ލަންޑަން (ސެޕްޓެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 1.9 ބިިލިއަން ޕައުންޑް (2.1 ބިލިއަން ޑޮލަރު) ހަރަދުކޮށް ކުރީގެ ރެކޯޑެއް މުގުރާލައިފި އެވެ.
މީގެ ކުރިން ޕްރިމިއާ ލީގުން އެއް ޓްރާންސްފާ މާކެޓެއްގައި އެންމެ ބޮޑު ހަރަދެއް ކުރީ 2017 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕްރިމިއާ ލީގުގެ 20 ކްލަބުން ވަނީ 1.4 ބިލިއަން ޕައުންޑް (1.6 ބިލިއަން ޑޮލަރު) އެވެ. އެހެންކަމުން، މިއީ ޕްރިމިއާ ލީގުގެ ކްލަބްތަކުން އެންމެ ބޮޑު ހަަރަދެއް ކުރި ޓްރާންސްފާ މާކެޓް އެވެ.
މި ފަހަރުގެ ޓްރާންސްފާގައި އިނގިރޭސި 20 ކްލަބްގެ ތެރެއިން ނުވަ ޓީމަކުން ވަނީ 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ ސްޕެނިޝް ލަލީގާ، ޖަރުމަނު ބުންޑަސްލީގާ، އިޓާލިއަން ލީގުގެ ހުރިހާ ކްލަބެއް އެކުވެގެން ހަރަދުކުރި ވަރަށް ވުރެން ވެސް އިތުރަށް ކޮށްފަ އެވެ.
ޗެލްސީން އެ ކްލަބްގެ، އާ ވެރިން ކަމަށްވާ ޓޮޑް ބޯލީގެ ދައުރުގައި ފުރަތަމަ ޓްރާންސްފާ މާކެޓް ނިންމާލީ ހަރަދުކުރުމުގެ ރެކޯޑަކާ އެކު އެވެ. ޗެލްސީން މި ފަހަރުގެ ޓްރާންސްފާގައި ޖުމްލަ އެކު 278 މިިލިއަން ޑޮލަރު ހަރަދުކުރިއިރު، މިއީ އެއް ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން ކްލަބަކުންކުރި އެންމެ ބޮޑު ހަރަދެވެ.
ތޭވީސް އަހަަރަށް ފަހު އިނގިރޭސި ފުރަަތަމަ ޑިވިޝަނުގައި ވާދަކުރާ ކުރީގެ ގަދަ ބާރު ނޮޓިންހަމް ފޮރެސްޓުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ކުުޅުންތެރިން ގަނެގެން އިނގިރޭސި ފުޓްބޯޅައިގެ ރެކޯޑެއް ހަދައިފަ އެވެ. އެ ޓީމުން ވަނީ 21 ކުޅުންތެރިން ގަންނަން ޖުމްލަ އެކު 167 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނޮޓިންހަމް އަށް ވުރެ ގިނައިން ހަރަދުކުރީ ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
މީގެ ކުރިން އެއް މާކެޓެއްގައި އެންމެ ގިނަ ޓްރާންސްފާ ކުރި އިނގިރޭސި ކްލަބްތަކަކީ 2001 ވަނަ އަހަރުގެ ލިވިންސްޓަން ޓީމާއި 2000 ވަނަ އަހަރުގެ ޑަންޑީ ޔުނައިޓެޑް އެވެ. މި ދެ ޓީމުން ވަނީ އެ ދެ ފަހަރު، 19 ކުޅުންތެރިން ގަނެފަ އެވެ. ޕްރިމިއާ ލީގަށް ބަލާނަމަ އެއް ފަހަރާ އެންމެ ގިނަ ޓްރާންސްފާ ކުރީ 2013 ވަނަ އަހަރުގެ ކްރިސްޓަލް ޕެލަަސް ޓީމުންނެވެ. އެ ފަހަރު އެ ޓީމުން ވަނީ 13 ކުޅުންތެރިން ގަނެފަ އެވެ.
ނޮޓިންހަމުން ރެކޯޑް ހެދިއިރު، އެ ޓީމުގެ ޓްރާންސްފާގެ އަދަދު 22 އަށް އެރުމުގެ ފުރުސަތު ވެސް އޮތެވެ. އެކަމަކު، އެކަން ހާސިލްނުވީ ބެލްޖިއަމްގެ ފޯވާޑް، މިޝީ ބަޓްޝުއާޔީގެ ޓްރާންސްފާގެ ލިޔެކިޔުންތައް ވަގުތު އޮއްވައި ޗެލްސީ އަށް ނުނިންމުމުންނެވެ. ބަޓްޝުއާޔީ ހުރީ ނޮޓިންހަމް ފޮރެސްޓާ ގުޅެން ތައްޔާރަށެެވެ.
ޓްރާންސްފާގެ އެންމެ ފަހު ދުވަހު މިހާތަނަށް އެންމެ ބޮޑު އަގުގައި އިނގިރޭސި ކްލަބަކުން ކުރި ޓްރާންސްފާ އަކީ އަޔަކްސް އިން ޔުނައިޓެޑް އަށް ބަދަލުވި އެންތަނީ އެވެ. ޔުނައިޓެޑުން އޭނާ ގަންނަން ޖުމްލަ އެކު 100 މިލިއަން ޑޮލަރު ދައްކާނެ އެވެ،












