އަނިޔާވެރިގޮތަކަށް މީހަކު މަރައިލުން ކީއްކުރަން ދެމީހަކު ޒުވާބު ކުރިޔަސް އޭރު އަހަރެމެން ބިރުގަނެ އެވެ. އޭރުގައި ތަޅައިފޮޅުމެއް ހިނގިޔަސް އެއީ ބޮޑުކަމެކެވެ. މީގެ 30 ވަރަކަށް އަހަރު ކުރިއަށް ޖެހިލިޔަސް ހާލަތު އޮތީ މިހެންނެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ އެވެ. މީހަކު މަރައިލި ވާހަކަ އަޑު އިވޭ އިރަށް އެކި އުމުރުގެ މީހުން އަވަސްވެގަންނާނީ މަރައިލެވުނު މީހާގެ ފޮޓޯއެއް ލިބޭތޯ އެވެ.
ފާހިޝް އެހެން އަމަލުތަކާ މެދުގައި ވެސް މިހާރު ކަން ހިނގަނީ މިހެންނެވެ. އެންމެ މުޑުދާރު އަމަލުތަކުގެ ވާހަކަ އަޑު އިވުނަަސް، އެއީ ބޮޑުކަަމަކަށްވުމުގެ ބަދަލުގައި މަޖަލަކަށް ވެދެ އެވެ. މުޖުތަމައެއްގެ ގޮތުގައި އަހަރެމެންގެ އަހުލާގު މިވަނީ ވަރަށް ދަށަށް ގޮސްފައި ކަމަށް ބުނެވިދާނެ އެވެ. މިކަމުގައި ވަކި ބަޔަކާ ދިމާލަށް އިނގިލި ދިއްކުރުމުގެ ބޭނުމެއް ނެތެވެ. ބަލަންވީ މިނޫން ގޮތެއް ވޭތޯ އެވެ. ހާއްސަ ގޮތެއްގައި ޒުވާނުން ކުށްކުރުމާ ދުރުކުރަން ކުރަންވީ ކީއްތޯ ފަރުދީ ގޮތުން ވެސް މިއޮތީ ވިސްނަން ޖެހިފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ސިޔާސީ މަގާމެއްގައި ހުންނެވި ސިޔާސީ ބޭފުޅަަކަށް ވާތީ މިކަމުގައި އޭނާ ދެއްކެވި ވާހަކަ އަހަރެމެންނަށް ކަމު ނުގޮސްދާނެ އެވެ. އެކަމަކު އެ ވާހަކައިގައި، އިތުރަށް އެއް ފަހަރު ހުއްޓި ތިބެ ވިސްނައިލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ފުލުހުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއެއް ފަށަން މިދިޔަ ބުރާސްފަތި ދުވަހު ތުލުސްދޫގައި ބޭއްވި ޖަލްސާއެއްގައި އިމްރާން ވިދާޅުވީ ކުށްތައް މަދުކުރެވޭނީ ތައުލީމީ ނިޒާމާއި މުޖުތަމައުގެ ހަމަތައް ހިފަހައްޓަން ހުރި އެހެން މުއަައްސަސާތަކާއި މުޖުތަމައުން ވެސް މަަސައްކަތް ކޮށްގެން ކަމަށެވެ. ކުށް މަދުކުރަން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކަމާ ޑީލްކުރަން ތިބީ ހަމައެކަނި ފުލުހުންނެއް ނޫން. މިކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އަޅުވާފައި އަަޅުގަނޑުމެންނަކަށް ނުތިބެވޭނެ،" އިމްރާން ވިދާޅުވި އެވެ.
