މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަކީ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ތެރެއިން މުސްތަގުބަލަށް ސީނިއާ ގައުމީ ޓީމެއް ބިނާކުރަން ލިބޭ ފުރުސަތެއް ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުރިއަށްދާ ކޮލިފައިންގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ އިތުުރުން ދެން ވާދަކުރަނީ ޗައިނާ، މިޔަންމާ އަދި އުޒްބެކިސްތާން އެވެ. މެޗުތައް އޮތީ މި މަހު 10-19 އަށެވެ.
އެކަމަކު، ޓްރެއިނިން ކޭމްޕެއް ޖެހުމުގެ ވިސްނުމާއި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އުމުރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޒުވާން ގައުމީ ޓީމު މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފަ އެވެ.
"ހަގީގަތުގައި ފުދޭ ވަރަކަށް ޓައިމް ކޮޅެއް ލިބުނު މި މުބާރާތަށް ތައްޔާރުވާން. އެކަމަކު، ތައްޔާރުވާން ބަލާއިރު މީގެ ބަލަން ޖެހޭ ކުޅެން ޖެހެނީ ކޮން ލެވަލެއްގެ ޓީމުތަކަކާ ކަމާއި ދިވެހި ރާއްޖެ މި އޮތީ ކިހާ ހިސާބެއްގައި ކަން. މި އެއްޗެއްސަށް ބަލާއިރު ވަރަށް ފަރަގު ބޮޑުކޮށް ހުރި ޓީމުތަކެއް ގްރޫޕްގައި މި އޮތީ،" ގްރޫޕް ސްޓޭޖުގައި އޮތް ޓީމުތަކާ ދެކޮޅަށް ރާއްޖެ ނުކުތުމާ ބެހޭގޮތުން، ކޮލިފައިން އަށް ފުރުމުގެ ކުރިން ޝާކިއްޓެ ބުންޏެވެ.
ޝާކިއްޓެ ބުނީ މުސްތަގުބަލަށް ޓީމެއް ބައްޓަން ކުރަން ބަލާއިރު، ކޮލިފައިންގައި މި ލިބޭ މި މެޗުތަކުން ޒުވާން ޓީމަށް އެ ލިބިގެންދަނީ ވަރަށް މުހިންމު އަދި ބޭނުންހިފޭނެ ތަޖުރިބާއެއް ކަމަށެވެ.
"ހަގީގަތުގައި އެފްއޭއެމްގެ ވިސްނުން އޮތީ މި ޓީމު ބާއްވައިގެން ގެންދާގޮތަށް އޮތީ އެހެން ކަމަށްވާނަަމަ މި މުބާރާތަކީ މި ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ތަޖުރިބާ އަކަށް ވާނެ ކުރިއަށް ދިއުމަށް. އެއީ ވަރަށް ވަރުގަދަ ޓީމުތަކާ މި ހުރީ، ސައުދީ އަރަބިއްޔާ، ޗައިނާ، އުޒްބެކިސްތާން މި ޓީމުތަކަކީ ރާއްޖެއާ އަޅާބަލާއިރު ވަރަށް ބޮޑުތަން މޮޅު ޓީމުތައް،" ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޝާކިއްޓެ ބުންޏެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.
މިއީ މިދިޔަ ތިން މަހެއްހާ ދުވަސްތެރޭ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅޭ ދެ ވަނަ މުބާރާތެވެ. މިދިޔަ ޖުލައި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ ވާދަކޮށްފަ އެވެ.
ޝާކިއްޓެ ބުނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ސްކޮޑާއި މިހާރު އޮތް ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ.
"މީގެ ކޮންމެވެސް ވަރަކަށް ސްކޮޑަށް ބަދަލުތަކެއް އައިސްފައިވަނީ އެއީ އިންޖަރީ ވުމުން ވެސް ސާފަށް ދިޔައިރު ނުގެންދެވި ތިބި ކުޅުންތެރިންތަކެއް އެބަތިބި، އޭގެ އިތުރުން ސާފް ނިންމާފައި އައިސް ރާއްޖެ ތެރެއިން ހޯދި ކުޅުންތެރިންތަކެއް ވެސް އެބަހުރި. ގާތްގަނޑަކަށް ފަސް ޕްލޭޔަރުން ނޫނީ ހަ ޕްލޭޔަރުން ވަރު ސާފްގެ ސްކޮޑުން ބަދަލުވެފައި އިންނާނީ،" ޝާކިއްޓެ ބުންޏެވެ.
