މީގެ 18 އަހަރު ކުރިން 2004 ވަނަ އަހަރުގެ މެދު ތެރޭގައި، ސްރީ ލަންކާގެ ވެރި ރަށް ކޮލޮމްބޯގެ ޓްރާންސްއޭޝިޔާ ހޮޓަލުގައި ވަރަށް ހާއްސަ ފަރިއްކޮޅެއް ކުރިއަށްދަނީ އެވެ. ބައިވެރިންނަކީ އެއިރުގެ އެކްޓިވިސްޓް އަދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާނެ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ބައްޕާފުޅު އަލީ "އެލިއާ" އަބްދުﷲ އާއި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ގޯގޯ" ލަތީފެވެ.
އެލިއާ އަބްދުﷲ ދެއްވި އެ ފަރިއްކޮޅުގެ މައިގަނޑު މައުލޫއަކީ ކޮލަމްބޯގައި ގާއިމްކޮށްފައި ހުރި، އެއިރު އަދި ރަސްމީކޮށް ވުޖޫދަށް ނާންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އޮފީހެއް ބަންދު ކުރުމަށް ލަންކާގެ ފުލުހުން އެންގި މައްސަލަ އެވެ. އޭގެ ކުރީ އަހަރު ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމް، 19، ގެ މައްސަލަ ހޫނުވުމާއެކު ނަޝީދާއި ލަތީފް އެއިރު ހުންނެވީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރެއްވުމަށް ލަންކާއަށް އަމިއްލައަށް އަރުވާލެވިގެންނެވެ.
"އެއީ ކޮންމެވެސް ކަހަލަ އޮޅުމެއްގެ ތެރޭގައި ހިނގިކަމެއް. އިނގިރޭސި އެމްބަސީ އާއި އެމެރިކާގެ އެމްބަސީ މެދުވެރިވެގެން 48 ގަޑިއިރުވުމުގެ ކުރިން އެކަން ހަމަޖައްސަވައި ދެއްވި. ބޮޑުވަޒީރު ކައިރި އެވާހަކަ ދެންނެވުމުން ދެން އެކަހަލަ ކަމެއް މެދުވެރިވެއްޖެ ނަމަ [އެމަނިކުފާނުގެ] ގެކޮޅަށް އައުމަށް ދެންނެވި،" އެ ބައްދަލުވުމުގައި ލަތީފް ވިދާޅުވި ކަމަށް، ސެޕްޓެމްބަރު 30، 2004 ގައި އެލިއާ އަބްދުﷲ ފުލުހުންގެ ތަހުގީގަކަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ފޮޓޯގެ ވައަތް ފަރާތުގައި ލަތީފް: އޭނާގެ ބައްޕަ، ކާފަ، މާމަ އަދި އާއިލާގެ އެހެން ބޭފުޅުންނަށް ނާސިރުގެ ވެރިކަމުގައި އަނިޔާ ލިބުނު -- ފޮޓޯ: ޖެނިފާ ލަތީފް/ޓުވިޓާ
އޭގެ އަހަރެއްހާ ދުވަސް ފަހުން ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީވިއިރު، ޕާޓީ އުފަން ކުރުވުމަށް ކޮލޮމްބޯގައި ހުންނަވައި ލަތީފް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި އެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކެންސަރު ބައްޔާ ހަނގުރާމަ ކުރެއްވުމަށްފަހު ލަންކާގައި ލަތީފް އަވަހާރަވިއިރު، އޭނާގެ އަރިސް ބޭފުޅުން އަދި އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުން އޭނާ ސިފަ ކުރައްވަނީ ޑިމޮކްރަސީގެ ބަތަލެއް އަދި އެމްޑީޕީގެ ބާނީގެ ގޮތުގަ އެވެ. އަދި ރާއްޖެއަށް ސިޔާސީ އިސްލާހުތައް ގެނައުމުގައި ހަޔާތެއް ހޭދަ ކުރެއްވި އަމިއްލަ އެދުމެއް ނެތް ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ.