ޒުވާނުން ފާހިޝް ކަންކަމާ ދުރުކުރަން ފަރުދީ ފެންވަރުގައި ކުރެވޭނީ ކީއްތޯ ބައެއް ޝައިހުންނާ ސުވާލުކޮށްލާހިތްވީ ހޯމް މިނިސްޓަރުގެ އެވާހަކައާ ގުޅިގެންނެވެ. އެ ބޭފުޅުން ދެއްވި ޖަވާބުތަކުން ވެސް ޖުމްލަ ގޮތެއްގައި އެނގުނީ މީހުން މެރުން ފަދަ ޖަރީމާތަކާއި ފާހިޝް އެހެން ކަންތައްތަކުން ޒުވާނުން ސަލާމަތްކުރުމަށް ވެސް ފަރުދީ ފެންވަރުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމެވެ.
"ޒުވާނުން ފާހިޝް ކަންކަމާ ދުރުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި،" މިސްކިތްތަކާއި އެނޫން އެތައް ތަނެއްގައި ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ހިންގަވާ ޝައިޚު އަބްދުﷲ މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
ޓީވީއާއި ރޭޑިއޯ ޕްރޮގްރާމްތަކާއި އެކި އެކި ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވައި ދީނީ އިލްމާއި އަހުލާގިއްޔާތު ފަތުރުއްވަން މަސައްކަތްކުރައްވާ އައްޝައިހު މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވެސް ވިދާޅުވީ ފާހިޝް ކަންތައްތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭނާ އެފަދަ ކަންތައްތަކުގެ ދިގު ލިސްޓެއް ދެއްވި އެވެ.
ކުށްތަކުގެ ތަފްސީލު އާންމުނުކުރުން
ޝައިހު މުހައްމަދު ރަޝީދު ވިދާޅުވީ މީހުން ކުރާ ފާފަތަކުގެ ތަފްސީލު އާންމުކުރުމުގެ ސަބަބުން މުޖުތަމައަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމަށެވެ. އެ ކަންތައްތަކުގެ ތަފްސީލު އާންމުކުރުމަކީ އިސްލާމްދީނުގައި އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި މިހާރު އެކަންކަމުގައި އަމަލުކުރާ ގޮތަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މިހާރު ވާގޮތަކީ، މީޑިއާއިން ވެސް މިހަދާ ގޮތަކީ މީހަކު ނުބައިކަމެއް ކުރާތަން ފެންނަ އިރަށް، ނުވަތަ އެނގިއްޖެއްޔާ އެކަން ފަތުރާލަނީ. އެއީ އެ ނޫހެއް ތަންކޮޅެއް މަޝްހޫރު ވެގެން ދާނެތީ. އެގޮތަށް ވިސްނައިގެން ނުވާނެ. އެއީކީ ނޫން އިސްލާމްދީނުގައި އެކަން އޮންނަ ގޮތަކީ،" ޝައިހު ވިދާޅުވި އެވެ.
ޝައިހު ރަޝީދު ވިދާޅުވި ގޮތުގައި ކުށްފާފަތަކުގެ ވާހަކަ އެގޮތަށް އާއްމުކުރުން އިސްްލާމްދީނުގައި މަނާކުރައްވާފައި އޮތީ ބައެއްގެ އެފަދަ ކަމެއް މާބޮޑަށް ފެތުރުމުން، އެބަޔަކަށް އެކަން ދެން ބޮޑުކަމަކަށް ނުވާ ހިސާބަށް ދާނެތީ ކަމަށެވެ.
"އެއީ އާދައިގެ ކަމަށް ވެގެން ގިނަ މީހުން އެކަން ކުރަން ފަށައިފާނެ،" އޭނާގެ ހިޔާލު ޝައިހު ހިއްސާ ކުރެއްވި އެވެ.
