ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބި ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިސްވެ އޮވެ ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ގިނަ ހަރަކާތްތަކާ އެކު ފެށި އެ ކެމްޕެއިން މަޑުޖައްސާލަން ޖެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ފިޔަވައި "އެހެން އެއްވެސް ސަބަބެއް ނެތް" ކަމަށް ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް، އެފަދަ ގަރާރެއް އޮތުމުން ފުލުހުން ތަންފީޒުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ދަތިތައް ކުރިމަތިވެ މަސްލަހަތު ގެއްލިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަދި، އެ މަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައި ވާއިރު، އެފަދަ ހަރަކާތްތަކެއްގައި ބައިވެރިވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާފައި ހުރި މީހަކު އަދި އަޅުގަނޑުމެންގެ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިފައި ހުރި މީހަކަށް ކަނޑައެޅިގެން އެކަހަލަ ގަރާރެއް، ގާނޫނާ ހިލާފު ގަރާރެއް ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނާ ހިލާފުވި ނަމަވެސް އެއާ ދެކޮޅަށް މަސައްކަތް ކުރަން، ގާނޫނާ ހިލާފަށް މަސައްކަތް ކުރަން ނުކުތުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑު އެކަމުގައި ނޫޅެން،" ޔާމީން ވިދާޅުވި އެވެ.
މަނީ ލޯންޑެރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް، މިދިޔަ އަހަރު ނޮވެމްބަރު 30 ގައި ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު މިނިވަންވެ އެންމެ ފުރަތަމަ ކަނޑައެޅުއްވި އެއް އަމާޒަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމެވެ. އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުރެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއަށް ފަހު "އިންޑިއާ އައުޓް" ކެމްޕެއިން ކުރިއަށް ގެންދެވީ އެ މަނިކުފާނު އިސްވެ ހުންނަވައިގެންނެވެ. ބައެއް ރަށްރަށަށް ވެސް ދަތުރު ކުރެއްވެވި އެވެ.
އިންޑިއާ ސިފައިން ބޭރުކުރަން މި ގޮވާލަނީ "ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަން،" ކަމަށް ވިދާޅުވި އެވެ.
ޕީޕީއެން/ޕީއެންސީ އިން ފަށާފައި އޮތް "އިންޑިއާ އައުޓް" ހަރަކާތަށް ޔާމީނާއެކު ލިބިގެންދިޔަ ވަރުގަދަކަން ނިމުމަކަށް ގެނައުމަށް ސަރުކާރާއި ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ފެށި އެވެ. އެންމެ ފަހު ހަތިޔާރަކަށް ވެގެން ދިޔައީ ރައީސް ސޯލިހުގެ ރިޔާސީ ގަރާރެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތުމުން ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ރައްޔިތުންނަށާއި ގާނޫނުތަކަށް ގޮންޖަހާފައި ކަމަށެވެ.
"ދެން މިކަން ކުރާނީ ކިހިނެއްތޯ؟ ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ހިލާފަށް ގަރާރެއް ނެރުނޭ. ގަރާރުގެ މައްސަލަ ވެސް ކޯޓުތަކުގައި ހިންގޭ ތަނެއް ނުފެނެއޭ. މިހާރު ވެސް ވަރަށް ފަހުގެ ތާވަލަކަށް މިއޮތީ،"
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ނެރުނު ރިޔާސީ ގަރާރު ބާތިލުކުރަން ޕީޕީއެމް/ޕީއެންސީ ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލަ ބޭރުކޮށްލީ ޕީޕީއެމް/ޕީއެންސީގެ ކޯޓަށް ހާޒިރު ނުވުމުންނެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ އިދިކޮޅު ކޯލިޝަންގެ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް، ހައި ކޯޓަށް ހުށަނާޅައި އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
މައްސަލައިގެ ފަސްފަހަތް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ރައީސް ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގަ އެވެ.
އެ ގަރާރާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ނަގާފަ އެވެ. އެގޮތުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވެސް ފުލުހުން ވަދެ އެ ތަނުގައި ދަމާފައި ހުރި ބެނާ ވެސް ނެގި އެވެ.
ޔާމީންގެ ގެކޮޅުގައި ހުރި ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. އަދި އެ އަމުރު ކޯޓުން ދީފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރި އެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުން ފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކުރެ އެވެ.
މި ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.
ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް އެކުލަވާލައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.
ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.
އިދިކޮޅު ޕީޕީއެމްޕީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި، ގައުމުގެ މަންފާއަށް ބެލުމެއް ނެތި ހިންގާ ހަރަކާތެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިން ވަނީ ބުނެފަ އެވެ.
އަދާލަތު ޕާޓީން ބުނެފައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ޔާމީން އިސްވެ ހުންނަވައި ހިންގާ ކެމްޕެއިނަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ ހަރަކާތެއް ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތް އެ ގޮތުގައި ހިންގިގެން ނުވާނެ ކަމަށާއި އެކަން ފުލުހުން ނުކުމެ ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.












