ވެނިސް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރު އަަދި އެކްޓްރެސްގެ އެވޯޑް ކޮލިން ފެރެލް އާއި ކޭޓް ބްލެންޗެޓަށްއަށް ލިބިއްޖެ އެވެ.
ކޮލިން ފެރެލްއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ "ދަ ބޭންޝީޒް އޮފް އައިނިޝެރިން" ފިލްމުގައި ކުޅުނު ރޯލަށެވެ. އެއީ އެކުވެރިޔަކާ އޮތް ގުޅުން ކެނޑުމުން ހިނގާ ކަންކަން ދައްކުވައިދޭ އަޔަލޭންޑްގެ ފިލްމެކެވެ.
އުމުރުން 46 އަހަރުގެ ކޮލިން ބުނީ އެވޯޑް ލިބުމަށް އޭނާ އުއްމީދު ނުކުރާ ކަމަށެވެ. އެ ފިލްމުގައި ދެން ފެންނަނީ އެކްޓަރު ބްރެންޑަން ގްލީސަަން އެވެ.
"ދަ ބޭންޝީޒް އޮފް އައިނިޝެރިން" ފިލްމު ލިޔެ ޑައިރެކްޓް ކުރީ މާޓިން މެކްޑޮނާ އެވެ. މާޓިން އާއި ބްރެންޑަން އަަދި ކޮލިން މީގެ ކުރިން ވަނީ ކޮމެޑީ ފިލްމް "އިން ބްރުޖެޒް" ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
ވެނިސް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ އުމުރުން 53 އަހަރުގެ ކޭޓް ބްލެންޗެޓްއަށް ފިލްމު "ޓާ" އިންނެވެ.

މި ޒަމާނުގައި އެކްޓިން ދާއިރާގައި އެންމެ މޮޅު އެކަކުގެ ގޮތުގައި ފާހަގަވެފައިވާ ކޭޓް ބްލެންޗެޓް މީގެ ކުރިން 2007 ގައި ވެސް މި އެވޯޑް ހާސިލްކުރި އެވެ. އެއީ މިޔުޒިކް އާޓިސްޓް ބޮބް ޑިލަންގެ ރޯލުން ފިލްމު "އައިމް ނޮޓް ދެއާ" އިންނެވެ.










