ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމުގެ ގޮތުން އެކްޓަރު ޖޯނާ ހިލް އޭނާގެ ފިލްމުތައް ޕްރޮމޯޓް ކުރުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
"ސުޕާބޭޑް" ފިލްމުގެ އެކްޓަރު ބުނީ މާ ބޮޑަށް ހާސްވެ، ފިކުރު ކުރުން ނުވަތަ އެންޒަައިޓީ ދިމާވާތާ 20 އަހަރު ވެއްޖެ ކަމަށާއި ފިލްމުތައް ޕްރޮމޯޓް ކުރަން މީޑިއާ އާއި އާއްމުންގެ ކުރިމައްޗަށް ނިކުތުމުން އެ މައްސަލަ އިތުރަށް ގޯސްވާ ކަމަށެވެ.
ޖޯނާ ހިލްގެ ކުރިއަށް އޮތް އާ ޑޮކިޔުމެންޓްރީ "ސްޓަޓްޒް" ޕްރޮމޯޓް ކުރުމަށް ވެސް އޭނާ ބައިވެރިއެއް ނުވާނެ އެވެ. އެ ފިލްމަކީ ޖޯނާ ހިލް އާއި ތެރަޕިސްޓަކާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ހަދާފައިވާ ޑޮކިޔުމެންޓްރީ ފިލްމެކެވެ.
އުމުރުން 38 އަހަރުގެ ޖޯނާ ހިލްގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކީ ޑެޑްލައިން ނޫހުގައި ޝާއިއު ކުރި ހުޅުވާލާފައިވާ ސިޓީއެއްގަ އެވެ.
އޭނާ ޑައިރެކްޓް ކުރި "ސްޓަޓްޒް" އިން ފެންނަނީ 2017 ވަނަ އަހަރު ބައްދަލުކުރަން ފެށި ތެރަޕިސްޓަކާ އެކު އޮތް ގުޅުމެވެ. ފިލްމުގެ މަންޒަރުތައް ޝޫޓު ކުރީ ސިއްރުންނެވެ.











