ސޯޝަލް މީޑިއާއަށް އާންމުކޮށްލި ވީޑިއޯތަކުގައިވާ މަންޒަރުތަކަކީ ގައިމު މި ދިވެހި މުޖުތަމައުގައި ބަލައިގަންނާނެ އަމަލެއް ނޫނެވެ. ދިވެހިންގެ އިސްލާމް ދީނުގައި "އާދައިގެ" ކުށެއް ނޫނެވެ. އެފަދަ ކުށްކުށަށް ހާއްސަ ގާނޫނެއް އޮވެ، އޭގައި ހަރުކަށި އަދަބުތަކެއް އެކުލެވެނީ ވެސް އެހެން ވެގެނެވެ.
ބަންގްލަދޭޝްގެ އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ފުރަތަމަ އާންމުވި ދެ ވީޑިއޯއެއްގައި ފެންނަނީ ސިޔާސީ ގޮތުން ހައި ޕްރޮފައިލް ދެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު "ކާނަލް" ނަޝީދު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ. ނާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ. އެއަށްފަހު އެނގުނީ ސާޅީސް ފިރިހެނުން މީގައި ޝާމިލްވާ ކަމެވެ.
މި މައްސަލާގައި އަލަމްގީރްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރި ނަމަވެސް، ދައުވާ ކުރަނީ ކޮން ގާނޫނެއްގެ ދަށުންކަން ނުބުނެ އެވެ. އާންމު އުސޫލަކީ، މައްސަލަތަކުގައި ދައުވާކުރާއިރު ދައުވާކުރެވެނީ ކޮން ގާނޫނެއްގެ ދަށުންކަން އާންމުކުރުމެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އެ ގޮތަށް އަމަލުނުކޮށް އޮތް އިރު، ޖިންސީ ކުށުގެ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުގައި އަޑުއެހުން ކުރިއަށް ދިޔައީ ސިއްރުންނެވެ. ނަމަވެސް، އެކި މަސްދަރުތަކުންނާއި އަލަމްގީރް މައްސަލާގެ ހުކުމުން ދައުވާ ކުރެވިގެން ދިޔަ ގާނޫނު ސާފުވެގެން ދިޔަ އެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ދެ ގާނޫނެއްގައި ލިޔެފައި އޮވެ އެވެ; އެއީ ހުރިހާ ޖިނާއީ ކުށެއް ހިމެނޭ ގާނޫނުލްއުގޫބާތާއި، ޖިންސީ ކުށްތަކަށް ހާއްސަކޮށް އެކުލަވާފައިވާ ޖިންސީ ކުށުގެ ގާނޫނެވެ. ދެ ގާނޫނުގައި އެ ކުށަށް އޮތީ ދެ އަދަބެކެވެ. ދައުވާކުރީ ލުއި އަދަބެއް އޮތް އާންމު ގާނޫނުގެ ދަށުންނެވެ.
ޕީޖީ އޮފީހުން ވެސް އެކި ފަހަރު އަމަލުކުރަނީ އެކި ގޮތަށެވެ. ބައެއް ފަހަރު އާންމު ގާނޫނުގެ ދަށުން ދައުވާކުރާއިރު، ބައެއް ފަހަރު ހާއްސަ ގާނޫނުގެ ދަށުންނެވެ. ޕީޖީ އޮފީހުގެ ސިޔާސަތު ސާފު ނުވާއިރު، ދެ ގާނޫނެއްގައި އެއް ކުށަކަށް ދެ އަދަބެއް ލިޔެފައި އޮތުމުގެ ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟
titledesc
titledesc
ގާނޫނުތައް ގިނަވުން، ޕީޖީގެ ކަންބޮޑުވުން
ޕީޖީ އޮފީހުން މިފަދަ ކަންބޮޑުވުމެއް ހިއްސާކުރީ މިފަދަ މައްސަލައަކާ ގުޅިގެެނެއް ނޫނެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ދައުވާ ކުރުމާއި ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭ މިންވަރުގެ މައްޗަށް މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.
ޕްރޮސެކިއުޓާ ޖެެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކުށް ބަޔާން ކުރާ މާއްދާގެ ތަފާތު ގާނޫނުތައް ހުރުމުގެ ސަބަބުން މައްސަލަތައް ކުރިއަށްގެން ދާނީ ކޮން ގާނޫނެއްގެ ދަށުންކަން ދެނެގަތުމަށް ދަތިތަކާ ދިމާވާ ކަމަށެވެ.
"އުނދަގޫވޭ ކޮން ގާނޫނަކުން ކަމެއް ދާންވީ ނިންމަން ވެސް، އަޅުގަނޑަށް ގަބޫލު ކުރެވެނީ އާންމު ހުރިހާ ކުށްތަކެއް ޕީނަލް ކޯޑުގައޭ ހުންނަން ވާނީ،" ޝަމީމް ވިދާޅުވި އެވެ.
"އެ ވަގުތެއްގެ ޖޯޝުގައި ގާނޫނުތައް ލިޔުއްވަނީ، ލިޔުއްވާއިރު ދެން ހުރި ގާނޫނުތަކަށް ނުބައްލަވާތީ މުޅިން ސާފުނުވެ އެއްގޮތްނުވެ ހުންނަ ކަންކަން އަންނާތީވެ އެ ކަންކަން އެއް ގޮތް ކުރަން ބައެއް ފަހަރު ވަގުތުތަކެއް މި ދަނީ،" ޝަމީމް ވިދާޅުވި އެވެ.
އެހެންކަމުން ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ގާނޫނުލްއުގޫބާތުގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެޓާނީ ޖެނެރަލްއަށް ވެސް ދަންނަވާފައިވާ ކަަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް މަޖިލީހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ގާނޫނުގައި ކުށް އޮތުމުގެ ބޭނުމަކީ؟
ޖިނާއީ ހުރިހާ ކުށެއް ބަޔާންކޮށް އޭގެ އަދަބު ވެސް ބަޔާންކޮށް ގާނޫނުލްއުގޫބާތު ވުޖޫދު ކުރީ 2014 ވަނަ އަހަރުގަ އެވެ. ޖިންސީ ކުށްތަކަށް ހާއްސަ މިންގަނޑެއް ގެންގުޅުމުގެ ވިސްނުމުގައި ޖިންސީ ކުށުގެ ގާނޫނު ވެސް ވުޖޫދަށް އައީ ހަމަ އެ އަހަރުގަ އެވެ.
ނަމަވެސް ދެ ގާނޫނުގައި އެއް ކުށަކަށް ތަފާތު އަދަބުތައް ލިޔެފައިވެ އެވެ. އޭގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ހިމެނެ އެވެ. ހަރުކަށި އަދަބެއް ލިޔެފައި އޮންނަނީ ހާއްސަ ގާނޫނުގަ އެވެ. އާންމު ގާނޫނުގައި އޮންނަނީ އެއަށް ވުރެ މާ ބޮޑަށް ވެސް ލުއި އަދަބެކެވެ.
އެއް ކުށެއް ދެ ގާނޫނުގައި ލިޔެފައި އޮތުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް ގާނޫނީ ގިނަ ވަކީލުން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ދެ ގާނޫނުގައި ތަފާތު ބޮޑު ދެ ފަރަގެއް އޮތުމުން ތަފާތު ހިޔާލުތައް ގާނޫނީ ވަކީލުން ފާޅުކުރައްވާފައި އެބަ ހުއްޓެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މި ނޫހަށް ކިޔައިދެއްވި ގޮތުގައި، ދެ ގާނޫނުގައި އެހާ ފަރަގު ބޮޑު ދެ އަދަބެއް އޮތް މައިގަނޑު ސަބަބަކީ ކުށުގެ ބޮޑު މިނަށް ބަލާފައި ދައުވާ ކުރުމުގެ އިހުތިޔާރެއް ބޭއްވުމުގެ ވިސްނުމުގައި ކަމަށެވެ.
"އޭރު އެ ގޮތަށް ވިސްނި މައިގަނޑު ސަބަބަކީ، މިސާލަކަށް ދެ ފިރިހެނަކު ކުޑަކުޑަ ބަދު އަހުލާގީ އަމަލެއް ހިންގައިފިނަމަ އާންމު ގާނޫނަށް ދާން ވެގެން، އޭގެ ބަދަލުގައި ފާޅުގައި އެއް ޖިންސުން ގުޅުން ހިންގައިފިނަމަ ހާއްސަ ގާނޫނަށް ދާން،" ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މުހުތާޒު ތަފްސީލްކޮށްދެއްވި އެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެެނެރަލް މަރިޔަމް ނިހާޔަތު ވެސް ވިދާޅުވީ ގާނޫނުލް އުގޫބާތަކީ އާންމު ގާނޫނު ކަމަށާއި ވަކިވަކި ބޮޑެތި ކުށްތަކަށް ހާއްސަ ގާނޫނު ހެދިފައި ހުންނައިރު އޭގައި ހާއްސަ ގާނޫނަށް އިސްކަން ދެނީ ހެކި ގަރީނާ ހުރި ވަރާއި ތުހުމަތު ކުރެވޭ މިންވަރުގެ މައްޗަށް ވެސް ބަލާފައި ކަމަށެވެ.
