މާލޭގެ ސަލްމާން މިސްކިތަށް މިއަދު ހުކުރު ވަގުތު އަރައި، އަޑުގަދަ ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ މިއަދު ހުކުރު ވަގުތު މެދު އުމުރުގެ ފިރިހެނަކު ސަލްމާން މިސްކިތުގެ މިންބަރަށް އަަރައި، ހަޅޭއްލަވައި އަޑުގަދަކޮށްފައިވާ ކަމަށެވެ. ބައެއް މީހުން ބުނެފައި ވަނީ އޭނާ މަސައްކަތް ކުރީ އަމިއްލަ ހުތުބާއެއް ދިނުމަށް ކަމަށެވެ.
"ސަލްމާން މިސްކިތަށް އަރައި އަޑުގަދަ ކުރަމުންދިޔަކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 43 އަހަރުގެ މީހަކު ވަނީ ގެނެސްފައި،" އެ މައްސަލައިގައި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ ސަލްމާން މިސްކިތަށް އެރި މީހަކީ ހަރުކަށި ފިކުރުގެ އައިސިސް ޖަމާއަތަށް ތާއީދު ކުރާ މީހެކެވެ. ނަމަވެސް މި ނޫހަށް އެކަން ޔަގީންކޮށް ބުނެދޭކަށް ނޭނގެ އެވެ.
ސަލްމާން މިސްކިތަށް އެރި މީހާގެ މަގުސަދަކީ ކޮބައިކަން މިހާތަނަށް އެނގިފައެއް ނުވެ އެެވެ. އަދި އޭނާ މަސައްކަތް ކުރީ ކީއްކުރަން ކަމެއް ވެސް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.












