އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އިއްޔެ އެކަނި 500 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
މިއަދުން ފެށިގެން އީދު ބަންދު ފެށޭއިރު، އިމިގްރޭޝަނުން ރޭ ދަންވަރު 12:00އާ ހަމައަށް ޕާސްޕޯޓު ދޫކުރަން ވަގުތު އިތުރުކޮށްދީފަ އެވެ.
އެއާއެކު، އިއްޔެގެ އިތުރުކުރި ވަގުތާ ހަމައަށް 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ސްކޫލް ބޮޑު ޗުއްޓީއާއި، އީދު ޗުއްތީއާ ދިމާކޮށް މި ދުވަސްވަރު ޕާސްޕޯޓަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއާއެކު އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެ އިދާރާގެ މަސައްކަތުގެ ވަގުތުވެސް އިތުރުކޮށްފަ އެވެ.
ކުރިން ދުވާލަކު 200 އެޕްލިކޭޝަން ހުށަހެޅި ނަމަވެސް މިހާރު ދުވާލަކު 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަން އިން ބުނެ އެވެ. ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މިންވަރު އިތުރުވުމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި ރޭގަނޑު 9:30 ގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ ހިދުމަތް ދީފަ އެވެ.