ލަތީފްގެ ސިޔާސީ މަސައްކަތް ފެށުނު ކަމަށް ބެލެވެނީ އޭނާގެ ބައްޕާފުޅާއި ކާފާފުޅާއި މާމާފުޅަށް ދިމާވި ގޮތަށްފަހެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ޒަމާނުގައި، ހުވަދޫ ބަޣާވާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް ލަތީފްގެ އާއިލާގެ ގިނަ މެމްބަރުން ޖަލަށްލައި، ބޮޑެތި އަނިޔާ ކުރި އެވެ. ބައްޕާފުޅާއި ކާފާފުޅު އަވަހާރަވީ ނާސިރު ކުރެއްވި އަނިޔާގެ ސަބަބުން ކަމަށް ލަތީފް ދެއްވި ބައެއް އިންޓަވިއުތަކުގައި އޭނާ ވިދާޅުވެފައި ހުއްޓެވެ. މާމާފުޅު މަގުމައްޗަށް ނެރެ، އާންމުންގެ ތެރޭގައި ގަން ހިންގުވި އެވެ. ރައީސް ނާސިރަށްފަހު، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށް ލަތީފް ތާއީދު ކުރެއްވި އެވެ. ނަމަވެސް ފަހުން އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަޖެހި، ރައީސް މައުމޫނާ ދެކޮޅަށް 1980 ގައި ސިޔާސީ މަސައްކަތް ކުރަން ފެށި މަދު މީސްކޮޅުގެ ތެރޭގައި ލަތީފް ހިމެނުނެވެ.
ގދ. އަތޮޅުގެ މެމްބަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ލަތީފް 1989 ވަނަ އަހަރު މަސައްކަތް ކުރެއްވި އެވެ. އޭނާއާ އެއްކޮށް އެއިރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވީ މަދު ބަޔެކެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ފަހުން ވެރިކަމަށް ވަޑައިގަންނަވާނެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ އޭގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އިބްރާހިމް "އިބްރާ" އިސްމާއިލާއި އިލްޔާސް ހުސެއިން އިބްރާހިމް ފަދަ ބޭފުޅުން ލަތީފް ސިފަ ކުރައްވާފައި ވަނީ އަނިޔާވެރިކަމާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި މަދު މީސްކޮޅުގެ ތެރޭގައި ހިމެނޭ ވަރުގަދަ ފަހުލަވާނެއްގެ ގޮތުގަ އެވެ.
"މިދެންނެވި ސިޔާސީ އަދި އިސްލާހީ ހަރަކާތުގެ އެދުރުންގެ ގޮތުގައި އިސްކޮށް ތިއްބެވީ، 1980 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި އުފެދިގެން ކުރިޔަށްދިޔަ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ މުގުލުގައި ވަރަށް ފާޅުގައި ކެރިގެން ނުކުމެ ތިއްބެވި ކުޅަދާނަ ސިޔާސީ ލީޑަރުން،" މީގެ 33 އަހަރުގެ ކުރީގެ ވާހަކަ ދައްކަވަމުން އިލްޔާސް ހުސެއިން އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ. "އޭގެތެރޭގައި ވިދާބަބުޅާ ސިޔާސީ ތަރިންގެ ގޮތުގައި ތިއްބެވީ، މާފަންނުވިލާ ގާސިމް އިބްރާހީމް އާއި ޗާންދަނީވިލާ ގޯގޯ މުހައްމަދު ލަތީފް އާއި މިފަދަ މަދު ސިޔާސީ ބޭފުޅުން ކޮޅެއް."

