މާލެއިން ފުރައިގެން އައްޑޫއަށް 16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން މަސައްކަތް ކުރަން ފަށައިފި އެވެ.
ފަރަށް އެރީ "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު އެރީ ލ. މާމެންދޫގެ އުތުރުފަރާތު ފަރަކަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަރަށް އަރައިގެން އުޅޭ ކަމުގެ ރިޕޯޓް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބިފައި ވަނީ ރޭ 03:25 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓުގައި ހުރި މުދާތައް މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު ކަމަށާއި މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށް ފަހުގައި ކަމަށެވެ.












