ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ޖެހި ގިނ ގޯލުތަކާ އެކު 7-0 އިން މޮޅުވެ، އުޒްބެކިސްތާނުން މިރޭ ރަނގަޅު މޮޅެއް ހޯދައިފި އެވެ.
އަންނަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ހޯސްޓްކުރާ އުޒްބެކިސްތާނުން މިރޭ ސައުދީ އަރަބިއްޔާގެ ޕްރިންސް ސައުދު ބިން ޖަލާވީ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 23 މިނިޓް ތެރޭގައި ރާއްޖެ ކައިރިން ފަސް ގޯލުގެ ލީޑެއް ނެގި އެވެ.
އަދި ފުރަތަމަ ހާފު ނިންމާލީ ހަ ގޯލު ކުރީގައި އޮވެގެންނެވެ. ރާއްޖޭން ދެ ވަނަ ހާފުގައި ރަނގަޅަށް ޑިފެންސްކުރިއިރު، މި ހާފުގައި އުޒްބެކިސްތާނަށް ޖެހުނީ އެންމެ ގޯލެކެވެ.
ރާއްޖޭގެ ފުރަތަމަ އެގާރަ:
ޝައިހާން އަލީ (ގޯލްކީޕަރު)، އައިހަމް ސައީދު، ހުމައިދު ހުސެއިން (ކެޕްޓަން)، އަހުމަދު ޒައުލް ނާޒިމް، އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ)، އައިހަމް ހަމްދޫން، އަބްދުﷲ އަމީން އަލީ، އަހުމަދު މާއިޝް ރަޝީދު (މާއީ)، އަލީ އިޝްފާގު ހަސަން، އަހުމަދު އައިހަމް މޫސާ، ވިޝާހު އަބްދުލް މަޖީދު (ވިއްޓު)

އުޒްބެކިސްތާން ކޮޅަށް މިރޭ ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އަދަދު
މިރޭގެ މެޗު ފަށައިގެން 10 ވަނަ މިނިޓްގައި އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ރާއްޖޭގެ ޑިފެންސް ތެރެއިން ޖާގަ ހޯދައި، އުޒްބެކިސްތާނަށް ލީޑުނަގައިދިނީ މުޒައްމަދަލީ އުސްމަނޯފް އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، އޭރިއާބޭރުން ޖެހި ޝޮޓަކުން، އުޒްބެކިސްތާންގެ ކެޕްޓަން، ޝަހުޒޮދްބެކް ރަހުމަތުއްލަޔައޭފް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްފަ އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ޝައިހާންގެ އަތްމަތިން ގޯލުގެ މަތީ ކަނަށެވެ.
ފުލުފުލުގައި އުޒްބެކިސްތާނުން ރާއްޖޭގެ ޑިފެންސްގެ ތެރެއިން ކުދި ޕާސްތަކެއް ކުޅެގެން ގާތްގާތުގައި އިތުރު ތިން ގޯލު ޖެހި އެވެ. ތިން ވަނަ ގޯލު 15 ވަނަ މިނިޓްގައި ޖެހީ ރިއާން އިސްލާމޯފް އެވެ. އުސްމަނޯފް ވަނީ މެޗުގެ 22 ވަނަ މިނިޓްގައި އޭރިއާތެރެއިން އުޒްބެކިސްތާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެ ގޯލު ޖެހިތާ މިނިޓެއް ފަހުން، ރާއްޖޭގެ ކުޅުންތެރިންނަށް ދޫވެގެންދިޔަ ބޯޅައެއް ހޯދައި، އަސަދުބެކް ޖޮރަބޮއޭފް ވަނީ އުޒްބެކިސްތާންގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.
އެ ގޯލަށް ފަހު، ރާއްޖޭގެ ޑިފެންސް ކުރިއަށް ވުރެން ރަނގަޅަށް ކުޅެން ފެށި އެވެ. އެކަމަކު، ފަހަތަށް އަންނަ ބޯޅަތަކުގައި ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅު ތަނަަށް ނުދެވުމުގެ ފައިދާނަގައި، އުޒްބެކިސްތާނުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ވެސް ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން، ޝަހުޒޮދްބެކް އެވެ. އޭރިއާތެރެއިން ތަނަވަސްވި ފުރުސަތުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖޭން ދެ ވަނަ ހާފަށް ދެ ބަދަލު ގެނަ އެވެ. އެ ގޮތުން އައިހަމް މޫސާ އާއި ވިއްޓުގެ ބަދަލުގައި މުހައްމަދު ނާބިތު ހުސެއިން އާއި މުހައްމަދު ފާލިލް ފާއިގް ކުޅެން އެރުވި އެވެ.
އޭގެ ފަހުން، ރާއްޖޭގެ ޑިފެންސްގައި ތިބި ކުޅުންތެރިން ކޮންފިޑެންސާ އެކު، އޮގަނައިޒްކޮށް ކުޅެ، އުޒްބެކިސްތާނަށް ލިބެމުން ދިޔަ ޖާގަތައް ބައްދައިގެން ކުޅެން ފެށި އެވެ. އެކަމަކު، މި ހާފުގައި ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން، މެޗުގެ 57 ވަނަ މިނިޓްގައި އުޒްބެކިސްތާނުން މެޗުގައި ހަތް ވަނަ ގޯލެއް ޖެހި އެވެ. ވޮލީ އަކުން ޖެހި މި ގޯލާ އެކު އުޒްބެކިސްތާނުގެ އުސްމަނޯފް ހެޓްރިކް ފުރިހަަމަކުރި އެވެ.

ރާއްޖޭގެ މާއިޝް އާއި އަމީން ކައިރިން އުޒްބެކިސްތާންގެ އުސްމޮނޯފް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަދަދު
އޭގެ ފަހުން، މެޗުގެ ފަހު 30 އަކަށް މިނިޓްގައި ރާއްޖޭގެ ފަރާތުން ނިސްބަތުން ބަލާއިރު ރަނގަޅު ކުޅުމެއް ފެނުނެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަތަކުގައި ކީޕަރު ޝައިހާން ވެސް ރަނގަޅު ތަނަށް ވަދެ، ބޯޅަ ސަލާމަތްކުރި އެވެ. މި ހާފުގައި ރާއްޖޭން އެޓޭކަށް ބަދަލުތަކެއް ގެނެސްގެން، ކައުންޓަ އެޓޭކުގައި ފުރުސަތެއް ތަނަވަސްކުރެވޭތޯ ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، އުޒްބެކިސްތާންގެ ކީޕަރު، އަސްރޯރްބެކް ކެންޖައޭފް ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި އުޒްބެކިސްތާނާއި ރާއްޖޭގެ އިތުރުން ދެން އޮތީ ސައުދީ އަރަބިއްޔާ، ޗައިނާ އަދި މިޔަންމާ އެވެ. މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުން ޗައިނާ ވަނީ ފަހު ވަގުތު 3-1 އިން މިޔަންމާ ބަލިކޮށްފަ އެވެ.
ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ ސައުދީ އަރަބިއްޔާއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 11:30 ގަ އެވެ.
އޭޝިއާގެ 20 އަހަރުން ދަށުގެ ކޮލިފައިންގައި މިރޭ ކުޅުނު އެހެން ގްރޫޕްތަކުގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބަހްރޭންގައި ކުރިއަށްދާ ގްރޫޕް ބީގެ މެޗުތަކުން، ބޫޓާނުން ވަނީ 2-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. އަދި ބަންގްލަދޭޝުން ވަނީ 0-0 އިން ބަހްރޭނާ އެއްވަރުކޮށްފަ އެވެ.












