ހޮލީވުޑްގެ ތަރިން ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ކައިވެނި ކުރިތާ މަހެއް ފަހުން ވެޑިން ޕާޓީ ބާއްވައިފި އެވެ.
އެ ދެ މީހުން ކައިވެނި ކުރީ ޖުލައި 15 ވަނަަ ދުވަހު ލަސް ވޭގަސްގަ އެވެ. އެފްލެކްގެ 35 ހެކްޓަރުގެ ގޭގައި ޕާޓީ ބޭއްވީ އާއިލާ އާއި އެކުވެރިންނާ އެކުގަ އެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަ ޕާޓީގައި ބައިވެރިވި ހޮލީވުޑް ތަރިންގެ ތެރޭގައި މެޓް ޑޭމަން އަދި ކެވިން ސްމިތް ހިމެނެ އެވެ.
ޕާޓީގެ ތީމަކީ ހުދު ކުލަ ކަމަށް ވާތީ، ހުރިހާ ގެސްޓުން ވެސް ތިބީ ހުދު ކުލައިގެ ހެދުމުގަ އެވެ، ޖެނިފާ ލޮޕޭޒްގެ ވެޑިން ހެދުމަކީ އިޓަލީގައި ޑިޒައިން ކުރި ރާލްފް ލޯރެން ހެދުމެކެވެ.
އުމުރުން 50 އަަހަރުގެ ބެން އެފްލެކް އާއި 53 އަހަރުގެ ޖެނިފާ ލޮޕޭޒް އެންމެ ފުރަތަމަ ބައްދަލުވީ 2002 ވަނަަ އަހަރު ފިލްމެއްގެ ތެރެއިންނެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅެ ކަައިވެނި ކުރަަން ނިންމި ނަމަވެސް، ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކްގެ ފުރަތަމަ އެންގޭޖްމަންޓް ރޫޅާލީ މީގެ 17 އަަހަރު ކުރިންނެވެ.
އެ މީހުން އެންގޭޖްމަންޓް ރޫޅާލުމަށް ފަހު ބުނީ "މީޑިއާގެ ސަމާލުކަން މާ ބޮޑަށް ލިބެމުން ދާތީ" އުނދަަގޫވާ ކަމަށެވެ.
މިއީ ޖެނިފާގެ ހަތަރު ވަނަ ކައިވެންޏެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ލަވަކިޔުންތެރިޔާ މާކް އެންތަނީއާ ކައިވެނިކޮށްފަ އެވެ. އެ ކަައިވެންޏަށް އެއް މާބަނޑު ދެ ކުދިން ލިބުނު ނަމަވެސް 2014 ވަނަ އަހަރު ކައިވެނި ނިމުމަކަށް އައެވެ.
ބެން އެފްލެކް 2005 ވަނަ އަހަރު ކައިވެނި ކުރީ އެކްޓްރެސް ޖެނިފާ ގާނާއާ އެވެ. އެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެ ކައިވެނި ރޫޅުނީ 2018 ގަ އެވެ.
ބެން އާާއި ޖެނިފާ ލޮޕޭޒް އަލުން ގުޅުނު ކަމަށް ހަބަރު ފެތުރުނީ މިދިޔަ އަހަރު އެވެ. އެއަށްފަހު އެ މީހުން ދިޔައީ އެކުގައި އިވެންޓުތަކަށް ގޮސް، ސޯޝަލް މީޑިއާގައި ވެސް ލޯބި ހާމަ ކުރަމުންނެވެ.










