ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ދެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރަން ހަމަޖެހިއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީ ގާއިމްކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ 71،127.92 އަކަފޫޓޫގެ ބިމަކާއި 67،522.01 އަކަފޫޓުގެ ބިމެެއް ހަމަޖައްސާފަ އެވެ. އެއީ ޕްލޮޓް (KP-9) އަދި ޕްލޮޓް (N5-50) އެވެ. މެޑިކަލް ފެސިލިޓީ އަޅަން ހަމަޖައްސާފައިވާ N5-50 ޕްލޮޓް މިހާރު ވަނީ އީއޯއައި އަށް ހުށަހަޅާފަ އެވެ.
މެޑިކަލް ފެސިލިޓީތަކުގެ އިތުރަށް އެޗްޑީސީން ވަނީ ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުން ކްލިނިކް އަދި ސިއްހީ ހިދުމަތްދޭ ތަންތަން ކަނޑައަޅާފަ އެވެ. އެގޮތުން އެ ސަރަހައްދުގައި ހަތަރު ބޭސްފިހާރައަކާއި ތިން ކްލިނިކެއް ވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރަށް މިހާރު ވިއްކަން ހުޅުވާލާފައިވާ ވިނަރެސް ފްލެޓްތަކުގެ ތިރިން ވެސް ކްލިނިކް ހިންގުމަށް ޔުނިޓުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
މިދިޔަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އެ ސަރަހައްދުގައި ކެފޭ/ ރެސްޓޯރެންޓްތަކާއި، ކާބޯތަކެތި ވިއްކާ ފިހާރަތައް އަދި ކްލިނިކެއް ވަނީ ހުޅުވާފަ އެވެ.












