ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ ކަމަށް މަޝްހޫރުވެފައިވާ "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހަށް ހާޒިރުވާން އެންގީ ފުލުހުން ކުރަމުންދާ ތަހުގީގުގެ ބޭނުމަކަށް ކަމަށާއި އޭނާ ލިޔެފައިވާ ލިޔުމަކާ ގުޅިގެން ނޫސްވެރިކަމާ ގުޅޭ މައްސަލައެއްގައި ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައިވާ ގޮތުން، އަޒާން ހާޒިރު ކުރާ ސަބަބަކީ އައިޖީއެމްއެޗް ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅޭ ގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ.
"މިއީ ދިވެހި ފުލުހުންގެ ހިދުމަތުން ފެބްރުއަރީ 2022 އިން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ. މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާ ވެސް ސުވާލުކުރެވިފައިވެ އެވެ." ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
އަޒާން ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުން ހުރި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ޔަގީންކަން ދެ އެވެ. އަދި، ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އެ ނޫހުގައި "ބޮޑު އިހުމާލެއް: އައިޖީއެމްއެޗްއަށް ދައްކާ ހުރިހާ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ" ސުރުހީގައި ލިޔުމެއް ޝާއިއު ކުރި ފަހުންނެވެ.

އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލް ފަރުމާ ކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އައިޖީއެމްއެޗް އިން ސިއްހީ ފަރުވާ ހޯދަމުންދާ ކޮންމެ މީހެއްގެ މައުލޫމާތު ބެލެން އޮންނަ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވަނީ ނަން ހާމަކުރަން ނޭދޭ ދާއިރާގެ ތަޖުރިބާކާރަކާ ހަވާލާދީ އެވެ.













