ސައުދީ އަރަބިއްޔާގައި މިއަދު ފަށާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ލައްވާލާފައި މި ވަނީ ކޮލިފައިންގެ އެންމެ ވަރުގަދަ ގްރޫޕްގައި ކަމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ރާއްޖެ ހިމެނޭ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގައި ދެން އޮތީ އުޒްބެކިސްތާން، ޗައިނާ، ސައުދީ އަރަބިއްޔާ އަދި މިޔަންމާ އެވެ. މީގެއިން ކޮންމެ ޓީމަކީ ވެސް މީގެ ކުރިން 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގައި ކުޅެ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމުތަކެކެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުމުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިއްޓެ ބުނީ މި މުބާރާތުގައި (ކޮލިފައިންގައި) އޮތް އެންމެ ވަރުގަދަ ގްރޫޕަކީ ގްރޫޕް އޭ ކަމަށެވެ. އަދި މި ގްރޫޕްގައި އޮތް ޓީމުތައް ކަމަށްވާ ޗައިނާ، ސައުދީ އަރަބިއްޔާ، އުޒްބެކިސްތާން އަދި މިޔަންމާއާ އަޅާކިޔާއިރު، ފެންނަ ފެނުމަށް ދަށް ކޮށް އޮތް ޓީމަކީ ރާއްޖެ ކަމަށެވެ.
"އަހަރެން ގަބޫލުކުރާގޮތުގައި އަހަރެމެންގެ ބަދުނަސީބުކަން އެއީ މި ގްރޫޕްގައި ލައްވާލުން. ފަހަރުގައި އަހަރެމެން އެހެން ގްރޫޕަކަށް ދިޔަަނަމަ، މިސާލަކަށް ގްރޫޕް ބީ، އެ ގްރޫޕްގައި އެބައޮތް ބަންގްލަދޭޝް، ނޭޕާލް ދެން ބޫޓާން، އެ ކަހަލަ ގްރޫޕަކަށް ދިޔަ ނަމަވެސް އަހަރެމެންނަށް ވަރުގަދަ ފައިޓެއް ދެވޭނެ. އެކަމަކު، މިހާރު މި އޮތް ގްރޫޕްގައި ރާއްޖެ ނުލައި ދެން އޮތް ހަތަރު ގައުމަކީ ވެސް ރާއްޖެ އަށް ވުރެ ވަރުގަދަ ޓީމުތަކެއް،" ހަތަރު ވަނަ ފަހަރަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތް ކުރަމުން އަންނަ ޝާކިއްޓެ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ ވާހަކަ ދައްކަނީ.-- ފޮޓޯ: އަދަދު
މީގެ ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ ޝާކިއްޓެ ބުނީ މި މުބާރާތުގެ މެޗުތައް ނަގަން ޖެހޭނީ މިހާރު އޮތް ޒުވާން ޓީމަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
"މި މުބާރާތުން އަހަރެމެންގެ ކުޅުންތެރިންނަށް ވަރަށް މުހިންމު ތަޖުރިބާތަކެއް ހޯދޭނެ. އެއީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް މި ކުޅެނީ. ދެން މެޗުތައް ކުޅޭއިރު ކޮންމެ ގޮތެއް ވެސް ވެދާނެ، މިރަކަލް އެއް ވެސް ފެނިދާނެ. އެކަމަކު، ރިއަލިސްޓިކްކޮށް ބަލަންޏާ މި ވަގުތަށް ފެންނާނީ އަހަރެމެންނަކީ މި ގްރޫޕް ފަހަނައަޅައި ނުދެވޭނެ ޓީމެއް ގޮތަށް،" ޝާކިއްޓެ ބުންޏެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ކޮބައިތޯ ނޫސްވެރިއަކު އެހުމުން ޝާކިއްޓެ ބުނީ ކޮންމެ މެޗެއްގައި ވެސް ވަރަށް ފަރުވާ ބަހައްޓައިގެން ޑިފެންސް އޮގަނައިޒްކޮށް ކުޅެން ޖެހޭނެ ކަމަށެެވެ.
"އަހަރެމެން މެޗުތަކުގައި އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ ޑިފެންސަށް، އެއީ އަހަރެމެން ވަރަށް ރަނގަޅަށް މި ޓީމުތަކާ ދެކޮޅަށް ޑިފެންސް ކުރަން ޖެހޭ. އެ އަށް ފަހު ދެން ވާގޮތެއް ބަލަން ޖެހޭނީ، އަހަރެންގެ ނަޒަރުގައި މި ފަދަ ވަރުގަދަ ގްރޫޕެއްގައި ޕޮއިންޓެއް ލިބުނަސް އެއީ ވެސް ބޮޑު އެޗީވްމަންޓެއް،" ޝާކިއްޓެ ބުންޏެވެ.
މި މަހު އެއް ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ދަންމާމުގައި ރާއްޖޭން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނައިރު، މިއަދު ފުރަތަމަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭނީ ރާއްޖެ ގަޑިން 20:15 ގަ އެވެ.












