ސާފް ޗެމްޕިއަންޝިޕްގެ ޕްރޮޕޯސަލް އޮތީ ނޭޝަންސް ލީގު ފޯމެޓަށް

Jul 12, 2022, 7:01 AM
މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ (ކ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ (ކ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި މަހު ދެ ވަނަ ދުވަހު، ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ އަހަރީ އާންމު ބައްދަލުވުމުގެ ތެރޭގައި ވަނީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް ބަދަލުކުރަން ލިބިފައިވާ ޕްރޮޕޯސަލެއް އިއުލާނުކޮށްފަ އެވެ.

ސާފް ހިންގާ ކޮމިޓީން އިއުލާނުކުރި ފޯމެޓާ މެދު އެކި ފަރާތްތަކުގެ ވިސްނުން ހުރީ އެކި ގޮތަށެވެ.

މީގެ ކުރިން 13 ފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެއް ފަހަރު ފިޔަވައި ހުރިހާ އަހަރަކު ބޭއްވީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. ދެ ގައުމެއް މެދުވެރިވެގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާ އާއި ރާއްޖޭންނެވެ. ސާފް ޗެމްޕިއަންޝިޕް ފޯމެޓް ބަދަލުކުރަން ލިބިފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ކުރިއަށްދާން ގައުމުތަކުން ނިންމައިފިނަމަ ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގެ މެޗުތައް، ސާފްގެ ހަތް ގައުމުގައި ވެސް ކުޅޭނެ އެވެ.

އެނގިފައިވާ ގޮތުގައި ކުރީގެ ވޯލްޑް ސްޕޯޓްސް ގްރޫޕް (ޑަބްލިއުއެސްޖީ)، މިހާރު ލަގާޑޭ ސްޕޯޓްސް އޭޝިއާ މެދުވެރިކޮށް ސާފަށް ލިބިފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން އެއް މަހަށް ދިގު ދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ބަދަލުވާނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ކޮންމެ ގައުމަކަށް އަމިއްލަ ގައުމުގައި މެޗު ކުޅެން ފުރުސަތު ލިބޭނެ ގޮތަށް މި ފޯމެޓުން ފުރުސަތު އޮންނާނެ އެވެ.

ކުރިޔާ ހިލާފަށް މެޗުތައް އެއް ދަނޑެއްގައި ކުޅެ، ނިންމާލުމުގެ ބަދަލުގައި ގިނަ ސަރަހައްދެއްގައި ކުޅޭ ގޮތަށް ވެސް ފުރުސަތު އޮންނާނެ އެވެ. މިއީ ދާދި ފަހުން ޔުއެފާ އިން ނޭޝަންސް ލީގާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ތަފާތު ސިޓީތަކުގައި ބޭއްވި ކަަހަލަ ގޮތަކަށް ބަލައިގެން އައިސްފައިވާ ފޯމެޓެކެވެ.

ސާފުން އާ ފޯމެޓްގެ ކަންކަން މެމްބަރު ގައުމުތަކަށް ހުށަހަޅައި، މިހާރު އެކި ގައުމުތަކުގެ ލަފާހޯދަން ވަނީ ފޮނުވައިފަ އެވެ. މި މަހު 20 ގެ ނިޔަލަށް ކޮންމެ ގައުމަކުން އެ ގައުމުން އާ ފޯމެޓާ މެދު ދެކޭގޮތް ފޮނުވަން ޖެހޭނެ އެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، ނޭޕާލާއި ބޫޓާން މި ޕްރޮޕޯސަލާ މެދު ހިތްހަމަނުޖެހޭ ސަަބަބަކީ، ގައުމުތަކުން މީގެ އުުފުލަން ޖެހޭ މާލީ ބުރަ ބޮޑުކަމުންނެވެ.

ސާފްގެ އަހަރީ ޖަލްސާގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވީ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާ ވިދާޅުވީ އާ ފޯމެޓާ ގުޅޭ ކަންކަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މި ވަގުތަށް ފެންނަ ފެނުމަށް ބަލާއިރު، މި ފޯމެޓްގެ ސަބަބުން ގައުމުތަކުން މާލީ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރިއަށް ވުރެ އެތައް ގުނައެއް އިތުރުވެގެންދާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރާނެ ފޯމެޓެއްތޯ ބަލަން ޖެހޭ ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.

