މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އައްޑޫ ހިތަދޫ ފުއްޓަރު ފަރާތު އެތެރެވަރިއަށް އެރި ސީލް ތިން ދުވަސް ވަންދެން އޮތުމަށްފަހު އެތަން ދޫކޮށް ގޮސްފި އެވެ.
ތިން ދުވަސް ވަންދެން ސީލް އައްޑޫގައި އޮތީ މޯލްޓިން ފޭސްއެއްގައި ކަން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ބޭރުގެ ވެޓެރިނޭރިއަންއާ ގުޅިގެން ހޯދި ހޯދުންތަކުން ވަނީ އެނގިފަ އެވެ. މޯލްޓިން ފޭސް ކިޔަނީ އަންހެން އަދި ޅަ ސީލް، އޭތީގެ ހަށިގަނޑުގައި އާ ހަން އަދި އިސްތަށި ފެޅުމަށް ހޭދަވާ މުއްދަތަށެވެ.
ރާއްޖެ ފަދަ ހޫނު ގައުމުތަކަށް ސީލް އަރަނީ ވަރަށް މަދު ފަހަރަކު ކަމަށްވާއިރު، ސީލް މޯލްޓްވާން ދަނީ ހޫނު ތަންތަނަށް ކަމަށްވެ އެވެ.
އައްޑުއަށް ވަނީ ޖުލައި 31، ގައި ވެސް ސީލްއެއް އަރާފަ އެވެ. އެ ދުވަހު ހަވީރު ހިތަދޫ ކަންބިހަ ބީޗް ސަރަހައްދަށް ސީލް އެރުމުން، ފުލުހުންގެ އެހީތެރިކަމާއެކު އެ ސީލް ވަނީ އެ ސަރަހައްދުން ބޭރުކޮށްލާފަ އެވެ.
އީޕީއޭގެ ތިމާވެއްޓާ ބެހޭ އެނަލިސްޓު އީނާސް މުހައްމަދު ވިދާޅުވީ ސީލް ރާއްޖެއަށް އަރާ އޮތީ މޯލްޓްވާން ކަމަށް ބެލެވޭއިރު، އެ ޕްރޮސެސް ނިމެންދެން ރާއްޖޭގައި އޮންނާނެ ކަމަށެވެ. އަދި އެއީ ސީލްއަށް ވަރަށް ނާޒުކު ޕްރޮސެސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ސަރަހައްދުން ސީލްއެއް ނުފެނޭ. އިންސާނުންގެ އުނދަގުލާހެދި ދިޔައީ ކަމަށް ވެދާނެ، ނޫނީ ބޭނުންވާ ވަރަށް އަރާމު ލިބުމުން ދިޔައީ ކަމަށް ވެދާނެ. އަދި ފަހުން އައިސްވެސް ދާނެ،" އީނާސް ވިދާޅުވި އެވެ.
އައްޑޫ ނޭޗާ ޕާކުގެ މެނޭޖަރު އާމިނަތު އަފާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފަތިހުން ފެށިގެން ސީލް އެ ސަރަހައްދުން ނުފެންނަ ކަމަށާއި، ސީލް ހޯދުމަށް ޑްރޯން އަރުވައިގެން މުޅި ސަރަހައްދުން ބަލަމުންދާ ކަމަށެވެ.
ސީލް އެނބުރި އައިސްދާނެތަ؟
ރާއްޖެއަށް އެރީ އަންހެން ސަދާން އެލެފެންޓް ސީލްއެކެވެ. މީގެ ކުރިން 2020 ވަނަ އަހަރު މޮރިޝަސްއަށްވެސް އެ ބާވަތުގެ ސީލްއެއް މޮލްޓްވާން އަރާފައިވެ އެވެ. ރާއްޖެ އާއި މޮރިޝަސް އަދި ލަންކާ ފަދަ ހޫނު ގައުމުތަކަށް ސީލް އަރަނީ ވަރަށް މަދުންނެވެ. ހޫނު ގައުމުތަކަށް ސީލް ދަނީ އޭގެ މޮލްޓިން ފޭސްގަ އެވެ. މޮލްޓްވުމަކީ، ސީލްގެ ބޭރުގައި ހުންނަ ހަމާއި އިސްތަށި ފޭބުމެވެ. ގާތްގަނޑަކަށް މަހެއް ވަރު ނަގާ މިކަމަށް ސީލްތައް ދަނީ ގޮނޑު ދޮށްތަކަށެވެ.
މޫދާއި ފިނި ސަރަހައްދުތަކުގައި ސީލްގެ ލޭ ދައުރުވަނީ އޭގެ ހަށިގަނޑު ތެރޭގައި ހުންނަ މުހިންމު ގުނަވަންތައް ހޫނުކޮށް ބެހެއްޓުމަށެވެ. މޯލްޓްވާން ހޫނު ތަންތަނަށް ދަނީ ހަމުގެ ފަށަލާ ހަމައަށް ލޭ ދައުރުކުރުމަށް މަގު ފަހިކޮށްދިނުމަށެވެ. މި ސަބަބާހުރެ ސީލްތައް މޮލްޓްވާން ހޫނު ގޮނޑުދޮށްތައް ހޯދަ އެވެ.
ދެ އަހަރު ކުރިން މޮރިޝަސްއަށް އެރި ސީލްގައި ވެސް ރާއްޖެއިން ފެނުނު ސީލްގައި ހުރި ފަދަ ވަށް ޒަހަމްތަކެއް ހުއްޓެވެ. އެލްބިއަން ފިޝަރީސް ރިސާޗް ސެންޓަރު (އޭއެފްއާރްސީ) އިން ފުރަތަމަ ކަނޑައެޅީ އެ ޒަހަމްތަކަކީ 'ކުކީ ކަޓާ ޝާކް' ގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށެވެ. ނަމަވެސް ފަހުން އެއީ، މޮލްޓްވުމުގެ ސަބަބުން ގައިގައި ހުރި ނިޝާނެއް ކަމަށް ކަނޑައެޅި އެވެ. އެހެންކަމުން، ރާއްޖެއިން ފެނުނު ސީލް ގައިން ވެސް ފެނުނީ އެފަދަ ނިޝާންތަކެއް ކަމަށް ބެލެވެ އެވެ.
މޮރިޝަސް އިން ފެނުނު ސީލް ގޮނޑުދޮށުގައި މޯލްޓްވާން އޮތުމަށްފަހު އެ ޕްރޮސެސް ނުނިންމާ މޫދަށް ފައިބައިގެން ދިޔައީ އެވެ. މޯލްޓިން ސްޓޭޖުގައި އޭއެފްއާރްސީން ދިޔައީ ކޮންމެ ދުވަހަކު އެ ސީލް މޮނިޓާ ކުރުމުންނެވެ. އެ ސްޓޭޖް ނުނިންމާ ސީލް މޫދަށް ދިޔައީ، އިންސާނުންގެ އުނދަގުލާ ހެދި ކަމަށް އެ ސެންޓަރުގެ ދިރާސާ ކުރާ މީހުން ބުނެފައި ވެއެވެ. ފަހުން އެ ސީލް މޮރިޝަސްއިން ފެނިފައެއް ނުވެ އެވެ.
ނަމަވެސް 2019 ވަނަ އަހަރު ސްރީލަންކާއަށް އެރި ސީލްއެއް މިފަދައިން މޫދަށް ފައިބައިގެން ދިއުމަށްފަހު އަނބުރާ އައިސްފައިވެ އެވެ.













