މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތަކީ ކުރިއަށްދާން ބަލާއިރު ހިތްވަރެއް ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ސައުދީ އަރަބިއްޔާ އަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އައީ މި މަހު އެއް ވަނަ ދުވަހު އެވެ. ހަތަރު ޕްރެކްޓިހަށް ފަހު ގައުމީ ޓީމުން ވަނީ މިދިޔަ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބް، ހަލީޖް އެފްސީގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. އެ މެޗު ނިމުނީ 3-0 އިން ހަލީޖް މޮޅުވެގެންނެވެ.
"ޕާފޯމަންސް ހަމަ ރަނގަޅު ކަމަށް ފެންނަނީ، ދެ ހާފުގައި ދެ ޓީމެއް ލައިގެން ހަމަ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީގެން މި ކުޅުނީ،" ހަލީޖް މެޗަށް ފަހު ދިން އިންޓަވިއުގައި ޝާކިއްޓެ ބުންޏެވެ.
ހަލީޖާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ވަނީ މި ފަހަރު ސްކޮޑަށް އިތުރުވި ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ދީފަ އެވެ. ޝާކިއްޓެ ބުނީ އެ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި ކުޅެން ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ.
"ފަސް ކުޅުންތެރިން ވެސް މި މެޗުގައި ޓެސްޓް ކޮށްލަން ވެސް ލިބިއްޖެ. ލިބިގެން ޕޮޒިޓިވްކޮށް އެ މީހުންގެ ޕާފޯމަންސް ވެސް ފެނުނީ. ވަރަށް ރަނގަޅު މެޗެއް މި ލިބުނީ ހަތަރު ޕްރެކްޓިސް އަށް ފަހު،" ކުރިން ވެސް 19 އަހަރުން ދަށުގެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކޯޗު ބުންޏެވެ.

ހަލީޖް އެފްސީއާ ދެކޮޅަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރަ.-- ފޮޓޯ: އަދަދު
މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބްތައް އޭއެފްސީ ކަޕްގެ ކުރިން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފައިވެ އެވެ. މި މާހައުލުގައި ކުޅެލަން ލިބޭ މެޗުތަކުގެ ފައިދާ އެ ޓީމަށް ވެސް ކޮށްފައިވެ އެވެ.
އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ ހަތަރު މެޗަށް ބަލާއިރު، މި މަހު 10 ވަނަ ދުވަހު ކުޅޭނީ އުޒްބެކިސްތާނާ ދެކޮޅަށެެވެ. އޭގެ ފަހުން، 12 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު، 14 ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި 18 ވަނަ ދުވަހު ފަހު މެޗުގައި މިޔަންމާއާ ކުޅޭނެ އެވެ.
ވަރުގަދަ ޓީމުތަކަކާ ކުޅެން ޖެހޭތީ 10 ވަރަކަށް ދުވަސް ކުރިން ރާއްޖޭން ސައުދީ އަރަބިއްޔާ އަށް އައީ މާހައުލަށް ހޭނިލައި، ކުޅުންތެރިން އެއްތަނެއްގައި ތިބެ، ޓްރެއިނިން ކޭމްޕެއް ގޮތަށް ތައްޔާރީތައް ރަނގަޅަށް ގެންދިއުމުގެ ބޭނުމުގަ އެވެ.
"ހަގީގަތުގައި މި މުބާރާތުގައި ކުޅެން ޖެހޭ ވަގުތުތަކަށް ވުރެ އަވަސް ވަގުތެއްގައި މި މެޗު (ހަލީޖް މެޗު) މި ކުޅުނީ. ފަހެއް ޖެހިއިރު މި މެޗު މި ފެށީ. އާންމުކޮށް މި އަށް ވުރެން ލަހުން މުބާރާތުގެ މެޗުތައް އޮތީ، ދެން މި މެޗު ފެށިއިރު ފުދޭ ވަރަކަށް ހޫނުކޮށް އޮތީ. އެކަމަކު، ވެސް މި ހޫނުގައި ވެސް ވަރުބަލިނުވެ ވަރަށް ރަނގަޅަށް ކުޅެފި،" ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތް ކޮށްފައިވާ ޝާކިއްޓޭ ބުންޏެވެ.
"ދެން، ހަމަ މިތަނުގައި މި ކުރި ޕްރެކްޓިހާއި މާލޭގައި ކުރި ޕްރެކްޓިހުގެ ނަތީޖާ އެބަ ފެނޭ. ހުރިހާ ކުޅުންތެރިންގެ ވެސް ފިޓްނަސް ރަނގަޅު، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތަން އެބަފެނޭ. އެއީ ވެސް ޕޮޒިޓިވް ކަމެއް، ހިތްވަރެއްގެ ގޮތުގައި ދެކެނީ،"

ހަލީޖް ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އިޝްފާގު (ކ) ބޯޅަ ފޮނުވާލަނީ.
ޝާކިއްޓޭ ބުނީ ގްރޫޕްގައި ކުޅެން ޖެހޭ މެޗުތަކަށް ބަލާއިރު، ރާއްޖޭން ވިސްނަން ޖެހޭނީ ޑިފެންސިވް ވިސްނުމެއްގެ ގޭމަކަށް ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ގްރޫޕްގައި މި ހުރި ޓީމުތަކަށް ބަލާއިރު ރާއްޖެ އަށް ވުރެ ވަރަށް ބޮޑުތަން ތަފާތު މޮޅު ޓީމުތަކެއް މި އޮތީ، އެހެންވީމަ ރާއްޖޭން ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ޑިފެންސަށް ބަލައިގެން ޑިފެންސިވް ގޭމެއް ކުޅެން ޖެހޭނީ، އެހެންވެ، މިދިޔަ ދުވަސްތަކުގައި ވެސް ޑިފެންސަށް އިސްކަންދީގެން އެ ގޮތަށް މި ޓީމު ބައްޓަން ކުރަމުން މިދަނީ. ކައުންޓަ އެޓޭކު ސިސްޓަމަށް އެ ކަހަލަ ގޮތަކަށް މި ރާވަނީ، ޕްރެކްޓިހުގެ ނަތީޖާ އެބަފެނޭ،" އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އަންނަ ކޯޗު ބުންޏެވެ.
މިއީ މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅޭ ދެ ވަނަ މުބާރާތެވެ. މިދިޔަ ޖުލައި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ކުޅުމަށް ބަލާއިރު، މި ފަހަރުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހެނީ މަތީ ލެވަލްގެ މެޗުތަކެއް ކަމަށް ވިޔަސް ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ޓީމުން ގަބޫލުކުރެ އެވެ.
ހަލީޖް މެޗަށް ފަހު އެއް ދުވަހުގެ ރިކަވަރީ އަށް ބްރޭކެއް ދިނުމަށް ފަހު މިއަދު ޕްރެކްޓިސް ކުރިއަށްދާނެ އެވެ.