ލަތީފް އާއިލާގެ މެމްބަރަކާއެކު: އަބަދުވެސް އިސް ކުރެއްވީ އަމިއްލަ މީހާގެ ކުރިއަށް އެހެން ބޭފުޅުން -- ފޮޓޯ: ޖެނިފާ ލަތީފް/ޓުވިޓާ
ރައްޔިތުންގެ މަޖިލީހުގައި ލަތީފް ފުރުއްވަމުންގެންދެވި ގޮނޑި ގެއްލުނީ ސިފައިން އޭނާ ހައްޔަރުކޮށް ތިން މަސް ދުވަސްވަންދެން ޖަލުގައި ބަންދުކުރުމަށްފަހު މަޖުބޫރުވެފައި އޮތް ހެއްކަކު ދިން ބަޔާނެއްގެ މައްޗަށް ބިނާކޮށް ހުކުމެއް އިއްވުމުންނެވެ. ތުހުމަތަކަށްވީ ރައީސް މައުމޫންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެންގެވުމަށް މަޖިލީހުގެ އެތެރެއިން މަސައްކަތް ކުރެއްވުމެވެ. އެ މަސައްކަތުގައި ލަތީފްއާއެކު ޑރ. ވަހީދު ވެސް މަސައްކަތް ކުރެއްވި ކަމަށް މައުމޫންގެ ސަރުކާރުން ތުހުމަތު ކުރި އެވެ. އަދި ލަތީފާއި ވަހީދުގެ އިތުރުން ވެސް ގިނަ ބަޔަކު ހައްޔަރުކޮށް އެ މައްސަލައިގައި ތަހުގީގެއް ހިންގި އެވެ.
"1990 ގައި އަޅުގަނޑު ޖަލަށްލައި ހަ ފޫޓު ތިން ފޫޓު ގޮޅިއެއްގައި 45 ދުވަހު ބޭއްވި އަދި ވަރަށް ގަދަޔަށް ތަހުގީގު ހިންގި. ގޯގޯ ލަތީފް އާއި ޑރ. ވަހީދު އަދި އެހެން ލީޑަރުންނާ ގުޅޭ ގޮތުން އަޅުގަނޑާ ސުވާލު ކުރި. އަޅުގަނޑު ކައިރި އެމީހުން ބުނަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭކަން އަޅުގަނޑަށް އެނގޭ ކަމަށް،" އިލްޔާސްގެ ބްލޮގައި އޭނާ ލިޔުއްވާފައިވެ އެވެ.
ރައީސް މައުމޫންގެ ސަރުކާރު އިސްލާހު ކުރުމަށް ލަތީފް ކުރައްވަމުން ގެންދެވި މަސައްކަތް އެންމެ ބާރަށް ކުރިއަށްގެންވުނީ 2003 ވަނަ އަހަރު ޖަލުގައި އީވާން ނަސީމް މަރާލުމާއި އޭގެ ފަހުން ހިނގައިދިޔަ ބަޑިޖެހުމުގެ ހާދިސާގައި ހަތަރު މީހަކު މަރުވުމުންނެވެ. އެވަގުތު އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވޭނީ ރާއްޖެއިން ބޭރުގައިކަން ވިސްނިވަޑައިގެން އޭގެ ހަތަރު ދުވަސްފަހުން އޭނާ ސްރީ ލަންކާއަށް ދަތުރު ކުރެއްވި އެވެ. އެއިރު ދަރިކަނބަލުން ޖެނިފާ ލަތީފް ހުރީ، އީވާންގެ މަރަށްފަހު ސަރުކާރާ ދެކޮޅަށް އެއްވި މައްސަލައިގައި ސިފައިންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ.
"އަހަރެން ހައްޔަރު ކުރި ދުވަހު ބައްޕަ އަހަންނާއެކު ކަޅުތުއްކަލާ ކޮއްޓަށް ވަޑައިގެންނެވި އަދި ސަރުކާރުގެ އިސް އޮފިޝަލުންނަށް ގުޅުއްވި. ސިފައިންގެ އިސް އޮފިސަރެއްގެ ގާތު ބައްޕަ ބުނާތީ އަހަރެން އަޑުއެހިން 'ކަލޭމެން ޖެނީ މަރާލިޔަސް އަހަރެންގެ މަސައްކަތެއް ނުހުއްޓާނަން'. އެކަމާ އަހަރެން ދެރައެއް ނުވި، އަހަރެންވީ ފަހަރުވެރި. އަހަރުމެން މަސައްކަތް ކުރަމުންދިޔައީ އިންސާފު ހޯދަން،" މިދިޔަ އަހަރުގެ އޭޕްރީލް މަހު، ޖެނިފާ ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވާހަކަ ދައްކަވަނީ: ސަރުކާރު ބަދަލުވުމުން ލަތީފް ވަޑައިގެންނެވީ އިންސާނީ ހައްގުތަކާ ބެހޭ އެމްބެސެޑަރުގެ މަގާމަށް -- ފޮޓޯ: މިލްޒީރޯ ނިޝާން
