މެންޗެސްޓާ (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލް 2-1 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ސީޒަން ފެށީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވެގެންނާއި ރަށުންބޭރުގައި ބްރެންޓްފޯޑް އަތްދަށުވެގެންނެވެ. އެ ދެ ނަތީޖާ ހަނދާން ނައްތާލައި، އާ ފެށުމަކުން ފަށަން ޔުނައިޓެޑުން މި ވަނީ ޒަމާންވީ ވާދަވެރިޔާ، ލިވަޕޫލް އަތުން މުހިންމު މޮޅެއް ހޯދައިފަ އެވެ. މިއީ 2018 ވަަނަ އަހަރުގެ ފަހުން ލީގުގައި ޔުނައިޓެޑުން ލިވަޕޫލް ބަލިކުރި ފުރަތަމަ ފަހަރެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލުން ގިނަ ކުޅުންތެރިންތަކެއް ނުލައި، ކުޅެން ޖެހިފައިވާއިރު، މި ފަހަރުގެ ލީގުގައި އެ ޓީމު އަދި މެޗަކުން މޮޅެއްނުވެ އެވެ. ލިވަޕޫލުން ބޮޑު އަގުގައި ގެނައި، އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ހުރީ އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަަބަބުން ތިން މެޗުގެ ސަސްޕެންޝަނެއްގަ އެވެ.
ޔުނައިޓެޑުން މިރޭގެ މެޗު ފެށީ ކެޕްޓަން، ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ.
ފުރަތަމަ މިނިޓުން ފަށައިގެން ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމަށް ލީޑުނަަގައިދޭން އެންތަނީ އެލަންގާ އަށް ލިބުނު ފުރުސަތުން ޖެެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޔުނައިޓެޑަށް ލީޑުނަގައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އެލަންގާ ދިން ބޯޅައަކުން ޖޭޑަން ސަންޗޯ އެވެ. ހަމަޖެހިލާފައި ސަންޗޯ ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ޔުނައިޓެޑްގެ މަލާސިއާ (ކ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ
ލިވަޕޫލަށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން މާ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނު ނަމަވެސް ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ސާފުކޮށްލަން ޖެހި ބޯޅައެއް ގޯލަށް ނުވަނީ ރޮނގުމަތީގައި ހުރި ލިސަންދްރޯ މާޓީނޭޒް ގައިގައި ޖެހިފަ އެވެ.
ދެ ވަނަ ހާފަށް ޔުނައިޓެޑުން ނުކުތީ އެލަންގާގެ ބަދަލުގައި އެންތަނީ މާޝިއަލް ކުޅެން އަރުވައިގެންނެވެ. މާޝިއަލް ކުޅެން އަރުވައި، މާކަސް ރެޝްފޯޑް އަރިމައްޗަށް ނެރެގެން ކުޅެން ފަށައި، ޔުނައިޓެޑުން ވަނީ މެޗުގެ 53 ވަަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. މާޝިއަލް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ރަޝްފޯޑް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި އަހަރުގެ ޖެނުއަރީ މަހަށް ފަހު ރަސްމީ މެޗެއްގައި ޔުނައިޓެޑަށް ރަޝްފޯޑް ޖަހައިދިން ފުރަތަމަ ގޯލެވެ.
ޔުނައިޓެޑުން ލީޑުފުޅާކުރިތާ މިނިޓެއްގެ ތެރޭގައި ލިވަޕޫލަށް ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން ލިވަޕޫލްގެ ޖޭމްސް މިލްނާ ނެގި ހުރަހަކުން ލުއިޒް ޑިއާޒް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލުން ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ޖެހި ބޯޅައެއް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ. މިއީ ސަލާހު ޔުނައިޓެޑް ކޮޅަށް ޖެހި 10 ވަނަ ގޯލެވެ. ލީގުގައި ޔުނައިޓެޑް ކޮޅަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ސަލާހު އަތުގަ އެެވެ.
ޔުނައިޓެޑުން ވަނީ ލިވަޕޫލްގެ ލަނޑަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ، އާރޮން ވަން ބިސާކާ އަދި ޑޯނީ ވެން ޑަ ބީކް ކުޅެން އަރުވައިފަ އެވެ. ރޮނާލްޑޯ ކުޅެން އަރައި ފޮނުވާލި ހަމަލާއެއް ދިޔައީ ހުރަސްދަނޑިމަތިންނެެވެ.
މި ނަތީޖާއާ އެކު ލިވަޕޫލުން 2022 ވަނަ އަހަރު ފެށި ފަހުން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އަތުވެފަ އެެވެ. ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، ޔުނައިޓެޑް 14 ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ލިވަޕޫލް 16 ވަނައިގައި އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ.












