ރިޕޯޓުކޮލެޖުގެ ކިޔެވުން އެންމެ ރަނގަޅީ އޮންލައިންކޮށްތަ؟ ހާޒިރުވެގެންތަ؟

ކޮލެޖުގެ ކިޔެވުން އެންމެ ރަނގަޅީ އޮންލައިންކޮށްތަ؟ ހާޒިރުވެގެންތަ؟

އޮންލައިންކޮށް ކިޔަވައިދިނުމުގައި މިހާރަށްވުރެ ބޮޑަށް ދަރިވަރުން ޝާމިލުކުރެވޭނޭ ގޮތްތައް ދިރާސާކުރެވި، އެ ގޮތްތައް ތަންފީޒުކުރެވިގެން މެނުވީ އޮންލައިން ކްލާސްތަކުގެ ހަގީގީ ފައިދާއެއް ނުފެންނާނެ. އެކަމަކު އެއީ ހާލަތު ނިޔާކުރާ ގޮތުން، އިހުތިޔާރު ކުރަންޖެހިދާނެ މަގެއް.

ރާއްޖޭގެ ކޮލެޖުތަކުގެ ދަސްވެނިވުން؛ ކިޔަވައިދިނުން އެންމެ ރަނގަޅީ އޮންލައިންކޮށްތޯ ނުވަތަ ކްލާހަށް ހާޒިރުވެތޯ މިއީ ކުރެވޭ ބަހުސެއް
ރާއްޖޭގެ ކޮލެޖުތަކުގެ ދަސްވެނިވުން؛ ކިޔަވައިދިނުން އެންމެ ރަނގަޅީ އޮންލައިންކޮށްތޯ ނުވަތަ ކްލާހަށް ހާޒިރުވެތޯ މިއީ ކުރެވޭ ބަހުސެއް

"ކޮވިޑަށްފަހު ކޮލެޖުތަކުން އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު ހަމަޖެހުމުން އަހަންނަށްވެސް އަމިއްލަ ރަށުގައި، އާއިލާ ކައިރީގައި ހުރެ އެންމެ ބޭނުންވާ ދާއިރާއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނު. ނަމަވެސް ދެ އަހަރުގެ މަސައްކަތް ސަލާމަތްކޮށް، ޑިގްރީ ނިންމަން ބޭނުން ނަމަ އަހަންނަށް މާލެ ބަދަލުވާން މިހާރު މަޖުބޫރު،" މިއީ ރާއްޖޭގެ ކޮލެޖަކުން މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއްގެ ކަންބޮޑުވުމެވެ.

ކޮވިޑާއެކު ހުރިހާ ކަމެއް ޑިޖިޓަލައިޒް ވެގެންދިޔައިރު، ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ކޮލެޖަށް ހާޒިރުވެ، ކިޔެވުން މުޅިން މަޑުޖެހިފައި އޮތުމާއެކު، ރަށްރަށުގައި ދިރިއުޅޭ ދަރިވަރުން ވެސް އޭގެ ފައިދާ ނަގަން ފެށި އެވެ. މާލޭގައި ކުލީގެ އަޅުވެތިކަމުގައި ނުޖެހި މަތީ ތައުލީމު ހާސިލު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެ ދަރިވަރުންނަށް ލިބުނު ބޮޑު ލުޔެކެވެ. ނަމަވެސް، މިހާރު އިއުލާނުކޮށްފައި އެއޮތީ އޮންލައިން ކިޔެވުން މަޑުޖައްސާލީ ކަމަށެވެ. އެކަން އެގޮތަށް ހަމަޖެހިގެން ދިޔައީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނެރުނު އުސޫލަކާއެކު އެވެ.

އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔެވުން ރެގިއުލޭޓު ކުރުމަށް އެމްކިއުއޭއިން ނެރުނު އުސޫލަކީ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ބޭނުމުގައި ނެރުނު އުސޫލެކެވެ. އެ އުސޫލުގައިވާ ގޮތުން ކޮލެޖު/ޔުނިވާސިޓީތަކުން އޮންލައިންކޮށް ކިޔަވައިދެވޭނީ އެ ޝަރުތުތައް ހަމަވާ ނަމަ އެވެ. އެ އުސޫލު ބުނާގޮތުން އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ ދެވޭނީ ސަރުކާރުގެ ހުއްދައާއެކު މަތީ ތައުލީމު ދެމުންގެންދާތާ ފަސް އަހަރުވެފައިވާ މަރުކަޒުތަކަށް އެކަންޏެވެ.

