ރިޕޯޓުމަރުގެ ހުކުމްތައް ކަށަވަރު ކުރުމުގެ އިސްތިއުނާފް ކޯޓުން ބޭރުކޮށްލެވޭތަ؟

މަރުގެ ހުކުމްތައް ކަށަވަރު ކުރުމުގެ އިސްތިއުނާފް ކޯޓުން ބޭރުކޮށްލެވޭތަ؟

ހައި ކޯޓުން ސާލިމްގެ މައްސަލަ ބަލައިނުގަނެވޭ ނަމަ އޭގެ ނަތީޖާއަކަށް ވާނީ ކޮބާ؟ އޭނާ މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ދެން ވާނީ ކިހިނެއް؟ ގާނޫނުގައި ބަޔާންކުރާ މަތީ ކޯޓުތަކުގެ މަރުހަލާތައް ގެންދަން ދެން ހަދާނީ ކިހިނެއް؟ އިންސާފު ގާއިމްވާން އާއިލާއިން ކުރާ އުއްމީދު ހާސިލްވާނެތަ؟

މަރުގެ ހުކުމްތައް ކަށަވަރު ކުރުމުގެ އިސްތިއުނާފް ކޯޓުން ބޭރުކޮށްލެވޭތަ؟

އެއީ ރަށުގެ އެންމެންގެހެން ގަދަރާއި އިހުތިރާމު ލިބިގެން ހުރި ހިދުމަތްތެރި އެކެވެ. އޭނާގެ ހަބަރެއް ހިލަމެއް ނުވެގެން މުޅި ރަށު ރައްޔިތުން ނުކުތެވެ. ނުކުމެ އުޅުނު ރައްޔިތުންގެ ތެރެއިން ބަޔަކަށް ފެނުނީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ. ރަހުމުކުޑަ ގޮތަކަށް، ގޯންޏެއްގެ ތެރެއަށް ހަށިގަނޑު ލުމަށްފަހު، ފެން ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ.

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ ހަށިގަނޑު އެ ހާލަތުގައި އޮއްވާ އެ ރަށުގެ މީހުންނަށް ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އެ ކަންކުރީ އެ ރަށުގެ މުސްކުޅި މީހަކު ބަލަން ގެެނެސްފައިވާ ބަންގްލަދޭޝް މީހެކެވެ. ޝާ އޮލަމް މިއާ (ސާލިމް) އެ ކަމަށް ފަސް ގަޑިއިރު ހޭދަކޮށް ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް ހަމަލާ ދީ މަރާލީ، މަހުމޫދުގެ އަތުގައި ހުރި ފައިސާކޮޅެއްގެ ދަހިވެތި ކަމުގަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވާއިރު، މަހުމޫދުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ސާލިމް މެރުމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އިސްތިއުނާފްކުރަން އޮންނަ މުއްދަތު ފަހަނައަޅައިދިޔަ ކަމަށް ބުނެ ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ރަޖިސްޓްރީކޮށެއް ނުކޮށްދިނެވެ.

ދައުލަތާ އެއް ކޮޅަށް ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފް ކުރީ މަތީ މަރުހަލާގެ ކޯޓުތަކުން މަރުގެ ހުކުމްތައް އޭގެ ޒާތުގައި އިސްތިއުނާފްވެ ބަލަން ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީވެ އެވެ. އެހެންވެ ހައި ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުމާ ގުޅިގެން ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިގެން އެބަ ދެ އެވެ.

ހައި ކޯޓުން މައްސަލަ ބަލައިނުގަނެވޭނަމަ ދެން އޭގެ ނަތީޖާއަކަށް ވާނީ ކޮބައި ހެއްޔެވެ؟ ސާލިމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހުކުމް ދެމިއޮންނާނެ ހެއްޔެވެ؟ ގާނޫނުގައި ބަޔާންކުރާ މަތީ ކޯޓުތަކުގެ މަރުހަލާތައް ގެންދަން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އިންސާފު ގާއިމްވާން އާއިލާއިން ކުރަމުން ދިޔަ އުންމީދަށް ވާނީ ކިހިނެއް ހެއްޔެވެ؟

titledesc

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ގަބޫލުކުރައްވާ ގޮތުގައި ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަކީ އަދި އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. މީހަކު މަރަން ދަށު ކޯޓަކުން ކުރާ ހުކުމެއް މަތީ މަރުހަލާގެ ކޯޓުން ބަލަންވާނެ ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް އޮންނައިރު އެއީ ހައި ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް މުހުތާޒު ވިދާޅުވި އެވެ.

