ހޮލީވުޑްގެ ތަރިން ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ލަސް ވޭގަސްގައި ކައިވެނިކޮށްފި އެވެ.
"ހާސިލްވެއްޖެ. ލޯބި ވަރަށް ރީތި. ލޯބި ވަރަށް އޯގާތެރި. އަދި ލޯބި ވަރަށް ކެތްތެރި. ވިހި އަހަރު ވަންދެން ކެތްތެރިވެއްޖެ،" ޖެނިފާ ލޮޕޭޒް ވެބްސައިޓްގައި ލިޔުނެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅެ ކަައިވެނި ކުރަަން ނިންމި ނަމަވެސް، ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކްގެ ފުރަތަމަ އެންގޭޖްމަންޓް ރޫޅާލީ މީގެ 17 އަަހަރު ކުރިންނެވެ.
އެ ދެ މީހުން އަލުން ގުޅުނު ކަމަށް ހަބަރު ފެތުރުނީ މިދިޔަ އަހަރު އެވެ. އެއަށްފަހު އެ މީހުން ދިޔައީ އެކުގައި އިވެންޓުތަކަށް ގޮސް، ސޯޝަލް މީޑިއާގައި ވެސް ލޯބި ހާމަ ކުރަމުންނެވެ.
ލަސް ވޭގަސްގެ ނެވަޑާގައި ހުންނަ ކްލާކް ކައުންޓް ކްލާކް އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޖެނިފާ ލޮޕޭޒް ނިންމާފައި ވަނީ ކައިވެންޏަށް ފަހު އޭނާގެ ނަން ޖެނިފާ އެފްލެކްއަށް ބަދަލު ކުރުމަށެވެ.

ޖެނިފާާ ލޮޕޭޒްގެ "އޮންދަޖޭލޯ" ވެބްސައިޓްގައި އޭނާ ބުނީ ލަސް ވޭގަސްއަށް ދަތުރު ކުރީ މިދިޔަަ ހޮނިހިރު ދުވަހު ކަމަށާއި ކައިވެނީގެ ސެޓްފިކެޓަށް އެ ތަނުގައި އެދުނު ކަމަށެވެ.
ސެލެބްރިޓީންގެ އިސްތަށިގަނޑު ސްޓައިލްކޮށްދޭ ކްރިސް އެޕަލްޓަން ވަނީ ޖެނިފާ ލޮޕޭޒް ވެޑިން ހެދުމުގައި ހުރި ވީޑިއޯއެއް އިންސްޓަގްރާމްގައި އާއްމުކޮށްފަ އެވެ.

ބެން އަދި ޖެނިފާާ 2003 ގައި.
ޖެނިފާ އާއި ބެން ބައްދަަލުވީ 2002 ވަނަ އަހަރު ފިލްމު "ގިގްލީ" ގެ ސެޓުންނެވެ. އޭގެ ފަހުން އެ މީހުން އެންގޭޖުވީ 2003 ވަނަ އަހަރު އެވެ.
އެކަމަކު ޖެހިގެން އައި އަހަރު އެންގޭޖްމަންޓް ރޫޅާލުމަށް ފަހު ބުނީ "މީޑިއާގެ ސަމާލުކަން މާ ބޮޑަށް ލިބެމުން ދާތީ" އުނދަަގޫވާ ކަމަށެވެ.
މިއީ ޖެނިފާގެ ހަތަރު ވަނަ ކައިވެންޏެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ލަވަކިޔުންތެރިޔާ މާކް އެންތަނީއާ ކައިވެނިކޮށްފަ އެވެ. އެ ކަައިވެންޏަށް އެއް މާބަނޑު ދެ ކުދިން ލިބުނު ނަމަވެސް 2014 ވަނަ އަހަރު ކައިވެނި ނިމުމަކަށް އައެވެ.
ބެން އެފްލެކް 2005 ވަނަ އަހަރު ކައިވެނި ކުރީ އެކްޓްރެސް ޖެނިފާ ގާނާއާ އެވެ. އެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެ ކައިވެނި ރޫޅުނީ 2018 ގަ އެވެ.