އެމްކިއުއޭގެ ގައިޑްލައިނުގައިވާ ގޮތުން އޮންލައިންކޮށް ކިޔަވައިދޭން ބޭނުންވާ ކޮލެޖުތަކުން އެތަންތަނުގެ އަމިއްލަ އީ-ލާނިން ޕޮލިސީއެއް ލިޔެފައި އޮންނަން ޖެހެ އެވެ. އަދި އެ ޕޮލިސީގައި، އެ މަރުކަޒަކުން އޮންލައިންކޮށް ކިޔަވައިދޭ ޕްރޮގްރާމެއް، އެފަދައިން ކިޔަވައިދިނުމަށް އެކަށީގެންވާ ސަބަބު ފަދަ މުހިންމު މައުލޫމާތުތަކެއް ހިމަނަން ޖެހެ އެވެ.

މީގެ އިތުރުން މެޑިސިން، ޑެންޓިސްޓްރީ، ނާސިން، ޓީޗިން، އިންޖީނިއަރިން، އާކިޓެކްޗާ، ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމުގެ އިތުރުން ގުރުއާނާ ގުޅުން ހުރި މާއްދާތައް އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް ލައިސަންސެއް ބޭނުންވާ އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެމްކިއުއޭގެ ގައިންޑްލައިނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގައިޑްލައިނުގެ ނަތީޖާއެއްގެ ގޮތުން ގިނަ ކޮލެޖުތަކުން އޮންލައިންކޮށް ކިޔަވައި ދިނުން މަޑުޖައްސާލާ، ދަރިވަރުން ކްްލާހަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެއާއެކު، ރަށްރަށުގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރުންނަށް މާލެ ބަދަލުވާން މަޖުބޫރުވީ އެވެ. އޮންލައިންކޮށް ކިޔަވައިދިނުމާމެދު ހިޔާލުތަފާތުވުން އުފެދިފައިވާއިރު، ބައެއް ދަރިވަރުން ދެކެނީ، ކްލާހަށް ހާޒިރުވެ ކިޔެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބައެއް ދަރިވަރުން ފާހަގަކުރާ ގޮތުގައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަކީ، ކްލާހުގައި ޝާމިލުވެ، އަމިއްލައަށް ކިޔަވަން ދޭ ސަމާލުކަން ކުޑަވާ ކަމެކެވެ. އޮންލައިންކޮށް ކްލާސް ކުރިއަށް ގެންދާތީ، ފަސޭހަ ވެގެންގޮސް، ކްލާހުގައި ހުރެ ނިދޭ ދުވަސްތައް ވެސް އާދެ އެވެ. އަދި ކްލާހަށް ޖޮއިންކޮށްގެން ހުރެ އެހެނިހެން ކަންތައްތައް ވެސް ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ކްލާހުގައި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ފަހުމު ނުވަނީ އެވެ. މިފަދަ ދަރިވަރުން ދެކޭގޮތުގައި ރަނގަޅު ތައުލީމެއް ލިބޭނީ ކޮލެޖަށް ހާޒިރުވެ ކިޔެވުމުންނެވެ.

