ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމުގެ ހުއްދަ ސަރުކާރުން ނުދެނީސް، ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތަކެއް ބައެއް ޓެކްސީ ޑްރައިވަރުން ނަގަމުންދާތީ އެކަމާ މިނިސްޓްރީން މަޝްވަރާ ކުރަން ފަށައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.55ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 16.77ރ. އަށެވެ.
ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ އެކު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ޔޫތު އެންހޭންސްމަންޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެތައް ފަހަރެއްގެ މަތިން ޓެކްސީ ހިދުމަތުގެ އަގު ރިވިއުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ޓެކްސީ އަގުތަކަށް ގެންނަން އުޅޭ ބަދަލު

- މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40ރ.
- ހުޅުމާލެ ފޭސް 1 އިން 2 އަށް 40ރ.
- މާލެއިން ހުޅުމާލެ އަށް 85ރ.
- މާލެ އިން ހުޅުމާލެ ފޭސް 2 އަށް 95ރ.
- މާލެއިން ހުޅުލެ އަށް 85ރ.
- ހުޅުމާލެ އިން ހުޅުލެ އަށް 85ރ.
އެކަމާ ގުޅިގެން ޓްރާންޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީތަކުން ކުރާ ދަތުރުތަކަށް އެކި އަގު ނަގާ މައްސަލާގައި ކަންކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަދި އެކަމާމެދު މިނިސްޓްރީން ނިންމާ ގޮތެއް މިއަދު ވަގުތެއްގައި ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ.
އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މުޒާހަރާ ވެސް ކުރި އެވެ. އަދި މިނިސްޓްރީއާ އެކު ބައްދަލުވުންތަކެއްވެސް ބޭއްވި އެވެ. އޭރު ނަގަމުންދިޔަ ބޮޑު އަގުތަކާއެކު އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓްރީން އިއުލާންކުރި ނަމަވެސް އެކަމަކަށް ހައްލެއް ނުލިބުނެވެ.
އަގުބޮޑުކޮށް ކުރާނަމަ ޖޫރިމަނާ
ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމަލުކުރަން ޖެހެނީ ޑިސެމްބަރު 15، 2013 ގައި އެކުލަވާލާފައިވާ ޓެކްސީ ގަވާއިދަށެވެ.
އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި އަގަށްވުރެ އިތުރަށް ނަގާނަމަ ފުރަތަމަ ފަހަރު ޓެކްސީ ސެންޓަރާއި ޑްރައިވަރު ވެސް 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި، ދެވަނަ ފަހަރު ނަމަ 1000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، ކުށް ތަކުރާރުކުރާނަމަ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލް ކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް އޮވެ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ސަރުކާރުން އެންމެފަހުން ބަދަލު ގެނައީ ފެބްރުއަރީ 10، 2021 ގަ އެވެ. އެފަހަރު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅީ 25ރ. އެވެ. އޭގެ އިތުރުން މާލެ އިން ހުޅުލެ އަށް 60ރ. އަދި މާލެ އިން ހުޅުމާލެ ފޭސް 1 އަށް ކަނޑައެޅީ 75ރ. އެވެ. އަދި މާލެ އިން ފޭސް 2 އަށް ކަނޑައަޅާފައި އޮތީ 90ރ. އެވެ.
މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާ އަކަށް އިތުރު އަގެއް ނެގުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެކެވެ.
ގަވައިދެއް އެކުލަވާލި ނަމަވެސް އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ. ނަމަވެސް، އެކަމާމެދު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.