ލަތީފް ލަންކާއަށް ވަޑައިގެން ކުރެއްވި މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ ހާލަތު ބޭރު ގައުމުތަކަށް ކިޔައިދެއްވުމާއި ދިވެހިންގެ ހަގީގީ ހާލަތު ބޭރު މީހުންނަށް އޮޅުންފިލުވައިދެއްވުމެވެ. ލަންކާއަކީ ލަތީފަށް އާ ގައުމެއް ނޫނެވެ. ލަތީފް ހުންނެވީ ލަންކާގެ ކޭންޑީގެ ޓްރިނިޓީ ކޮލެޖާއި ކޮލޮމްބޯގެ ރޯޔަލް ކޮލެޖުގައި ތައުލީމު ހާސިލް ކުރައްވައިފަ އެވެ. ލަންކާގެ ބޮޑުވަޒީރުކަން ކުރިން ވެސް އެތައް ފަހަރަކު ކުރެއްވި އަދި މިހާރުގެ ވެސް ބޮޑުވަޒީރު ރަނިލް ވިކްރެމެސިންހެއަކީ ލަތީފާއެކު ކިޔަވާވިދާޅުވި ބޭފުޅެކެވެ. ތައުލީމް ހާސިލް ކުރެއްވިއިރު ބަދަހިވި ގުޅުން، ފަހުން ވެސް އޭނާ ބޭއްވެވި އެވެ.
"އިސްލާހީ މަސައްކަތް ލަންކާގައި ކުރިއަށްދިޔުން އެއިރު އޮތީ ވަރަށް މުހިންމުވެފަ. ބައިނަލްއަގްވާމީ ޕްރެޝަރުގެ ނަތީޖާ ދިޔައީ ފެންނަމުން. ބައްޕައަކީ، އެއިރުގެ ކަމުވޮށިގެންވާ ބޭފުޅުން އެމީހަކަށް ބަރޯސާވި އެއް ބޭފުޅާ. އިންސާފު ހޯދުމަށް ބައްޕަ އެކި ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވުމަކީ އަހަންނަށް ލިބުނު ޝަރަފެއް،" މިދިޔަ އަހަރުގެ ޖޫން މަހު، ޖެނިފާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
އެ ދުވަސްވަރު ލަތީފް ވަނީ ލަންކާ އަދި ބޭރުގެ ބައެއް ބޮޑެތި މީޑިއާތަކަށް ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އިންޓަވިއު ދެއްވައިފަ އެވެ. އެގޮތުން ނޮވެމްބަރު، 2005 ގައި ބީބީސީގެ އޭޝިޔާ ޓުޑޭއަށް ޕްރޮގްރާމަށް ވެސް އިންޓަވިއުއެއް ދެއްވި އެވެ.
"މައުމޫނުގެ ރިފޯމް އެޖެންޑާގެ މިސްރާބެއް ނެތް އަދި އެއްވެސް ނަތީޖާއެއް ނުފެނޭ. އެމަނިކުފާނު ގެންދަވަނީ އެކި ބަހަނާ ދައްކަވައިގެން މުހައްމަދު ނަޝީދާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖެނިފާ ލަތީފް ހިމެނޭ ގޮތަށް އިދިކޮޅު ލީޑަރުން ހައްޔަރު ކުރަމުން،" އެ އިންޓަވިއުގައި ލަތީފް ވިދާޅުވެފައިވެ އެވެ.
ސްރީ ލަންކާއަށް އަރުވާލެއްވިގެން ހަތަރު އަހަރު ހުންނެވުމަށްފަހު ލަތީފް އަނބުރާ ރާއްޖެ ވަޑައިގެންނެވީ ޖެނުއަރީ 18، 2007 ގަ އެވެ. އެއިރު އެމްޑީޕީ އޮތީ ރާއްޖޭގައި ރަޖިސްޓްރީވެފަ އެވެ. ޕާޓީގެ ހަރަކާތްތައް ބާރަށް ކުރިއަށްދަނީ އެވެ. ލަތީފް ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް އެއިރު އެމްޑީޕީގެ ޗެއާޕާސަން ނަޝީދާއި ޕާޓީގެ ރައީސް އިބްރާހިމް ހުސެއިން ޒަކީ ވަޑައިގެންނެވި އެވެ.
