މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އިން ވެސް ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓީމުގެ ކެޕްޓަން، ހުމައިދު ހުސައިން ބުނެފި އެވެ.
މި މަހު އެއް ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ދަންމާމުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ މި މަހު 10 ވަނަ ދުވަހު ފަށާ އޭޝިއާ 19 އަހަރުން ދަށުގެ ކޮލިފައިން އަށެވެ.
ކޮލިފައިން ފެށުމުގެ 10 ވަރަކަށް ދުވަސް ކުރިން ޒުވާން ގައުމީ ޓީމު ސައުދީ އަރަބިއްޔާ އަށް އައީ މާހައުލަށް ހޭނިލުމަށާއި ޓީމު އެކުގައި ތިބެގެން ޕްރެކްޓިސް ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ. ޕްރެކްޓިސްތައް ފެށުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އުމްރާއެއް ކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގައި މިހާތަނަށް ހަތަރު ޕްރެކްޓިސް ކުރެވިފައިވާއިރު، ޓީމުގެ ފަރާތުން ބޭނުންވާ ކަންކަން ޖުމްލަކޮށް ބަލާއިރު، ހާސިލްވަމުން އަންނަކަން ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި ފަހަރުގެ ކޮލިފައިން މެޗުތަކަށް އައުމުގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓީމު ވަނީ މިދިޔަ ޖުލައި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދިޔަ 20 އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި މެޗަކަށް ފަހު މެޗެއް ޓީމުން ކުރިއެރުން ހޯދި އެވެ. ޓީމުގެ ކެޕްޓަން ހުމައިދު ދެކޭ ގޮތުގައި އެއީ ކޮލިފައިން މެޗުތަކަށް ނުކުންނައިރު ލިބޭނެ ހިތްވަރެކެވެ.
"މި ކޮލިފައިންގެ ކުރިން ސާފްގެ މުބާރާތް ކުޅެލަން ލިބުނީމަ ޓީމަށް ވަރަށް ބޮޑަށް އިމްޕްރޫވްމަންޓް އައިސްފައިވަނީ، ދެން ޓީމު ކުޑަކޮށް ޗޭންްޖްވެފައި ހުރީ ވެސް. ޗޭންޖްގައި ޓީމު އިތުރަށް ވަރުގަދަ ވެގެން ދިޔައީ،" ހުމައިދު ބުންޏެވެ.
ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ސައުދީގައި ޓްރެއިނިން މެޗެއް ރޭވުމަށް ކުރެވުނު މަސައްކަތުން މިއަދު ކުޅެން ފުރަތަމަ ހަމަޖެހުނު މެޗަކީ ސައުދީގެ ދެ ވަނަ ޑިވިޝަނުގެ އަލް-ތަރާޖީ ސްޕޯޓްސް ކްލަބާ އެވެ. އެކަމަކު، އެ ޓީމަށް ފަހު ވަގުތު މެޗު ކުޅެވޭގޮތް ނުވުމުން މިއަދު މެޗު ކުޅެން ނިންމީ ސައުދީ ޕްރޯ ލީގުގެ ހަލީޖް އެފްސީގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.
"ކޮލިފައިންގެ ކުރިން މާދަމާ (މިއަދު) މެޗު ކުޅެވޭތީ އެއީ ކޮލިފައިން އަށް ތައްޔާރުވާން ވަރަށް ބޮޑު ފުރުސަތެއް އަނެއްހެން ބުނާނަމަ،" މެޗެއް ކުޅެލަން ލިބުމުގެ ހިތްހަމަަޖެހުން ފާހަގަކޮށް ހުމައިދު ބުންޏެވެ.

ސައުދީގައި ޒުވާން ގައުމީ ޓީމު ކުރިއަށް ގެންދިޔަ ޓްރެއިނިންއެއްގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް
އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗުތަކަށް ބަލާއިރު، މި މަހު 10 ވަނަ ދުވަހު ކުޅޭނީ އުޒްބެކިސްތާނާ ދެކޮޅަށެެވެ. އޭގެ ފަހުން، 12 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު، 14 ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި 18 ވަނަ ދުވަހު ފަހު މެޗުގައި މިޔަންމާއާ ކުޅޭނެ އެވެ.
"ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅޭއިރު، ކޯޗު ބުނާގޮތަށް ހުރިހާ ކަމެއް ކޮށްގެން، ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް މި އުންމީދުކުރަނީ،" އޭޝިއާ ފުޓްބޯޅައިގެ ނަން މަޝްހޫރު ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭ މެޗުތަކަށް އިޝާރާތްކޮށް ހުމައިދު ބުންޏެވެ.
މި ވަގުތު 19 އަހަރުން ދަށުގެ ގައުމީ ޓީމުގައިި ތިބި މެޖޯރިޓީ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ގަވާއިދުން ދިވެހި ޕްރިމިއާ ލީގުގައި ކުޅެފައިވާ ކުޅުންތެރިންނެވެ. މެޗު ފިޓްނަސް އަށް ބަލާއިރު، އެ ކުޅުންތެރިން ހުރި ލެވަލް ރަނގަޅުވާނެ އެވެ.
"މިތާގައި ވަރަށް ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ފަސްޓް ޑިވިޝަން ކުޅޭ ކުޅުންތެރިންނަށް ވެފައި، އޭގެ ވަރަށް ބޮޑު އިފެކްޓެއް ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށް މި ބަލަނީ،" ކްލަބް އީގަލްސް އަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.
ޖުލައި މަހު ސާފް ޗެމްޕިއަންޝިޕަށް ދިޔައިރު، އެކަށީގެންވާ ވަރަށް މުޅި ޓީމަށް އެކުގައި ޕްރެކްޓިސް ނުކުރެވުމުގެ މައްސަލަ މުބާރާތުގައި ދިމާވި ނަމަވެސް މި ފަހަރު އެ ކަހަލަ ކަންތައްތަކަށް ކުރިއާ އަޅާބަލާއިރު، ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުން ހަލީޖް އެފްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު އެވެ.












