މެޑްރިޑް (އޮގަސްޓް 18) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގީސް ޕްލޭމޭކަރު ޔާއޯ ފެލިކްސް އަށް މެންޗެސްޓާ ޔުނައިޓެޑުން ކުރި 110 މިލިއަން ޕައުންޑް (133 މިލިއަން ޑޮލަރު)ގެ ބިޑް އެތުލެޓިކޯ އިން އަނބުރާ ފޮނުވާާލާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ޔާއޯ ފެލިކްސް މީގެ ތިން އަހަރު ކުރިން އެތުލެޓިކޯއާ ގުޅުނީ ބޮޑު އަގުގައި ގިނަ ޓީމުތަކުގެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ. އެތުލެޓިކޯ އިން ވަނީ 2019 ވަނަ އަހަރު ޔާއޯ ފެލިކްސްގެ ސޮއި ހޯދަން 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ޕޯޗުގަލްގެ ބެންފީކާ އަށް ދައްކައިފަ އެވެ.
އެ ފަހަރު ވެސް ޔުނައިޓެޑުން ޔާއޯ ފެލިކްސް ގެންނަން އޭނާގެ އޭޖެންޓާ މަޝްވަރާ ކުރި އެވެ.
މިދިޔަ ސީޒަން ނިމުނުއިރު، އެތުލެޓިކޯ އިން ޔާއޯ ފެލިކްސް ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ދެެކެވުނެވެ.
މިދިޔަ މަހު އެތުލެޓިކޯ އިން ޕްރީ ސީޒަން މެޗެއްގައި ޔުނައިޓެޑް އަތުން މޮޅުވިއިރު، އެ މެޗުގައި ގޯލު ޖެހީ ޔާއޯ ފެލިކްސް އެވެ. މި ފަހަރުގެ ލަލީގާ ސީޒަނުގައި އެތުލެޓިކޯ އިން ކުޅުުނު ފުރަތަމަ މެޗުގައި 3-0 އިން ގެޓަފޭ ބަލިކުރިއިރު، އެ މެޗުގައި އެތުލެޓިކޯ އިން ޖެހި ތިން ގޯލުގައި ވެސް ޔާއޯ ފެލިކްސް އިސް ރޯލެއް އަދާކުރި އެވެ.
އެ މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ޔާއޯ ފެލިކްްސް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑުން ޔާއޯ ފެލިކްސް އަށް 133 މިލިއަން ޑޮލަރުގެ ބިޑެއް ކުރި ކަމަށް ރިޕޯޓްތައް ބުނާއިރު، އެތުލެޓިކޯ އިން އެ ހުށަހެޅުން އަނބުރާ ފޮނުވާލީ ޔާއޯ ފެލިކްސް އަކީ އެއްވެސް އަގެއްގައި ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށް ބުނެ އެވެ.
ޔާއޯ ފެލިކްސްގެ އިތުރުން ޔުނައިޓެޑުން އަންނަނީ އެތުލެޓިކޯ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް މަޓެއުސް ކޫންޏާ ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. ކޫންޏާ އެންމެ ކުޑަކޮށް ވެސް ވިއްކާނެ ކަމަށް އެތުލެޓިކޯ އިން ބުނަނީ 70 މިލިއަން ޑޮލަރަށެވެ.
ޔާއޯ ފެލިކްސް 2026 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ހުރިއިރު، އެ ކޮންޓްރެކްޓް ގަންނަން ކްލަބަކުން ބޭނުންނަމަ 355 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.












