބޮލުން ޖެހި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި ސައުދީގެ މެޝާރީ ވަނީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ސައުދީގެ ތިން ވަނަ ގޯލު ޖެހީ އެރިއާތެރެއިން ރީބައުންސް ބޯޅައަކުން އަބްދުލް އަޒީޒް ސައުދު އެވެ. ރާއްޖޭގެ ކީޕަރު ޝައިހާން އަލީ އަތުގައި ޖެހިފައި ނުކުތް ވަގުތު އަބްދުލް އަޒީޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ތިން ވަނަ ގޯލު ޖެހިތާ މިނިޓެއް ފަހުން، މެޗުގެ 23 ވަނަ މިނިޓްގައި ސައުދީން ހަތަރު ވަނަ ގޯލު ޖެހި އެވެ. ރަދީފް މި ލަނޑު ޖެހީ އޭރިއާތެރެއިން ރާްއްޖޭގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ދަނޑީގައި ޖައްސާފައި ގޯލަށް ބޮޅަ ފޮނުވާލައިގެންނެވެ.
މެޗުގެ 37 ވަނަ މިނިޓްގައި ރަދީފް ވަނީ ސައުދީގެ ފަސް ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި މެޝާރީ ވަނީ ސައުދީ އަށް ހަ ވަނަ ގޯލެއް ޖަހައިދީފަ އެވެ. މި ފަހަރު އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ޝައިހާން އަށް ލިބުމުގެ ކުރިން މެޝާރީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސައުދީ އަރަބިއްޔާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު
މެޗުގެ 54 ވަނަ މިނިޓްގައި ސައުދީގެ ހަތް ވަނަ ގޯލު ޖެހީ ޔާސީން އަތިއާ އަލްޒުބައިދީ އެވެ. އޭނާ މި ގޯލު ޖެހީ ކީޕަރު ޝައިހާން އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅައަކުންނެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، ޔަޒީދު ޔަހްޔާ ވަނީ ސައުދީގެ އަށް ވަނަ ގޯލު ޖަހައިފަ އެވެ.
ސައުދީގެ ނުވަ ވަނަ ގޯލަކީ މެޗުގެ 86 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މެޝާރީ ޖެހި ގޯލެކެވެ. މިއީ އޭރިއާތެރެއިން ރާއްޖޭގެ ވިޝާހު އަބްދުލް މަޖީދު (ވިއްޓު) ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ގޯލާ އެކު މެޝާރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ރާއްޖޭގެ ކީޕަރު ޝައިހާން އަތުން ދޫވި ބޯޅައެއް ހޯދައި، ސައުދީން ކުރި އެޓޭކެއްގައި އެ ޓީމުގެ ދިހަ ވަނަ ގޯލު ޖެހީ ޔަޒީދު ޔަހްޔާ އެެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ސައުދީގެ ފަހު ގޯލު ޖެެހީ ޕެނަލްޓީ އަކުން ސާލިހު އަހުމަދު އަލްރަހުމާނީ އެވެ. މިއީ ރާއްޖޭގެ ފުލްބެކް، އަހުމަދު މާއިޝް ރަޝީދު (މާއީ) ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުން އުޒްބެކިސްތާނުން ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ނަމަވެސް ވަނީ 3-0 އިން މިޔަންމާ ބަލިކޮށްފަ އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އުޒްބެކިސްތާން އޮތީ އެއް ވަނައިގަ އެވެ.
ރާއްޖޭން ގްރޫޕްގައި ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެެރޭ ކުޅޭނީ ޗައިނާއާ އެވެ. ޗައިނާ ކުޅުނު ފުރަތަމަ މެޗުން ވަނީ 3-1 އިން މިޔަންމާގެ މައްޗަށް ކުރިހޯދައިފަ އެވެ.












