އޭޑީކޭ ހޮސްޕިޓަލުން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޑައިމަންޑް ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.
ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްގައި ބާއްވާ މި ކޮންފަރެންސްގެ ޑައިމަންޑް ޕާޓްނަރުންނަކީ އެސްޓީއޯ އާއި ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިންޑިއާގެ އެން-ވަސްކިއުލާ ޓެކްނޮލޮޖީ އެވެ. މީގެ އިތުރުން ސިލްވާ ޕާޓްނަރެއްގެ ގޮތުގައި އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއްކަމުގައިވާ ގްލެންމާކްއާއެކު ވެސް ވަނީ ސޮއިކޮށްފަ އެވެ.
"އިތުރު ޕާޓްނަރުން އަދި އަންނާނެ،" އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން 50 އަށް ވުރެ ގިނަ މީހުން ރެޖިސްޓަކޮށްފައިވެ އެވެ. ކޮންފަރެންސްގައި އެމެރިކާ، ސްޕެއިން އަދި އިންޑިއާގެ އެންމެ މަޝްހޫރު ޑޮކްޓަރުން ބައިވެރިވެ ވާހަކަ ދައްކަވާނެ އެވެ.
މިއަހަރުގެ ކޮންފަރެންސްގައި ވެސް ސާޖަރީތައް ލައިވްކުރާނެ ކަަމަށް ވެސް އޭޑީކޭއިން ބުނެ އެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވި 2017 ގަ އެވެ. އެއަށް ފަހު ކޮންމެ އަހަރަކު ބާއްވަމުން އައިސް، ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރުގެ ކޮންފަރެންސް ނުބޭއްވުނެވެ.