"ޓީޗިންގ، ސައިކޮލޮޖީ، މިފަދަ ޕްރޮގްރާމުތަކުގައި ވަރަށް މުހިންމު ވާނެ ކްލާހަށް ހާޒިރުވެ ދަސްކުރަން. މިއީ ވަރަށް ޕްރެކްޓިކަލް މޮޑިއުލްސް އަދި ސްކިލްސް ދަސްކުރަން ޖެހޭ ފަދަ ޕްރޮގްރާމުތައް، ކްލާހަށް ހާޒިރުވެ، އޮބްޒާވްކޮށްގެން މި ސްކިލްތައް ވަރަށް ބޮޑަށް ދަސްވާނެ. އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާއިރު، ކުދިންނަށް އެ އެޕްލައި ކުރެވޭނީ ކިހާވަރަކަށް ކަމެއް ނޭނގެ" ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއްގެ ޑީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޕްލިކޭޝަން ބޭސްޑް މޮޑިއުލްތަކުގައި ކުދިން ކްލާހަށް ހާޒިރުވެ ކިޔެވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ޕްރޮގްރާމުތަކުގައި ވެސް ޕްރެކްޓިކަލް މޮޑިއުލްތައް ހިމެނޭތީ، އެފަދަ މޮޑިއުލްތަކުގައި ކްލާހަށް ހާޒިރުވެ ކިޔެވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެންމެ ހިތާމަވެރިކަމަކީ މަތީ ތައުލީމު ހާސިލުކޮށްގެން ވަޒީފާއަށް ނިކުންނަ މީހުންނަށް، އެމީހުން ކިޔެވި އެއްޗެއް ބޭނުންކުރަން ނޭނގުމެވެ. ތައުލީމަކީ ވަޒީފާގެ މާހައުލަށް ނިކުންނައިރު، ތިމާ ކިޔަވައިގެން ނިކުންނަ އެއްޗެއް ބޭނުން ކުރަން އެނގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތައުލީމު އުނގެނެންވީ ފަސޭހަވީތީއެއް ނޫން، އޭގެ ފައިދާއަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮންލައިން ކްލާސްތައް ހިންގިއިރު، ކުދިން ކްލާހުގައި ތިބީ ނަމަކަށް ކަން އިހުސާސް ކުރެވޭ ދުވަސްތައް އަންނަ ކަމަށާއި ކިޔަވައިދޭ އެއްޗެއް ކުދިންނަށް އެނގެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ. ދަރިވަރުން އެނބުރި ފޭސް ޓު ފޭސް ކްލާހަށް އައިމަ، ކުރިން ކިޔެވުމަށް ހުރި ހިތްވަރާއި އަޒުމު ނެތްކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ބައެއް ކޯސްތައް އޮންލައިންކޮށް ކިޔެވުމުން، އޭގެއިން ލިބެންޖެހޭ އިލްމީ ފައިދާ ދަށް ކަމަށާއި ބައެއް ކޯސްތަކަކީ އޮންލައިންކޮށް ކިޔެވުމުން ގެއްލުން ނުވެދާނެ ކޯސްތައް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ގުރުއާން ކޯސްތަކަކީ އޮންލައިންކޮށް ކުރިއަށް ގެންދަން އުނދަގޫ ކޯސްތަކެއް ކަމަށާއި، ގުރުއާން ދަސްކުރަން މުދައްރިސަކާއެކު އަޑުދަށުން ކިޔެވުމަކީ، އެއް ހާޒިރެއްގައި ތިބެގެން ކުރެވެންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ މާއްދާތައް ހުންނާނެކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖެ ތަރުތީބުވެފައި އޮތްގޮތުން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތުވެސް އެއްކޮށް ގެއްލި ދިއުމަކީ ރަނަގޅު ގޮތެއް ނޫން ކަމަށެވެ.

"ހަމައެކަނި ސެޓްފިކެޓަށްޓަކައި ކިޔެވުމެއް ނޫންދޯ އަސްލު މަގުސަދަކަށް ވާންޖެހޭނީ. މަގުސަދަކަށް ވާން ޖެހޭނީ އޭގެއިން އިލްމީ ފައިދާ ލިބޭނެ ގޮތަކަށް ކިޔެވުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޮންލައިންކޮށް ކިޔެވުމުން ތައުލީމީ ފެންވަރު ދަށްވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮވިޑުތެރޭގައި އޮންލައިންކޮށް ކިޔަވަން ޖެހުނުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ތައުލީމީ ފެންވަރު ބިނާވެފައި އޮންނަނީ ހަމައެކަނި ކޮލެޖުގެ ކްލާސްރޫމުން ނޫން ކަމަށާއި، އެއީ އެ ދަރިވަރަކު ކުރާ މަސައްކަތެއްގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ކަމަށެެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް އެއްބަސްވާ ގޮތުގައި، އުނގެނުމުގައި އެންމެ ކާމިޔާބު ގޮތަކީ ކްލާހަށް ހާޒިރުވެގެން ކިޔެވުމެވެ. އެއީ ޒަމާނުއްސުރެ އެކަން ކުރަމުން އައި ގޮތް ވެސް މެ އެވެ. ކޯވިޑްގެ ހާލަތާއެކު އޮންލައިންކޮށް ކިޔަވައިދިނުން މަޖުބޫރުވި އެވެ. އެފަދަ ހާލަތެއް އަލުން ތަޖުރިބާ ކުރަންޖެހުމަކީ ދުރުކަމެއް ނޫން ކަމަށް ދެކި، އެކަމަށް ތައްޔާރުވާންވީ ވަގުތަކީ މިއީ އެވެ.

އޮންލައިންކޮށް ކިޔަވައިދިނުމުގައި މިހާރަށްވުރެ ބޮޑަށް ދަރިވަރުން ޝާމިލުކުރެވޭނޭ ގޮތްތައް ދިރާސާކުރެވި، އެ ގޮތްތައް ތަންފީޒުކުރެވިގެން މެނުވީ އޮންލައިން ކްލާސްތަކުގެ ހަގީގީ ފައިދާއެއް ނުފެންނާނެ އެވެ. އެކަމަކު އެއީ ހާލަތު ނިޔާކުރާ ގޮތުން، އިހުތިޔާރު ކުރަންޖެހިދާނެ މަގެކެވެ. އެ ވަގުތާހަމައަށް، އަދި އެންމެ ރަނގަޅު ގޮތެއްކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން އެއްބަސްވަނީ ކްލާހަށް ހާޒިރުވެގެން ކިޔެވުމެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox