ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް އަނެއްކާވެސް ސިއްހީ މައްސަލަތަކެއް ދިމާވެ، ޓުއާ މެދުކަނޑާލަން ނިންމައިފި އެވެ.
މިދިޔަ ޖޫން މަހު ރަމްސީ ހަންޓް ސިންޑްރޯމްއަށް ޑަޔަގްނޯޒް ކުރި ބީބާގެ މޫނުގެ އެއް ފަޅުން ވާގި ނެތުނުކަން އިއުލާން ކުރި އެވެ.
އުމުރުން 28 އަހަަރުގެ ބީބާ ބުނީ "ޖަސްޓިސް" ޓުއާގެ ތެރެއިން އޭނާގެ ސިއްހީ ހާލު ގޯސްވެފައި ވާތީ ޓުއާ މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް އިއުލާން ކުރި އިރު، ބީބާ އެނބުރި ސްޓޭޖަށް ނިކުތީ ވެސް މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
"ޖަސްޓިސް" ޓުއާގައި ބްރެޒިލްގައި ދިން ޝޯއަށް ފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބީބާ ބުނީ "ހަށިގަނޑުގައި ހުރިހާ ހަކަތައެއް ޓުއާއަށް ދީފައިވާ" ކަމަށެވެ.

ރަމްސީ ހަންޓް ސިންޑްރޯމް ދިމާވަނީ މީހެއްގެ މޫނުން ކަންފަތާ ދިމާލުން، ފާނަބަސަންދު ވައިރަހުން ޖެހޭ ޝިންގަލްސް ފެތުރި މޫނު ޕެރެލައިޒްވުމުންނެވެ.
އެއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. ޝިންގަލްސް ކުރިމަތި ވަނީ ކުރިން ފާނަބަސަންދު ޖެހި ހަށިގަނޑުގައި ހުރި ވައިރަސް، އަލުން އެކްޓިވޭޓްވުމުންނެވެ. އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމުން އަަދި މާ ބޮޑަށް ސްޓްރެސްވުމުން ވާ ގޮތެކެވެ.










