އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް ރެޔަކީ ހާއްސަ ރެޔެކެވެ. އެ ކުންފުނީގެ އާ ޕްރޮޑަކްޓު ރޭންޖު ރޭ ލޯންޗުކުރިއިރު އެންމެ ބޮޑު ސަމާލުކަމެއް އެހެން އަހަރުތަކެކޭ އެއްގޮތަށް ލިބުނީ ވެސް އާ އައިފޯނަށެވެ. މިފަހަރު ވެސް އެޕަލްއިން އައިފޯންގެ ދެ ރޭންޖެއް ލޯންޗުކުރި އެވެ.
އައިފޯން 14 އަދި އައިފޯން 14 ޕްލަސް

އެހެން އަހަރުތަކާ ހިލާފަށް އައިފޯން 14 ގެ ސައިޒުން ބޮޑު މޮޑެލްއެއް ޕްރޯ ރޭންޖުގެ ބޭރުން މިއަހަރު އެޕަލްއިން ލޯންޗުކުރި އެވެ. އައިފޯން 14 ގެ ޑިސްޕްލޭގައި 6.1 އިންޗު ހުންނައިރު އައިފޯން 14 ޕްލަސްގެ ޑިސްޕްލޭގައި 6.7 އިންޗް ހުންނާނެ އެވެ. މި ދެ ފޯނުގައި ވެސް ޕްރޯ މެކްސް ފޯނުތަކުގެ ބެޓަރީ ލައިފް ހުންނާނެ އެވެ.
އާ އޭ-15 ބަޔޮނިކް ޗިޕަކާ އެކު ލޯންޗުކުރާ މި ދެ ފޯނުގެ ކެމެރާ ސިސްޓަމް ވެސް ވަނީ ވަރަށް ބޮޑަށް އަޕްގްރޭޑު ކޮށްފަ އެވެ. އޮޓޯ ފޯކަސް އަވަސް ކޮށްފައިވާއިރު ލޯ ލައިޓުގައި ނަގާ ފޮޓޯތައް މިހާރު މާ ފުރިހަމަ ވާނެ އެވެ. އެކްޝަން މޯޑާ އެކު ވީޑިއޯ ސްޓެބިލައިޒިން ވެސް ވަނީ އިތުރަށް ރަނގަޅުކޮށްފަ އެވެ.
ހަމައެހެންމެ، ރޭންޖު ނުލިބޭ ހިސާބުގައި ހުއްޓާ ކަމެއް ދިމާވެއްޖެނަމަ ސެޓެލައިޓް މެދުވެރިކޮށް އެހީއަށް އެދެވޭނެ ހާއްސަ ފީޗާއެއް ވެސް ވަނީ ހިމަނާފަ އެވެ.
އައިފޯން 14 ގެ އަގުތައް ފެށެނީ 799 ޑޮލަރަށެވެ. އަދި، އައިފޯން 14 ޕްލަސްގެ އަގުތައް ފެށެނީ 899 ޑޮލަރަށެވެ. ދެ ފޯނަށް ވެސް މާދަމާ އިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ އެވެ.
އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް

ޕްރޯ ރޭންޖުގެ އައިފޯނަށް އެންމެ ހާއްސަ އެއް ފީޗާއަކީ "ޑައިނަމިކް އައިލެންޑް" ގެ ގޮތުގައި ރޭ އެޕަލްއިން ދައްކާލި ފީޗާ އެވެ. ފޯނުގެ ޑިސްޕްލޭގެ މަތީގައި އިންނަ ނޮޗަކީ އަންނަ ނޯޓިފިކޭޝަންތަކާއި ބެކްގްރައުންޑް އެކްޓިވިޓީތައް މާ ފުރިހަމައަށް ދައްކުވައިދޭނެ ތަނެކެވެ. އޮލްވޭސް އޮން ޑިސްޕްލޭއެއް މި ފޯނުތަކަށް އެޕަލްއިން ގެނައިއިރު މުޅިން އާ އޭ-16 ބަޔޮނިކް ޗިޕެއް ވެސް ވަނީ ހިމަނާފަ އެވެ.
މެއިން ކެމެރާގެ ސެންސާ 48 މެގަޕިކްސަލްއަށް ބޮޑުކޮށްފައިވާއިރު އެޕަލްގެ "ޕްރޯ ރޯ" ފޯމެޓުގައި ފޮޓޯތައް ނަގާލެވޭނެ އެވެ. އަދި، 24 ފްރޭމްގައި ވީޑިއޯތައް ވެސް ނަގާލެވޭނެ އެވެ. ޕްރޯ ރޭންޖުގެ ފޯނުތަކަށް ވެސް ސެޓެލައިޓް މެދުވެރިކޮށް އެސްއޯއެސް ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.
ޖުމުލަ ހަތަރު ކުލައަކުން މި ފޯނުތައް ލިބޭނެ އެވެ. އެއީ ގޯލްޑް، ސިލްވާ، ސްޕޭސް ބްލެކް އަދި ޑީޕް ޕާޕަލް އެވެ.
އައިފޯން 14 ޕްރޯ ގެ އަގުތައް ފެށެނީ 999 ޑޮލަރަށެވެ. އަދި، އައިފޯން 14 ޕްރޯ މެކްސްގެ އަގުތައް ފެށެނީ 1،099 ޑޮލަރަށެވެ. ދެ ފޯނަށް ވެސް މާދަމާ އިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ އެވެ.
އެއާޕޮޑްސް ޕްރޯ 2

އެޕަލްގެ އެންމެ މަޝްހޫރު އުފެއްދުމަކީ އެއާޕޮޑްސް ކަމަށްވާއިރު އާ ޗިޕަކާ އެކު ލޯންޗުކުރި އެއާޕޮޑްސް ޕްރޯ ހުރިހާ ގޮތަކުން ވެސް ކުރީގެ ވާޝަންތަކަށް ވުރެ ފުރިހަމަވާނެ ކަމުގެ ޔަގީންކަން އެޕަލްއިން ދެ އެވެ. ސްޕޭޝިއަލް އޯޑިއޯ ޕާސަނަލައިޒް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާއިރު ނޮއިސް ކެންސެލޭޝަން ވެސް ވަނީ އިތުރަށް ރަނގަޅުކޮށްފަ އެވެ.
އެއާޕޮޑްސް އިން ހަ ގަޑިއިރު ލަވަ އަޑުއަހާލެވޭއިރު ޗާޖިން ކޭސްގައި 30 ގަޑިއިރުގެ ޗާޖު ހުންނާނެ އެވެ.
އާ އެއާޕޮޑްސް ޕްރޯ 2 ވިއްކަން ފަށާނީ 249 ޑޮލަރަށެވެ.
އެޕަލް ވޮޗް ސީރީސް 8

ސްމާޓް ވޮޗަށް ލޯބިކުރާ އެންމެންގެ މެދުގައި ވެސް މަގުބޫލު އައިވޮޗް ގެ ސީރީސް 8 ނެރުނުއިރު ބެޒެލްތައް ކުޑަކޮށް ޑިސްޕްލޭގެ ސައިޒް ވަނީ ބޮޑުކޮށްފަ އެވެ. އާ ޓެމްޕަރޭޗާ ސެންސަރެއްގެ އިތުރުން އާ ސޭފްޓީ ފީޗާތަކެއް ވެސް ވަނީ ހިމަނާފަ އެވެ.
އެގޮތުން، ކްރޭޝް ޑިޓެކްޝަން ފީޗާއާ އެކު އެކްސިޑެންޓެއް ފަދަ ކަމެއް ދިމާވެއްޖެނަމަ އިމަޖެންސީ ހާލަތްތަކުގައި އަންގަން ޖެހޭ މީހުންނަށް ވަގުތުން އަންގާނެ އެވެ. ބެޓަރީ ލައިފް ވެސް 36 ގަޑިއިރަށް ދަންމާލާފައިވާއިރު ވޮޗްއޯއެސް 9 އަކާ އެކު އިންޓަނޭޝަނަލް ރޯމިންގެ ހިދުމަތް ވެސް ސެލިއުލާ އައިވޮޗްތަކަށް ލިބޭނެ އެވެ.
އާ ވޮޗް ސީރީޒްގެ އަގުތައް 399 ޑޮލަރުން ފެށޭއިރު އެޕަލް ފިޓްނެސް ތިން މަހު ހިލޭ ލިބޭނެ އެވެ.