އެހެން ނަމަވެސް ބައެއްގެ ފާފައިގެ ވާހަކަ އާންމުކޮށް މުޖުތަމައަށް އަންގަން ޖެހޭ ހާލަތެއް ވެސް އެބަ އޮތެވެ. ރަޝީދުވި ދާޅުވި ގޮތުގައި ނުބައިކަމެއް މީހުންގެ ތެރޭގައި ފަތުރަން ޖަމާއަތެއްގެ ބަޔަކު ގަސްދުގައި މަސައްކަތްކުރާ ނަމަ އެބައެއްގެ ނުބައިކަން މީހުންނަށް ކިޔައިދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް އެ ހާލަތުގައި ވެސް އެބައެއްގެ ފާހިޝު އަމަލުތަކުގެ ތަފްސީލު މީހުންނާ ހަމައަށް ނުދާނެ ގޮތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިހު އަބްދުﷲ ވިދާޅުވީ ފާހިޝް އަމަލުތަކުގެ ތަފްސީލު އާންމުކުރުމުގެ ބަދަލުގައި އިސްލާމީ މުޖުތަމައެއްގައި ކުރަން ޖެހޭނެ ކަމަކީ އެކަންކަމުގެ ނުބައިކަން ކިޔައިދިނުން ކަމަށެވެ.
"އޭގެ ބަދަލުގައި [ނުބައިކަންތައްތަކުގެ ތަފްސީލު ހާމަކުރުމުގެ ބަދަލުގައި] އޭގެ ނުބައިކަން ކިޔައިދީ، އޭގެ ސަބަބުން ﷲ ނުރުއްސަވާކަމާއި އެކަންތައްތަކަށް ހުރި އަދަބު ކިޔައިދިނުމާއި އެއިން ދުރުވީމާ ހުރި ހެޔޮކަންތައްތަކާއި ސަވާބާއި ދަރުމަޔާއި ﷲގެ ރުއްސެވުން ކިޔައިދިނުން އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
ނަސޭހަތާއި އެކު ނަމޫނާ ދެއްކުން
އިލްމުވެރިިން ދެކެވަޑައިގަންނަވާ ގޮތުގައި ޒުވާނުން ކުށްކުރުމާއި ދުރުކުރުމަށް ޓަކައި އެންމެ ބާރުލައި ކުރަންވީ ކަމަކީ އެމީހުންނާ ގުޅޭ، އެމީހުންނަށް ވިސްނޭ މޭރުމަކުން ހެޔޮ ނަސޭހަތްތަކާއި ބަސްތައް އިއްވުމެވެ. ދީނީ އިލްމު ހުރި ނަމަ އެއީ އެކިއެކި މީހުން އަމިއްލަ ގޮތުން ވެސް ކުރަންވީ ކަމެއް ކަމަށް ޝައިހު އަބްދުﷲ ވިދާޅުވި އެވެ.
"ދީނީ ކަންތައްތައް ދަންނަ އަދި ހެޔޮ ނަސޭހަތް ދެވޭ ވަރުގެ މީހެއް ނަމަ އެމީހުންނަށް ނަސޭހަތްތެރިވުން އެއީ ކުރެވިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުި ގޮތުގައި ފާހިޝް ކަންތައްތަކުގެ ނުބައިކަން ޒުވާނުންނަށް ކިޔައިދޭންވީ އަގީދާއާ ގުޅުވައިގެންނެވެ. ކުރީގެ އުއްމަތްތަކުގެ ތެރެއިން އެފަދަ ފާހިޝް ކަންތައްތައް ކުރި މީހުންނަށް އައި ކޯފާގެ ވާހަކަ އަކީ ވެސް އެގޮތުން ކިޔައިދޭންވީ ވާހަކަތަކެވެ.
ޝައިހު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޖުތަމައުގެ ހާލަތު މިހާރު މިއޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މި ހާލަތުން އަރައިގަތުމަށް ފަރުދީ ގޮތުން އަނެއްކާވެސް ތެދުވަން ވީ ބަޔަކީ މައިންބަފައިން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރިން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރުމަކީ ދަރިންގެ ވަކި އުމުރެއްގައި އޮތް ކަމެއް ނޫނެވެ.