"ވަކި ގާނޫނަކުން ދައުވާ ކުރަން ބަލާއިރު، އެ ގާނޫނުގައި ގިރާކުރަން ޖެހޭ އޮޅިގަނޑުތައް ގިނަކަމަށްވަންޏާ، ދައުވާކޮށްގެން ސާބިތު ނުވާނެކަން ޔަގީންވަންޏާ ދައުވާކުރުމުގެ މަގްސަދު އެބަ ގެއްލިގެންދޭ. އެ ވިސްނުމުގައި ދެން އޮތް ގާނޫނު އިސްކުރަން ޖެހޭ ހާލަތެއް އައިސްދާނެ،" ނިހާޔަތު މި ނޫހަށް ވިދާޅުވި އެވެ.
މުހުތާޒު ވެސް މި ކަން ފާހަގަ ކުރައްވަ އެވެ. ހެކި ގަރީނާ އޮތް ވަރަކުން ކުޑަކުޑަ ބަދުއަހުލާގީ އަމަލެއް ކުރި ކަމަށް ބެލެވެންޏާ އެ ކަން ސާބިތު ކުރަން ފަސޭހައަކަށާއި ތުހުމަތު ވުޖޫދު ވެވޭ ވަރުން އަދަބު ދިނުމަށް ދެ ގާނޫނުގައި ތަފާތު މިންގަނޑެއް ގެންގުޅެން ނިންމީ ކަމުގަ އެވެ.
"ކޮޓަރިއެއްގައި މި ތިބީ، ތިބި ގޮތަކުން މި ތުހުމަތެއް މި ކުރެވެނީ، ފުލުހުންނަށް ސީން އެޓެންޑްވެގެން، އެކަމަކު އެ ނޫނީ މާ ބޮޑު ހެއްކެއް ނެތް، ކުރީ ސީދާ ކޮން ކަމެއް ކަން ނޭނގެ، މިފަދަ ކަންކަމަށް ވިސްނާފައި ދެ ގާނޫނުގައި އަދަބުގެ ފަރަގު އައިސް އުޅެނީ،" މުހުތާޒު ވިދާޅުވި އެވެ.
"އިސްކަން ދޭން ވާނީ ހާއްސަ ގާނޫނަށް"
އާ ގާނޫނުލް އުގޫބާތު އެކުލަވާލި ދުވަސްވަރު ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު ވިދާޅުވި ގޮތުގައި، އޭރު ވެސް ދައުލަތުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ވިސްނުމަކީ ގާނޫނުލް އުގޫބާތު އޮތް ނަމަވެސް ވަކިވަކި ކުށްތަކަށް އެކުލަވާލާ ހާއްސަ ގާނޫނެއް އޮތް ނަމަ އެ ގާނޫނަކަށް އަމަލު ކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމާއި ނިންމުމުގައި އޮތް ކަމެއް އެއީ ހާއްސަ ގާނޫނެއް އޮވެއްޖެނަމަ ދާން ވާނީ ހާއްސަ ގާނޫނަށޭ، މަތީ ކޯޓުގެ ނިންމުންތަކުގައި ވެސް ވާނެ ހާއްސަ ގާނޫނެއް އޮއްވައި އާންމު ގާނޫނަކަށް ގޮސްގެން ނުވާނެއޭ،" މުހުތާޒު ވިދާޅުވި އެވެ.
ނިހާޔަތު ވެސް ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގުތައް ވެސް އާންމު ގޮތެއްގައި ބައްޓަން ކުރަނީ ދެ ގާނޫނަށް ވެސް ފެތޭ ގޮތަށް ކަމަށް ވާއިރު، ހެކިތައް ހުރި މިންވަރުން ހަރުކަށި އަދަބު އޮތް ގާނޫނުގެ ދަށުން ދައުވާ ކުރެވެން ޖެހެ އެވެ.
"އެއް ކޮޅުން އަޅުގަނޑުމެން މި ބުނަނީ މި ވަރު ނުބައި ފާހިޝް އަމަލެކޭ، އަދަބު ހަރުކަށި ކުރަން ޖެހޭ، އެހެން ކިޔާފައި މިހާރު އޮތް ނިޒާމުގެ ތެރެއިން ދެއްކެން އޮތް ހަރުކަށިކަން ނުދެއްކޭ ކަމަށް ވަންޏާ، ވަރަށް ގޯސް މެސެޖެއް އެއީ،" ނިހާޔަތު ވިދާޅުވި އެވެ.
