ސައުތުހެމްޓަން (އޮގަސްޓް 27) - މެޗުގެ ދެ ވަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ސައުތުހެމްޓަން އަތުން 1-0 އިން ޔުނައިޓަޑް މޮޅުވެއްޖެ އެވެ.
މި މެޗުގެ ކުރިން ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ހަތް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި މިއީ ޔުނައިޓެޑުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން މޮޅުވި ދެ ވަނަ މެޗެވެ. ސީޒަންގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން (ބްރައިޓަން އާއި ބްރެެންޓްފޯޑް އަތުން) ލަދުވެތި ނަތީޖާތަކަކުން ޔުނައިޓެޑް ބަލިވުމުން އެ ޓީމަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އެކަމަކު، ހުސްވި ހަފުތާގައި ވާދަވެރި ލިވަޕޫލް އަތުން މޮޅުވެ، ލީގުގައި މިއަދު ސައުތުހެމްޓަން އަތުން އެ ޓީމު މޮޅުވުމުން ކޯޗު އެރިކް ޓެން ހާގަށް އޮތް ޕްރެޝަރަށް ވަނީ ލުއިކަމެއް ލިބިފަ އެވެ.
ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗު ހަމައެކަނި ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފެނާންޑޭޒެވެ. މި ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނީ ބްރެންޓްފޯޑާއި ބްރައިޓަން އަތުން ބަލިވި މެޗުތަކުން ޔުނައިޓެޑްގެ ކުޅުންތެރިން ފިލާވަޅު ހޯދާފައިވާ ކަމަށެވެ.
"ހާއްސަކޮށް ދިގު ބޯޅަތަކަށް ކުރިމަތިލުމުގައި ޓީމުން ވަނީ ރަނގަޅު ކަންތައްތަކެއް ކޮށްފަ. ވަރަށް ހިތްހަމަޖެހޭ މެޗުގެ ނަތީޖާއާ މެދު،" ޓެން ހާގް ބުންޏެވެ.
ލީގުގައި އެންމެ ފަހުން ލިވަޕޫލް އަތުން މޮޅުވި މެޗެކޭ އެއްގޮތަށް، މިއަދު މެޗަށް ވެސް ޓެން ހާގް ނެރުނު ފުރަތަމަ 11 ގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއަޔާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތެއް ނުލިބުނެވެ. މެޗު ފަހު 20 މިނިޓުގައި ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.
ޓެން ހާގް ބުނީ މި މެޗުން މޮޅުވާން އުނދަގޫތައް ކުރިމަތިވިޔަސް، ޔުނައިޓެޑް އޮތީ ރަނގަޅު މަގުގައި ކަމަށެވެ.
"ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރި އެކަމަކު ކުރިއެރުންތައް ވެސް ވަރަށް ބޮޑަށް އެބަ ފެނޭ. ބޭނުންވާ ފެންވަރަށް ޓީމު ގެންދެވޭނެ.،" ޓެން ހާގް ބުންޏެވެ.
ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ދާދި ފަހުން ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު ކަސިމޭރޯ ވަނީ މެޗުގެ ފަހު 10 މިނިޓުގައި ކުޅެން ނިކުމެފަ އެވެ. މިއީ ކަސިމޭރޯ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ، ސައުތެމްޓަން އިން ވަނީ ޕެނަލްޓީ އަށް އެޕީލްކޮށްފަ އެވެ.












