ހދ. ކުޅުދުއްފުށީގެ އުތުރު އިރުމަތި ފަރާތު އޮންނަ މަށި ކުޅިން މަށި ނެގުމަށް ފަހު ގައިގައި އުގުޅާނީ އެވެ. ރަށުގެ ހުރިހާ އުމުރުފުރާއެއްގެ އެންމެންހެން ބައިވެރިވާނެވެ. "މަށިމާލި" ގޮތުގައި މާލިތައް ތައްޔާރުވެގެން ބާއްވާ މި ޕެރޭޑަކީ ޒަމާނުއްސުރެން ކޮންމެ ބޮޑު އީދު ދުވަހަކާ ދިމާކޮށް މި ރަށުގައި ބާއްވާ ހަރަކާތެކެވެ. މަށިމާލިތަކާއެކު މުޅި ޕެރޭޑްގެ ސަމާލުކަން ލިބެނީ އޭގައި ބައިވެރިވާ އުފެއްދުންތެރި ފުޅަނދުތަކަށެވެ.
އަބަދުވެސް އޮންނަ އެ އާދަކާދައަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރުތައް މި ޕެރޭޑުން ދައްކާލުމެވެ. އެއީ ވަކި ސަރުކާރެއް، ވަކި ދުވަސްވަރެއް ވެގެނެއް ވެސް ނޫނެވެ. އޭރެއްގެ އޮންނަ ހާލަތަކާއި، ރައްޔިތުންގެ ޝުއޫރުތައް އުފެއްދުންތެރި ގޮތެއްގައި ހުށަހަޅައިދެ އެވެ.
ކުޅުދުއްފުށީ މީހުންގެ ސަމާސާ އަދި ލާނެތް ވައްޓަފާޅިއަށެވެ.
އަބަދުވެސް ވަޅު އީދު ދުވަހު ބާއްވާ އެ ހަރަކާތް އިއްޔެ މޫސުމާ ހުރެ ނުބޭއްވުނު ނަމަވެސް, މިއަދު ހެނދުނު އޮތް އައްވާއެކު މާލިތައް ނުކުތެވެ. އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ހުރި ދަތިތަކާއި ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ކިޔައިދޭން ފުޅަނދުތައް ތައްޔާރުކޮށްފައިވެ އެވެ.

މަށިމާލި ޕެރޭޑްގެ ތެރޭން ފުޅަނދެއް - ފޮޓޯ: އަދަދު
އީދާ ދިމާކޮށް ރަށްރަށުގެ އެއާޕޯޓްތަކަށް ޑިމާންޑް ބޮޑުވުމުން ފްލައިޓްތައް އިތުރު ކުރި އެވެ. އެކަމަކު އެ ފުރުސަތު ނުލިބި ދިޔައީ އުތުރުގެ އޮތް ހަމައެކަނި ސިޓީ އަދި އެންމެ އާބާދީ ބޮޑު ކުޅުދުއްފުށްޓަށެވެ. ގިނަ ފުޅަނދުތަކުން ޖޯކު ޖެހީ އެ ކަމަށެވެ. ސިޓީ ލަގަބު ދީފައިވާ މި ރަށުގައި އޮތް އެއާޕޯޓްގައި އަދިވެސް ލައިޓް ޖަހާފައި ނެތުމުން ރޭގަނޑު ފްލައިޓްތަކެއް ނުވެސް ބޭއްވެ އެވެ. އެ ކަމަށް ވެސް ޖޯކު ޖަހާފައިވެ އެވެ.
ސިޔާސީ ފަރާތްތަކުން އެންމެ ގިނަ ވައުދުވާ އެއް ރަށަކީ ވެސް މިއީ އެވެ.
މިހާރު އޮތް ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް ވެސް ނުފުއްދާފައި އޮތުމުން އެ ޝުއޫރުތައް ވެސް ފުޅަނދުތަކުން ދައްކާލި އެވެ. ކާޑު ފެކްޓަރީއާއި، ކުނި އަންދާ މެޝިނާއި ޓާޝަރީ ބޮޑު ހޮސްޕިޓަލާއި، 100 ޓަނުގެ އައިސް ޕްލާންޓް އާއި މަސްވެރިންނަށް ހަމަ އަގު ނުލިބި އޮތުމާއި، އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮށްޓެއް ނުލިބި އޮތުމެވެ. މި ހުރިހާ ވައުދެއް ނުފުއްދި އޮތް ކަން ދައްކުވައިދިނެވެ.
ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާތަކުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި އިޖުތިމާއީ ފޭރާން ވެސް އޮތް ހާލަތު ވެސް ފުޅަނދުތަކުން ދައްކުވައިދިނެވެ. ސިޔާސީ އިސް ފަރާތްތަކުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފެންމަތިވިއިރު އެ މައްސަލަ ނުބެލި އޮތުމާއީ ޝަރުއީ ދާއިރާ އާއި ފަނޑިޔާރުގެއަށް އަދިވެސް ސިޔާސީ ނުފޫޒު އޮތް ކަން ދައްކުވައިދީ ޖޯކު ޖަހާފައި ހުއްޓެވެ.

ހޮސްޕިޓަލްގެ ވައުދު ނުފުއްދޭކަން ބުނެދޭން ހަދާފައިވާ ފުޅަނދެއް - ފޮޓޯ: އަދަދު
ދިވެހިންގެ މެދުގައި ދީީނީ ހިޔާލުތަފާތުވުންތަކާއި އޭގެ ސަބަބުން އަންނަ އިޖުތިމާއީ އެހެނިހެން މައްސަލަތައް ވެސް ދައްކުވައިދިނެވެ. ޔޯގާ ހަރަކާތް ބޭއްވުމާއި އެ ހަރަކާތް ހުއްޓުވަން ހިނގި ހަމަނުޖެހުމުގެ ނުރައްކާ، ސަމާސާ ވައްޓަފާޅިއަކަށް ހުށަހަޅައިދިނެވެ. މި ކަމުގައި ސަރުކާރުގެ ކަމާ ބެހޭ ވަޒީރުން ވެސް ޒިންމާ އަދާނުކޮށް އޮތް އޮތުމަށް ޖޯކު ޖަހާފައި ހުއްޓެވެ.
މަށިމާލި ޕެރޭޑްގެ އެންމެ އިސް ސަފުގައި އޮތް ފުޅަނދުން ފެންނަނީ ސައިންސް ފިކްޝަން ކާޓޫން ކެރެކްޓާއެއް ބެޓްމޭންގެ މޫނެވެ. އެ މޫނުގެ ލޮލުގައި ވަނީ ގަދަ ރީނދޫ ކުލަ އެކެވެ. އޭގެ ބޮލުގެ މަތީ "ދަރަނިބޯ" އެވެ. މިހާރު އޮތް ސަރުކާރުން ދަރަނި ނަގަމުންދާ ވަރުން އެއަށް ޖޯކު ޖަހައިފަ އެވެ. އޭގެ ކުރިއަށް ހުރި މަށިމާއްޔެއް ހުރީ މިހާރު އޮތް ސަރުކާރު ހިންގާ ޕާޓީއާ ވައްތަރު ލޯގޯއެއް ކުރަހާފައިވާ ރީނދޫ ދިދައެއް ހިފަހައްޓައިގެނެވެ. "ދަރަނިބޯ"ގެ ފުޅަނދުން ފެށިގެން މުޅި ގައުމު ޕެރޭޑުން ދައްކުވައިދިނެވެ.
ކޮންމެއަކަސް މިފަހަރު ވެސް ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑް ޓްރެންޑްވެއްޖެ އެވެ. އެންމެން ވެސް އޭގެ ފޮޓޯތައް ބަލަމުން ބުނަނީ, ކުޅުދުއްފުށީ މަށި މާލި ޕެރޭޑް މާޔޫސްނުކޮށްލާނެ ކަމަށެވެ. ކުޅުދުއްފުށީ މީހުން ތަފާތު ކަމެވެ. އެންމެ އިންތިޒާރު ކުރެވޭ އީދު ހަރަކާތަކަށް މަށި މާލި ޕެރޭޑް ވެފައި އޮންނަނީ މިހެންވެ އެވެ.