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކޮށްފަ އެވެ. ފުރަތަަމަ މެޗުން 4-0 އިން ނޭޕާލް އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ބަންގްލަދޭޝް އަތުން 4-1 ބަލިވެފަ އެވެ. އެކަމަކު، ތިން ވަނަ މެޗުން ވަނީ ސްރީ ލަންކާއާ 1-1 އިން އެއްވަރުވެފަ އެވެ. އަދި ފަހު މެޗުގައި އިންޑިއާ އަތުން ރަނގަޅު ކުޅުމަކަށް ފަހު ރާއްޖެ ބަލިވީ 1-0 އިންނެވެ.

މާލޭގައި ޒުވާން ގައުމީ ޓީމުން ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޝާކިއްޓެ ބުނީ މެޗަކަށް ފަހު މެޗެއް ކުރިއެރުން ފެންނައިރު، ކުރިއަށް އޮތް ކޮލިފައިންގައި ވެސް އެކަން ދަމަހައްޓައި، ތަޖުރިބާ އަލީގައި ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަމަށެވެ.
"އެ މުބާރާތުގެ ތަޖުރިބާގެ ބޭނުން މި މުބާރާތުގައި ރަނގަޅަށް ކުރެވޭނެ. އެއީ އެ މުބާރާތުގައި ވެސް އަަސްލު ހަގީގަތަށް ބަލާކަމަށްވާނަމަ ލިބުނު ވަގުތާ އަޅާކިޔާއިރު، ގޯހެކޭ ނުބުނެވޭ ނަތީޖާތައް.، އޭރު މެޗުތައް ބެލިއްޔާ ފާހަގަވާނެ މެޗަކަށް ފަހު މެޗެއް، ހަމަ ރަނގަޅުވަމުން އައިސް އިންޑިއާ މެޗު، އެންމެ ފަހުން ކުޅުނު މެޗު ވަރަށް ރަނގަޅު ފައިޓެއް ދީފައި އިނީ، އެ ތަޖުރިބާތަކުގެ އަލީގައި ކުޅުންތެރިން ގްރޯވެފައި ތިބޭނީ، އެހެންވީމަ ވަރަށް ރަނގަޅު ޕާފޯމަންސެއް މި ކުުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށް ގަބޫލުކުރަނީ،" ޝާކިއްޓެ ބުންޏެވެ.
19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑު
ޝައިހާން އަލީ، އަލީ ޝައިބާން، ޔޫސުފް މީސަމް އަބްދުﷲ، އައިހަމް ސައީދު، މުހައްމަދު ނާބިތު ހުސެއިން، އަހުމަދު މައީޝް މުހައްމަދު، ހުމައިދު ހުސެއިން، މުހައްމަދު ލީވާން ނަދީމް، މުހައްމަދު އައިހަމް އަންވަރު، އަހުމަދު މާއިޝް ރަޝީދު، އަހުމަދު އައިހަމް މޫސާ، މުހައްމަދު ފާލިލް ފާއިގް، ވިޝާހު އަބްދުލް މަޖީދު، އަހުމަދު ޔައީޝް ޔޫޝައު، އަހުމަދު އީރާސް، ލަމާން ޒުހައިރު، އަބްދުﷲ އަމިން އަލީ، އަލީ އިޝްފާގު ހަސަން މަޖީދު، އަހުމަދު ޒައުލް ނާޒިމް، އަހުނަފް މުހައްމަދު ތަސްނީމް، އައިހަމް ހަމްދޫން، ނާހިޒު އަލީ، ފަހުމާން އަބްދުލް ހަމީދު