"ކިތަންމެ ބޮޑުވެފައި ތިއްބަސް ދަރިން ވާނީ ދަރިންނަށް. އެ ގޯސްކޮށް އުޅޭ ދަރިން ވެސް ހަމަ ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
މައިންބަފައިން ދަރިންނަށް ނަސޭހަތްތެރިވާންވީ ހަމަ އެކަނި ދީނިީ ގޮތުންނެއް ނޫނެވެ. ރަޝީދު ވިދާޅުވި ގޮތުގައި ނުބައިކަންތައްތަކާ ދަރިން ދުރުކުރުމަށް ދުނިޔަވީ ގޮތުން ވެސް ނަސޭހަތް ދެވޭނެ އެވެ.
ފަރުދީ ގޮތުން ކުރެވޭނެ އަނެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި މައިންބަފައިން ދަރިންނަށް ހެޔޮ ނަމޫނާ ދެއްކުމެވެ. އެއީ ގަވައިދުން ފަސް ވަގުތު ނަމާދުކުރުމާއި ނުބައި ކަންތައްްތަކުން ދުރުވެ ތިބުމުގެ ނަމޫނާ އެވެ. ފިރިހެން ދަރިން ނަމަ، އެކުދިން ގޮވައިގެން ބައްޕަ މިސްކިތަށް ދިއުމާއި އަންހެން ދަރިން ނަމަ މަންމަ އެކުދިންނާ އެކު ނަމާދު ކުރުމެވެ.
އުޅޭ ނޫޅޭ ގޮތް ބަލަން ޖެހޭ
ރަޝީދު ވިދާޅުވީ ފޯނާއި ލެޕްޓޮޕާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ދަރިންނަށް ނުދޭށޭ ވިދާޅުނުވާނެ ކަމަށެވެ. އެހެން ނަމަވެސް ދަރިން އެތަކެތީގެ ބޭނުންކުރާ ގޮތް މައިންބަފައިން ބަލަން ޖެހޭނެ އެވެ. އެ ފަދަ ތަކެތި ކުދިންނަށް ދޭން ވާނީ އެއިން ކުރާކަމެއް ބެލޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
މީގެ މާނައަކީ "ޕޭރެންޓަލް ކޮންޓްރޯލް" އެޕްލިކޭޝަނެއް ފަދަ ވަސީލަތެއް ފޯނުތަކާއި ޓެބްލެޓްތަކުގައި ބޭނުންކުރުމެވެ. ކުދިންގެ ސާޗް ހިސްޓްރީއާއި މިނޫން ވެސް ހަރަކާތައް މައިންބަފައިން ގަވައިދުން ބަލަމުން ގެންދިއުމެވެ.
ޝައިހު އަބްދުﷲ ގެ ހިޔާލު މިކަމުގައި ކޮންމެވެސް ވަރަކަށް ތަފާތެެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނުބައި ވެބްސައިޓްތަކާ ދަރިން ދުރުކުރުމަކީ ހަމަ އެކަނި ފަރުދީ ގޮތުން މައިންބަފައިންގެ ބޮލުގައި އެކަނި އޮތް ކަމެއް ނޫނެވެ. އެފަދަ ވެބްސައިޓްތައް ބަންދުކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ. ސަރުކާރުން އެދިއްޖެ ނަމަ އެ ސައިޓްތައް ބްލޮކްކުރާނެ ކަމަށް ބައެއް ޓެލެކޮމް އޮޕަރޭޓަރުން ވަނީ ދާދިފަހުން ބުނެފަ އެވެ.
ޒުވާނުންނަކީ އަހަރުމެންގެ މުސްތަގްބަލެވެ. ޝައިހުން ވިދާޅުވި ގޮތަށް، ކޮންމެ ޒުވާނަކީ ވެސް ކޮންމެވެސް މީހެއްގެ ދަރިއަކަށްވާއިރު އޭނާއަށް ނަސޭހަތްދީ ރަނގަޅު މަގު ދައްކައިދޭންޖެހެ އެވެ. ސަރުކާރުން ވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެކަމަކު އެންމެ ބޮޑު މަސައްކަތެއް އަދިވެސް ކުރެވޭނީ އަހަރުމެންނަށެވެ.












