އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ނޫސްވެރިޔަކި މިދިޔަ ބުދަ ދުވަހުގެ ރޭ ނިއު ދިއްލީއަށް ދަތުރު ކުރުމާ އެކު ވަގުތުން ޑީޕޯޓުކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އަންގަދް ސިންގްއަކީ ވައިސް ނިއުސްއަށް ޑޮކިޔުމެންޓްރީ ފިލްމު އުފެއްދުމުގައި އުޅޭ ނޫސްވެރިއެކެވެ. އޭނާ އިންޑިއާއަށް ދިޔައީ އަމިއްލަ ދަތުރެއްގައި ކަމަށް މަންމަ ގުރްމީތް ކައުރް ބުންޏެވެ.
ސިންގް ވަނީ އިންޑިއާގެ ކޮވިޑް ކާރިސާ އާއި ދަނޑުވެރިންގެ މުޒާހަރާތަކާ ގުޅޭ ޑޮކިޔުމެންޓްރީތައް އުފައްދައިފަ އެވެ. އޭނާ ޑީޕޯޓް ކުރީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އެވެ.
އެ މައްސަލައިގަައި އިންޑިއާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ސިންގްގެ އާއިލާއިން ބުނީ އޭނާގެ މަސައްކަތުގައި ފޯކަސް ކުރަނީ ރައްޔިތުން ހިންގާ އެކި ހަރަކާތްތަކަށް ކަމަށާއި ސްރީލަންކާ، ހޮންކޮންގް، މިޔަންމާ އަދި އިންޑިއާ އާއި ޕާކިސްތާނުގެ ގިނަ މުޒާހަރާތަކާ ގުޅޭ ޑޮކިޔުމެންޓްރީ އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އިންޑިއާއަށް ކުރިމަަތިވި ކޮވިޑްގެ ދެ ވަނަ ރާޅާ ބެހޭ ގޮތުން ތައްޔާރު ކުރި ޑޮކިޔުމެންޓްރީ އެމީ އެވޯޑަށް ވެސް ނޮމިނޭޓްވި އެވެ.