"ދައުލަތުން މި ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ޖެހޭ، އަދި އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން، މައްސަލަ ބަލަން އަދި ނިންމާނެ، އެހެންވެ މި ކަމަށް ފާޑުކިޔަން މާ އަވަސް ކަމަށް ވެސް ދެކެން،" ޖިނާއީ މައްސަލަަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި މި ވަގުތު މަސައްކަތްކުރައްވާ މުހުތާޒު ވިދާޅުވި އެވެ.

ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމުން ރަޖިސްޓްރީ ކުރުމުގައި ފުރަތަމަ ގޮތެއް ނިންމާނީ އެ ކޯޓުގެ ރަޖިސްޓްރާ އެވެ. ރަޖިސްޓްރާ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްނުދީފި ނަމަ ނުވަތަ ރަޖިސްޓްރާގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވެ އެވެ.

ގާނޫނީ ވަކީލު މަރިޔަމް ނިހާޔަތު ވެސް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދެއްގެ އަދަބުތަކާއި މަރުގެ އަދަބުތަކަށް އާންމު އުސޫލުގެ ބޭރުން ވަކި ހާއްސަ އިޖުރާއަތްތަކެއް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އިރު ކޯޓުތަކުން އޭގައި ރިއާޔަތްކުރަން ޖެހޭނީ އެ ކަމަކަށެވެ. އެހެންވެ ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ނިހާއީ ހުކުމެއްކަން ކަށަވަރުކުރަން ހުށަހަޅާ ހުށަހެޅުމަކީ އާންމު މާނައިގައި އިސްތިއުނާފް ކުރުމުގެ މާނައިގައި ކުރެވޭ ކަމެއް ނޫން. ހަގީގަތުގައި މިފަދަ ހުކުމްތައް ކަށަވަރުކުރަން ކުރާ އިސްތިއުނާފްގައި މުއްދަތު ގުނުމުގެ ބޭނުމެއް ވެސް ހަގީގަތުގައި ނެތް،" ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ނިހާޔަތު ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަރުގެ ހުކުމްތަކަކީ އޭގެ ޒާތުގައި އިސްތިއުނާފް ކުރެވޭ ހުކުމްތަކަށް ވާއިރު އަދި ދަށު ކޯޓަކުން ދައުލަތާ އެއްކޮޅަށް ނިންމޭ އޭގެ ހުކުމެއް ކޮންމެހެން ދައުލަތުން އިސްތިއުނާފް ކުރަން ހުށަހެޅުމުގެ ބޭނުމެއް ވެސް ނެތެވެ.

"މީގެ އަސްލު ހައްލު ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އޮންނާނެ، މި އަސްލު ހުށަހަޅަން ވާނީ ވެސް ކޯޓުތަކުން، ޕީޖީއާ އެއްކޮޅަށް އިއްވާފައިވާ ހުކުމެއްގައި ޕީޖީން ކުރާނެ އިސްތިއުނާފެއް ނޯންނާނެ އެއްނު،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

titledesc

މަރަށް މަރު ހިފުމުގެ ހުކުމާއި ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ އެ އަދަބުތައް ތަންފީޒު ކުރުމުގެ ކުރިއަށް ތިން މަރުހަލާއިން ވެސް އެ ކަން ސާބިތު ކުރަން ގާނޫނުގައި ލިޔެފައި ވަނީ އިންސާފުގެ ބޭރުން ވެސް މީހަކަށް އެ ވަރުގެ ހުކުމެއް ކޮށްފާނެތީ އެވެ. އަދި ސާފު ބަހުން މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި، ހުކުމެއް ކަނޑައަޅަން ޖެހޭނެ ކަމަށް ލިޔެފައި އެބަ އޮތެވެ. މިފަދަ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ވެސް ޒިންމާދާރުކޮށް އަމަލު ކުރަން އެބަ ޖެހެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox