ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުފަތުރުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދެންމެ ކުރި އިއުލާނުގައިވާ ގޮތުން އެ ބަދަލުު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ ތެރެއިގަ ދަތުރުތަކާއި ބްރިޖް ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް ކޮށްދޭ ދަތުރުތަކުގެ އަގު ވެސް ވަނީ ސަރުކާރުން ބޮޑުކޮށްފަ އެވެ.
ދަތުރުތަކުގެ އަގުތަކަށް ގެނެސްފައިވާ ބަދަލު
- މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އެތެރޭގެ ދަތުރުތައް: 30 ރުފިޔާ
- މާލެއާއި ހުޅުމާލެ ފޭސް 1 އާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ
- މާލެއާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތައް: 100 ރުފިޔާ
- ހުޅުމާލެ ފޭސް 1 އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު: 40 ރުފިޔާ
- މާލެއާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 70 ރުފިޔާ
- ހުޅުމާލެ ފޭސް 1 އާއި އެއާޕޯޓްއާ ދެެމެދު ކުރާ ދަތުރުތައް: 80 ރުފިޔާ
- ހުޅުމާލެ ފޭސް 2 އާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރިއިރު، ޑްރައިވާސް އެސޯސިއޭޝަނުން ދިޔައީ ދަތުރުކޮށްދޭ އަގުތައް ބޮޑު ކުރުމަށް ގޮވާލަމުންނެވެ. އަދި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ބޭނުންވާ އަގުތަކެއް ނެގުމަށް ވެސް އެސޯސިއޭޝަނުން ބާރު އެޅި އެވެ.
ތެލުގެ އަގު ބޮޑުވުމާއެކު ބައެއް ޓެކްސީ ޑްރައިވަރުން ދިޔައީ އެއާޕޯޓަށް އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކުގައި ސަރުކާރުން ކަނޑައަޅާފައި ހުރި އަގަށްވުރެ ބޮޑު އަގެއް ނަގަމުންނެވެ.