ދެން ކުރެވޭނީ ކޮން ކަމެއް؟
ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތައް ގާނޫނުލްއުގޫބާތުގެ ދަށުން ބަޔާންކުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެޓާނީ ޖެނެރަލްއަށް ވެސް ދަންނަވާފައިވާ ކަަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް މަޖިލީހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި ވިސްނުންތަކާ ގުޅޭ ގޮތުން މުހުތާޒު ވިދާޅުވި ކަމަކީ ދެ ގާނޫނުގައި ފަރަގު ބޮޑު ދެ އަދަބެއް އޮތް އިރު، ގާނޫނު ނާޖާއިޒު ގޮތުގައި ބޭނުންކުރާނަމަ އެ ކަން ހައްލު ކުރުމަށް ކުރެވިދާނެ އެއް ކަމަކީ އަދަބު އެއްގޮތްކޮށްފައި ގާނޫނު އިސްލާހު ކުރުމެވެ.
"...އެކަމަކު ގާނޫނުގައި އޮތް ކަމެއް ވަރަށް ސާފު، އޭގައި އެބަ އޮތް ހާއްސަ ހާލަތްތަކުގައި އެ ވަރުގެ ބޮޑު ކުށެއް ކުރިކަން ފެންނަން އޮތް ހާލަތުގައި އިސްކަން ދޭން ވާނީ އެ ގާނޫނަކަށް ކަން،" މުުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ގަބޫލު ކުރައްވާ ގޮތުގައި މީގައި ގާނޫނުތަކުގައި މާ ބޮޑު މައްސަލައެއް ނެތެވެ. މައްސަލަ އޮތީ ހިންގަން ތިބޭ ބަޔެއްގެ އެވެ. ކުރަންވީ ކަމަކީ، ހިންގަން ތިބި ބަަޔަކު ގާނޫނުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރާނަމަ އެ ކަމެއް އެ ކުރި ބަޔަކަށް ނޫނީ މީހަކަށް ފިޔަވަޅު އަޅަންވީ އެވެ.
"މީގައި ކުރަން ޖެހޭ ކަމަކީ ގާނޫނު ނަޖާއިޒު ގޮތުގައި ބޭނުން ކޮށްފިނަމަ އެ ކުރި ބަޔަކަށް ފިޔަވަޅު އެޅުން، ރާއްޖޭގައި މައްސަލައަކީ އެފަދަ ކަމެއް ކޮށްފިއްޔާ ފިޔަވަޅެއް ނޭޅުން، ފާރަވެރިވާން އުފައްދާފައި ހުންނަ މުއައްސަސާތަކުން އެ މަސައްކަތް ވެސް ނުކުރުން،" މުހުތާޒު ވިދާޅުވި އެވެ.
ނިހާޔަތު ވެސް ގަބޫލު ކުރައްވާ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ މިފަދަ މައްސަލަތަކުގައި، ހާއްސަ ގޮތެއްގައި "ޕަބްލިކް އައުޓްކުރައި" ނުވަތަ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަތަކުގައި ޕީޖީ އޮފީހުން ނަގާ ސްޓޭންޑެއް ސާފުވެފައި ނެތުމެވެ.
"އެ ސްޓޭންޑް ގެނައި ސަބަބެއް ތަފުސީލު ގޮތެއްގައި ޕީޖީ އޮފީހަކުން ޕަބްލިކްލީ އެކްޕްލަނޭޝަނެއް ދެއްވާފައެއް ނުވޭ، މިކަން ސާފުނުކޮށްދޭނަމަ ޕަބްލިކްއަށް ބެލުމުގެ ފުރުސަތު އޮވޭ މީގައި ހިމެނޭ ބަޔަކަށް ކުޑަ އަދަބެއް ދޭން ވެގެން ކުރި ކަމެކޭ،" ނިހާޔަތު ވިދާޅުވި އެވެ.
ގާނޫނުތަކުގައި ބާގަނޑުތައް އޮވެ، މިފަދަ ބޮޑެތި މައްސަލަތަކުގައި ގާނޫނީ ސުވާލުތަކެއްގެ ތެރެއަށް އާންމުން ދަނީ ވެސް ސިޔާސަތު ސާފުނުވެގެނެވެ. ސާޅީހަކަށް މީހުން، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވެސް، އަދި ހާއްސަކޮށް ސިޔާސީ އިސް ބަޔަކު ވެސް ހިމެނޭ މި މައްސަލާގައި، ދައުލަތުގެ ސިޔާސަތުތައް އާންމުންނަށް ސާފުވާން ޖެހެ އެވެ.