"އެއާޕޯޓުންނާއި މާލެއިން ވެސް ލަތީފަށް ހޫނު މަރުހަބާއެއް ދެންނެވި. މާލެ ވަޑައިގަތުމަށްފަހު އެމްޑީޕީގެ ޗެއާޕާސަނާއެކު (ނަޝީދާއެކު) ހިންގަވާފައި ލަތީފް ވަޑައިގަތީ ސޯސަން މަގުގައި ހުރި އެމްޑީޕީ އޮފީހަށް،" 'ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު' އެ ފޮތުގައި މުސައްނިފު އަދި މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ލިޔުއްވާފައިވެ އެވެ.
ރާއްޖެ ވަޑައިގަތުމަށްފަހު ވެސް ލަތީފް އިސްލާހީ މަސައްކަތުގައި ބުރަކޮށް އުޅުއްވި އެވެ. އަދި އިސްލާހީ ހަރަކާތަށާއި އޭނާ ވެސް އިސްވެ ހުންނަވާ އުފަން ކުރުވި އެމްޑީޕީ ހިންގަމުންދިޔަ ގޮތާމެދު ފާޑުވިދާޅުވަމުން ގެންދެވި އެވެ. އެގޮތުން ޖެނުއަރީ، 2008، ގައި ހަވީރު ނޫހުން ހިންގަމުންދިޔަ އެޗްއެފްއެމް 92.6 މެދުވެރިކޮށް އެއިރުގައި ގާނޫނު ހަދާ މަޖިލިސް ކަވަރު ކުރައްވަމުން ގެންދެވި މި ނޫހުގެ މިހާރު ސީއީއޯ ހުސެއިން ފިޔާޒް މޫސާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީއަށް ފާޑުވިދާޅުވި އެވެ.
"ލަތީފް ވަރަށް ސާފުކޮށް އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް އިންޓަވިއުގައި ކިޔައިދެއްވި. އެއިރު އެމްޑީޕީ ހިންގަމުން އައި ގޮތާމެދު ފާޑުވިދާޅުވި. ޕާޓީގެ މިސްރާބާއި އެތެރޭގެ ހިންގުމާމެދު ހިތްހަމަނުޖެހޭ ކަމަށް ޖެހިލުންވުމެއް ނެތި ވިދާޅުވި،" އޭނާއަށް ދެއްވި އެއް ގަޑިއިރުގެ އިންޓަވިއުގައި ލަތީފް ވިދާޅުވި ވާހަކަ ފިޔާޒް ކިޔައިދެއްވި އެވެ.
ލަތީފްގެ އިންޓަވިއުއަށްފަހު އެމްޑީޕީގެ އެތެރެއިން އޭނާއަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. ގިނަ ބައެއްގެ ފާޑުކިޔުން ލަތީފަށް އަމާޒުވި އެވެ. ލަތީފްގެ ދަރިކަނބަލުން ޖެނިފާ ވިދާޅުވެފައި އޮތީ އެމްޑީޕީ ހިންގަމުން އައި ގޮތަށް ފާޑުވިދާޅުވުމުން "ބައްޕަ ގައިގައި ތަޅައިނުގަތީ ހަމަ ކިރިޔާ" ކަމަށެވެ. އޭގެ ފަހުން އެމްޑީޕީ ހިންގަން ހުރި ވެރިއަކު، ސިޔާސީ މައިދާނުން "ބައްޕަ ފުހެލެވިފައިވާކަން" ޔަގީން ކުރި ކަމަށް ޖެނިފާ ކުރެއްވި ޓުވީޓެއްގައި އޮކްޓޯބަރު، 2021 ގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް ލަތީފް ސިޔާސީ މައިދާނުން އެއްކޮށް ނުގެއްލެ އެވެ. އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޭނާ އުފެއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދު ކާމިޔާބު ކުރެއްވުމަށްފަހު އެކުލަވާލި ސަރުކާރުގައި ލަތީފް މަގާމަކަށް ވަޑައިގެންނެވި އެވެ. ލަތީފް ބޭނުންވެގެން އޭނާއަށް ނަޝީދު ދެއްވީ ސަރުކާރުގެ އިންސާނީ ހައްގުތަކާ ބެހޭ އެމްބެސަޑަރުގެ މަގާމެވެ. އެ މަގާމުގައި ހުންނަވައިގެން ވެސް ލަތީފް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އިހްލާސްތެރިކަމާއެކު އަދާ ކުރެއްވި އެވެ.
