ދިޔަރެސް ނޫހުން، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ތުހުމަތުކޮށް، އެ ނޫހަށާއި ނޫހުގެ މަސްއޫލުވެރި ފަރާތުގެ މައްޗަށް ދައުވާ ކުރަން އޭނާ ހުށަހަޅުއްވައިފި އެވެ.
ދިޔަރެސް ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
އެ މައްސަލަ ހުށަހެޅީ މިމަހު 25 ވަނަ ދުވަހު "ދިޔަރެސް"ގައި ލިޔެފައިވާ ލިޔުމެއްގައި މެންބަރު ސަލީމްއާ ގުޅުވާ ގަސްދުގައި ދޮގު މައުލޫމާތު ފަތުރާ ގެއްލުން ދިނުމުގެ މަގްސަދުގައި ލިޔުން ޝާއުއު ކޮށްފައިވާ ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ދައުވާ ހުށަހެޅީ މިއަދެވެ.
ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބަރަހަނާ މަންޒަރުތަކެއް ފެންނަ ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ މެންބަރު ސަލީމް ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ މީހާއާއި އެކަމުގެ ހަގީގަތް ސާފު ކުރުމުގެ ގޮތުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް ސަލީމް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެއީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއް ފާއިތުވެފައިވާ ވީޑިއޯއެއްކަން އެތައް ބަޔަކަށް އެނގޭއިރު، އެ ލިޔުން ލިޔެފައިވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތް ގޮތެއްގައި ކަމަށެވެ. އަދި އެ ލިޔުން ޝާއިއުކޮށްފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ސަލީމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ދިޔަރެސް ނޫހުގައި ޝާއިއުކުރި ދޮގު ލިޔުމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތުން އެ ބޮޑު ދޮގަކީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި ފަރާތްތަކާމެދު ވެސް ވަކި ވަކިން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ވަކީލުންގެ ޓީމުން ކުރަމުންދާ ކަމަށެވެ.












