ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލް ޕާކާ ދިމާލަށް މޫދުގައި ތަރައްގީކުރަން ހުޅުވާލާފައިވާ އޯވާ ވޯޓާ ރެސްޓޯރަންޓުގެ އެކުއިޒިޝަން ފީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ބިޑުކޮށްފި އެވެ.
އެ ރެސްޓޯރަންޓު ތަރައްގީކުރަން ލިބުނު ބިޑުތައް ހުޅުވުމަށްފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އާންމުކޮށްފައިވާ ޝީޓުން ދައްކާ ގޮތުގައި ހަތަރު ފަރާތަކުން ބީލަމުގައި ބައިވެރިވި އެވެ. އެއީ:
- އާމިރް މަންސޫރު އިންވެސްޓްމަންޓްސް
- ވިލާ ހަކަތަ
- ހުއިވަނި އިންވެސްޓްމަންޓްސް
- ކަނޑޫފާ ޕްރައިވެޓް ލިމިޓެޑާއި ޗައިނާގެ ހެބޭ ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕް
އެ ބީލަންތަކުގެ ތެރެއިން ކަނޑޫފާއާ ބެހޭ ކޮންސްޓްރަކްޝަނުގެ ބިޑު ބާތިލުކުރުމަށް ފަހު، ބިޑު ބަލައިގަތީ ތިން ފަރާތެއްގެ އެވެ. އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓެއް ހުށަހެޅީ އާމިރް މަންސޫރު އިންވެސްޓްމަންޓްސްއިންނެވެ. އެންމެ ބޮޑު ކުލި ހުށަހެޅީ ވިލާ ހަކަތައިންނެވެ.
މި ރެސްޓޯރަންޓު ތަރައްގީކުރަން ފުރުސަތު ދޭނީ އެންމެ މަތިން އެކުއިޒިޝަން ކޮސްޓާއި ކުއްޔާއި ހުށަހެޅި ފަރާތްތަކަށެވެ. އަދި ވިޔަފާރި ޕްރޮޕޯސަލްއަށާއި ތަޖުރިބާއަށް ބަލާނެ އެވެ.
ޗެނަލް ޕާކަކީ އެޗްޑީސީން ލައިފްސްޓައިލް ޒޯނެއްގެ ގޮތުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ޓޫރިސްޓުންނަަށް އަމާޒުކޮށްގެން ތަރައްގީކުރަމުން އަންނަ ސަރަހައްދެކެވެ. އެތަނުގައި ރެސްޓޯރަންޓުތަކުގެ އިތުރުން މުނިފޫހިފިލުވަން ވޯޓާ ސްޕޯޓްސް އާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރަން ވަނީ ޕްލޭންކޮށްފަ އެވެ.










