މިއަދު ހެނދުނު މާލޭ ސިންތެޓިކް ޓްރެކުގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެވެލިން ތުރޯ އިވެންޓްގައި ގައުމީ ޗެމްޕިއަން، ހަސަން ޝައްމޫން ފަހަތަށް ޖައްސާލުމަށް ފަހު ސުޒެއިނު މުހައްމަދު އެއް ވަނަ ހޯދައިފި އެވެ.
ދިވެހި ސިފައިންގެ ކްލަބްގެ ތަޖުރިބާކާރު އެތުލީޓު ޝައްމޫން ދިޔައީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެވެލިން ތުރޯ އިވެންޓްގެ ތިން ވަނަ އެވެ. ދެ ވަނަ އަށް ދިޔައީ އައިލެންޑް ރަނާސް މޯލްޑިވްސްގެ މާހިލް މުހައްމަދު އެވެ. ގދ. ތިނަދޫ ރައުހަތު ސްޕޯޓްސް އެކެޑަމީގެ ސުޒެއިނު އެއް ވަނަ ހޯދީ 41.74 މީޓަރު ދުރަށް އެއްލައިގެން 10 ޕޮއިންޓް ހަމަކޮށްގެންނެެވެ. ދެ ވަނަ އަށް ދިޔަ މާހިލް އަށް އަށް ޕޮއިންޓް ލިބުނުއިރު، އޭނާ ވަނީ 38.84 މީޓަރު ދުރަށް އެއްލައިފަ އެވެ. ރާއްޖޭގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު، 2016 ވަނަ އަހަރު ހޯދި ޝައްމޫން ވަނީ 38.39 މީޓަރު ދުރަށް އެއްލައި، ހަ ޕޮއިންޓް ހޯދައިފަ އެވެ.
ސުޒެއިނު އަކީ ހައި ޖަމްޕާއި ލޯންގް ޖަމްޕްގެ އިތުރުން ސްޕްރިންޓް އިވެންޓްތަކުގައި ވެސް މީގެ ކުރިން ފެނުނު އެތުލީޓެކެވެ. ހައި ޖަމްޕަށް ހާއްސަ އެތުލީޓެއްގެ ގޮތުގައި ފެނުނު ސުޒެއިނު މިހާރު ހާއްސަވުމަށް މަސައްކަތް ކުރަމުން އަންނަ އިވެންޓަކީ ޖެވެލިން އެވެ. އެ އަށް ބަލާއިރު، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މި ކާމިޔާބީ އަކީ ރަނގަޅު ފެށުމެކެވެ.
އަންހެނުންގެ ޖެވެލިން ތުރޯގައި އެއް ވަނަ އާއި ދެ ވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ދެ އެތުލީޓުންނެވެ. އެއް ވަަނަ ހޯދީ 24.57 މީޓަރު ދުރަށް އެއްލައި 10 ޕޮއިންޓް ހޯދި އާނާ އިބްރާހިމް އެވެ. ދެ ވަނަ އަށް ދިޔަ މަރިޔަމް ލަމްހާ ވަނީ 23.30 މީޓަރު ދުރަށް އެއްލައި، އަށް ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ އަށް ދިޔަ ކޭވައި ސްޕޯޓްސް އެކެޑަމީގެ ނީޝާ ހަލީމް ހަ ޕޮއިންޓް ހޯދީ 20.55 މީޓަރު ދުރަށް އެއްލައިގެންނެވެ.
މިއަދު ކުރިއަށްދިޔަ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބް އެވެ. ދެ ވަނަ އަށް ސާއިދު ސްޕޯޓްސް ދިޔައިރު، ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. ސިފައިން ރޭސް ނިންމީ 3 މިނިޓް 30.21 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ ޓައިމިން އަކީ 3 މިނިޓް 36.01 އެވެ. އަދި ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 3 މިނިޓް 39.45 ސިކުންތެވެ.
އަންހެނުންގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގައި އެއް ވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ޓައިމިން އަކީ 4 މިނިޓް 38.66 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 4 މިނިޓް 48.23 ސިކުންތުންނެވެ. ތިން ވަނަ ހޯދި ކުޑަ ހުސެން ސްޕޯޓްސް އެކެޑަމީގެ ޓައިމިން އަކީ 5 މިނިޓް 14.20 ސިކުންތެވެ.
ފިރިހެނުންގެ 1500 މީޓަރުގެ ޕްރިލިމިނަރީ ބުރުގެ ހީޓް އެކެއްގައި އެއް ވަނަ ހޯދީ މެރަތަން ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް އެވެ. ދެ ވަނަ އާއި ތިން ވަނަ އަށް ދިޔައީ ދިވެހި ސިފައިންގެ ކްލަބްގެ އަބްދުﷲ ރަޝީދު އާއި ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އެވެ. ޔޫސުފް ރޭސް ނިންމީ 4 މިނިޓް 59.83 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އަބްދުﷲގެ ޓައިމިން 5 މިނިޓް 01.74 ސިކުންތުގައި ހުރިއިރު، ތިން ވަނަ ހޯދި ފަޒީލްގެ ޓައިމިން އަކީ 5 މިނިޓް 04.46 ސިކުންތެވެ.
ހީޓް ދޭއްގެ އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބްގެ މުހައްމަދު ރަޝީދު (މޯޑު) އެވެ. އޭނާގެ ޓައިމިން އަކީ 4 މިނިޓް 52.31 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ދަ ބްލެކް މާލިންގެ އިބްރާހިމް އާދަމްގެ ޓައިމިން އަކީ 4 މިނިޓް 53.41 ސިކުންތެވެ. ތިން ވަނަ އަށް ދިޔަ ކުޑަ ހުސެން ސްޕޯޓްސް އެކެޑަމީ އަބްދުﷲ ރަޝީދުގެ ޓައިމިން އަކީ 4 މިނިޓް 56.09 ސިކުންތުންނެވެ.
ފަނަރަ އަހަރުން ދަށުގެ ފިރިހެނުންގެ މެޑްލީ ރިލޭގެ އެއް ވަނަ ހޯދީ އިސްކަންދަަރު ސްކޫލް އެވެ. ދެ ވަނަ އަށް ކޭވައި ސްޕޯޓްސް އެކެޑަމީ ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ދި ބްލެކް މާލިން އެވެ. މި އުމުރު ފުރާގެ އަންހެނުންގެ މެޑްލީ ރިލޭގެ އެއް ވަނަ ހޯދީ ހިތަދޫ ސްކޫލް އެވެ. ދެ ވަަނަ އަށް ސާއިދު ސްޕޯޓްސް ދިޔައިރު، ތިން ވަނަ ހޯދީ ދި ބްލެކް މާލިން އެވެ.
ފަނަރަ އަހަރުން ދަށުގެ ޑިސްކަސް ތުރޯ ބައިގެ އެއް ވަނަ ހޯދީ ރެހެންދި ސްކޫލްގެ ޒަޔާން ނާފިއު އެވެ. ދެ ވަނަ އަށް ރެހެންދި ސްކޫލްގެ އަބްދުﷲ ޔައިޝް ހޯދިއިރު، ތިން ވަނަ ހޯދީ އިސްކަންދަރު ސްކޫލް އާލިފް އަހުމަދު އެވެ.