"މީގެ މި އޮތީ ގާތްގަނޑަކަށް ނޭޝަންސް ލީގުގައި އޮންނަ ކަހަލަ ގޮތަކަށް، ޓްރެވަލް ކުރާއިރު ވެސް ހަރަދާއި ދެން ހުރި ގިނަ ކަންކަން މި ކުރަން ޖެހެނީ އެ ގައުމަކުން، މިއީ ސާފް ކަހަލަ ބައްރެއްގައި ފުޓްބޯޅައިގެ ކަންކަން މި ވަގުތު ހުރި ގޮތަށް ބަލާއިރު ގައުމުތަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައި އަދި ނުބެލެވޭ، ދެން، މީގެ މަޝްވަރާތައް ކުރެވެމުން މި އަންނަނީ،" ޖަވާ ވިދާޅުވި އެވެ.

ބަންގްލަދޭޝް އާއި ނޭޕާލްގެ ބައެއް މީޑިއާތަކުން ވެސް ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް އެއްގޮތް ކުރަނީ 2018 ވަަނަ އަހަރު ޔުއެފާ އިން ފެށި ނޭޝަންސް ލީގާ އެވެ. ސާފްގެ އާ ފޯމެޓްގައިވާ ގޮތުން ގައުމުތަކަށް މި މުބާރާތް އެއް މަހުގެ ދިގު މިނަށް ބާއްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ބޭއްވޭއިރު، މާލީ ގޮތުން ސަޕޯޓެއް ދެވޭނެ ގޮތެއް ހިމަނާފައި ނެތެވެ. އެއީ މި ފޯމެޓާ މެދު މެޖޯރިޓީ ގައުމުތަކުގެ ކަންބޮޑުވުމެވެ.

ބަންގްލަދޭޝްގެ ޓީ ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހެލާލް ވިދާޅުވީ އާ ފޯމެޓްގައި ހުރި ކަންކަން ބަލައި، ފުރިހަމަ އަށް ދިރާސާ ކުރުމަށް ފަހު ގައުމުތަކުން ހުށަހަޅާ އިތުރު ކަންކަމަށް ވެސް ބަލާނެ ކަމަށެވެ.

"މިއީ ފައިނަލް ކުރެވިފައި އޮތް ކަމެއް ނޫން، މިއީ އަހަރެމެންނަށް އައިސްފައިވާ އޮތް ޕްރޮޕޯސަލް އެއް، އެހެންވީމަ މި އަށް މަޝްވަރާ ކުރުން އޮތީ، އިތުރު ފޯމެޓެއް އަންނަން އޮތިއްޔާ އެ އަށް ވެސް މަޝްވަރާ ކުރާނަން،" އަންވަރުލް ހައްގު ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ކަހަލަ ސަރަހައްދުގެ ފުޓްބޯޅަ ފޯރިގަދަވާ މުބާރާތަކަށް އާ ފޯމެޓެއް ގެންނައިރު، އޭތި މާކެޓް ކޮށްގެން ޑިވެލޮޕްކުރެވޭނެ ގޮތަކަށް ބައްޓަން ކުރަން ގިނަ ގައުމުތަކުން ތާއީދު ކުރާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ސަރަހައްދުގެ ނިސްބަތުން ބަލާއިރު، ސާފް ޗެމްޕިއަންޝިޕަކީ ވޯލްޑް ކަޕެއްގެ ގޮތުގައި ކުރު މުއްދަތެއްގައި ކުޅޭ މުބާރާތެއްގައި އޮތް އޮތުން އެހެން ފޯމެޓަކަށް ބަދަލުކުރަން ޖެހޭނީ ފުރިހަމަ ދިރާސާއެއް ކުރުމަށް ފަހު، އެންމެ ބިނާކުރަނިވި ގޮތަށެެވެ. އާ ފޯމެޓެއް ގެނެސްގެން، ގައުމުތަކަށް ނުއުފުލޭ ވަރުގެ ބުރައެއް ހަވާލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ނޭޕާލްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސާފް ޗެމްޕިއަންޝިޕް ބޭއްވީ މާލޭގަ އެވެ. ސާފް ޗެމްޕިއަންޝިޕް ދެން އޮންނާނީ އަންނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox