ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ހުންނަ ޕާކިންގެ ކާރުތައް ބަހައްޓާ ފަޅީގައި ސްމާޓް ޕާކިން ނިޒާމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަން ހުޅުވާލައިފި އެވެ.
މިހާރު ވެސް ކާރުތަކާއި ސައިކަލްތައް ޕާކު ކުރަން ބޭނުންކުރާ މި ޕާކިން ތަރައްގީކުރަނީ އަގު ދައްކައިގެން ޕާކު ކުރެވޭ ގޮތަށެވެ. މިހާރު އެތަނަކީ އެންމެނަށް ވެސް ހިލޭ ބޭނުންކުރެވޭ ގޮތަށް އޮންނަ ތަނަކެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ޕާކިން ވާން ވާނީ އެންމެ ޒަމާނީ ފެންވަރުގެ ސްމާޓް އާލަތްތައް ބޭނުންކޮށްގެން ޕާކިން ހިދުމަތް ބޭނުންކުރެވޭ ތަނަކަށެވެ.
އެގޮތުން މިތަން ތަރައްގީކުރާ ފަރާތުން ކިޔުއާރު ކޯޑު ބޭނުންކޮށްގެން ޕާކު ކުރުމާއި އެޕުގެ ޒަރިއްޔާއިން ޕާކިން ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހެ އެވެ. އަދި ސީސީޓީވީ އާއި އޮޓޮމެޓިކް ނަމްބާ ޕްލޭޓް ރެކޮގްނިޝަން ސިސްޓަމްތައް ހަރުކުރަން ވެސް ހިމެނެ އެވެ.
ޕާކު ހުންނާނެ ގޮތުގެ ކުރެހުންތަކަށް ބަލާއިރު، މި ޕާކިންގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ތިން ޖާގަ ހިމަނައިގެން އެއްފަހަރާ 62 ކާރު ޕާކު ކުރެވޭނެ އެވެ. އަދި ކާރުތައް ޕާކުކުރާ ސަރަހައްދު އޮންނަނީ ހިޔާކޮށްފަ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 7 އެވެ. އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ އެވެ.