އެގޮތުން، އާ ސަރުކާރަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ރީތިރަށް ރިސޯޓުގައި މުވައްޒަފުން ކުރި ހަޅުތާލަކާ ގުޅިގެން ރަޔަޓް ގިޔަރުގައި ފުލުހުން އެ ރަށަށް އަރައި މުޒާހަރާ ހުއްޓުވުމުން އެމްޑީޕީން ނޮވެމްބަރު 30، 2008 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި، ހިނގައިދިޔަ ހާދިސާއަށް ލަތީފް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ.
"އިއްޔެ ފުލުހުން ހަރަކާތްތެރިވީ ރިސޯޓު އޯނަރުންގެ އެޖެންޓުން ގޮތުގައި. އެކަން ރަނގަޅަށް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ،" މައްސަލައާ ގުޅޭ މައުލޫމާތު ދެއްވުމަށް އެ ރޭ ނަލަހިޔާ ހޮޓަލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހަށް ވަޑައިގެން ހުންނެވި ލަތީފް ވިދާޅުވި އެވެ.
އޭގެ ފަހުން ވެސް ލަތީފް ގެންދެވީ އިންސާނީ ހައްގުތަކާ ބެހޭ އެމްބެސަޑަރުގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރައްވަމުންނެވެ. ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އިޒްރާއީލްގެ ނަމުގައި ދައުލަތެއް ހަދައިގެން އުޅޭ ޔަހޫދީން އެ ގައުމަށް 2009 ވަނަ އަހަރު ދެމުންދިޔަ ވަރުގަދަ ހަމަލާތައް ކުށްވެރިކޮށް މާލޭގައި ބޭއްވި މުޒާހަރާގައި ވެސް ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ. އެ މުޒާހަރާ ރޭވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީންނެވެ. އަދި އެ މުޒާހަރާގައި އެމްޑީޕީން ނޫން ހުރިހާ ސިޔާސީ ޕާޓީއަކުން ބައިވެރިވި އެވެ. އެހެންކަމުން ލަތީފް އެ މުޒާހަރާގެ ބައިވެރިވެވަޑައިގަތުން ވެގެންދިޔައީ ހައްގަށް މަސައްކަތް ކުރުމަށް އޭނާ ޖެހިލުންނުވާނެކަމުގެ ވަރުގަދަ ނިޝާނަކަށެވެ.
ލަތީފްގެ ހަޔާތުގެ ފަހު ދުވަސްތައް އޭނާ ހޭދަ ކުރެއްވީ ސްރީ ލަންކާގަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރެއްވުމުގެ އިތުރުން ކުރިން ލަތީފަށް ހުންނެވީ ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހިފަ އެވެ. އިއްޔެ އަވަހާރަވިއިރު، ލަތީފްއާ އެއްކޮށް މަސައްކަތް ކުރި މީހުންނާއި ލަތީފް އެ ބަޔަކާ ދެކޮޅަށް މަސައްކަތް ކުރެއްވި މީހުންގެ ވެސް ތައުރީފާއި ސަނާ އޭނާއަށް ލިބުނެވެ.
"ބައްޕައަކީ އަޅުގަނޑު ދުށް އެންމެ ހިތްތިރި ބޭފުޅާ. ބައްޕައަކީ ހިތްހެޔޮ، ދީލަތި ބޭފުޅެއް. އަމިއްލަ މީހާގެ ކުރިއަށް އަބަދުވެސް އިސް ކުރެއްވީ އެހެން މީހުން. އާއިލާ އާއި ރައްޔިތުން އަދި ދީނާއި ގައުމުދެކެ ލޯބިވި،" ލަތީފް އަވަހާރަވުމުން ދަރިކަލުން ޖެނިފާ އިއްޔެ ލިޔުއްވާފައިވެ އެވެ.












