މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓު ފޯޖުކޮށްގެން ހުށަހަޅާ މައްސަލަ ފެންމަތިވެއްޖެ އެވެ.
މީރާއިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓު ފޯޖު ކޮށްގެން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް އަދި މާލީ އިދާރަތަކަށް ހުށަހަޅަމުންދާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ، ޓެކުހާ ގުޅޭ ހުރިހާ އިލްތިޒާމެއް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދިނުމަށް ދޫކުރާ ލިޔުމެކެވެ. ދައުލަތުގެ އާމްދަނީއަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލު ކުރާނެ ގޮތުގެ މާލިއްޔަތު ސާކިއުލާގެ ދަށުން މީހަކަށް ވަކި ކަންތައްތަކަކަށް ހުއްދަ ދިނުމުގެ ކުރިން އެމީހާ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަން މީރާއިން ލިޔުމުން ކަށަވަރުކޮށްދޭން ޖެހެ އެވެ.
މާލިއްޔަތު ސާކިލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދިނުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމުގެ އިތުރަށް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަން ބަޔާންކޮށް، މީރާގެ ޓެކްސް ކްލިއަރެންސް ރިޕޯޓު ސަރުކާރުގެ އިދާރަތަކަށް ހުށަހަޅަން ޖެހެ އެވެ.
ޓެކްސް ކްލިއަރެންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރެވޭނެ ރިޕޯޓެކެެވެ. ސައްހަ ނޫން ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަމުންދާ މި ދަނޑިވަޅުގައި، އެ ރިޕޯޓު ބަލައިގަތުމުގެ ކުރިން މީރާގެ ވެބްސައިޓުން އެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް މީރާއިން ވަނީ ދައުލަތުގެ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ސައްހަ ނޫން ޓެކްސް ކްލިއަރެންސް ރިޕޯޓު އިދާރާތަކަށް ހުށަހަޅަމުންދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ފަރާތްތަކުން އެ މައުލޫމާތު މީރާއާ ހިއްސާ ކުރުމަށް އެ އޮތޯރިޓީން އެދިފައިވެ އެވެ.












