ލަންޑަން (ޖޫން 29) - މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ފެނާންޑީނިއޯ އޭނާގެ އެންމެ ފުރަތަމަ ކްލަބު ކަމަށްވާ ބްރެޒިލްގެ އެތުލެޓިކޯ ޕަރަނައެންސޭ އަށް ސޮއިކުރިއިރު، ލިވަޕޫލަށް ކުޅެމުންދިޔަ ޖަޕާންގެ ފޯވަޑް ޓަކޫމީ މިނަމީނޯ ފްރާންސްގެ މޮނާކޯ އަށް ބަދަލުވެއްޖެ އެވެ.
ސިޓީގައި ނުވަ އަހަރު ހޭދަކުުރުމަށް ފަހު، ފެނާންޑީނިއޯ ވަނީ ނިމިގެންދިޔަ ސީޒަނަށް ފަހު އެ ކްލަބާ ވަކިވެފަ އެވެ.
އެތުލެޓިކޯ ޕަރަނައެންސޭ އަށް ފެނާންޑީނިއޯ ،37، ސޮއިކުރީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފެނާންޑީނިއޯގެ ކެރިއަރު 2002 ވަނަ އަހަރު ފެށީ އެ ކްލަބުގަ އެވެ. އެ ކްލަބު ދޫކޮށް، ޔޫކްރޭންގެ ޝަކުތަރު ޑޮނެސްކް އަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރެވެ.
"އެނބުރި މި ކްލަބަށް އާދެވުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުންމީދަކީ މި ފާއިތުވި އަހަރުތަކުގައި ޔޫރަޕްގައި ކުޅެ، އަހަންނަށް ލިބުނު ތަޖުރިބާގެ ބޭނުން ހިފުން،" ފެނާންޑީނިއޯ ބުންޏެވެ.
ހަތަރު އަހަރުގެ އެއްބަސްވުމެއްގައި މިނަމީނޯ ،27، ފްރާންސްގެ މޮނާކޯ އަށް ބަދަލުވީ 15.8 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ. ލިވަޕޫލާ އެކު މިިދިޔަ ސީޒަނުގައި ލީގު ކަޕާއި އެފްއޭ ކަޕް ކާމިޔާބުކުރި ލިވަޕޫލް ޓީމުގައި މިނަމީނޯގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެ މުބާރާތުގައި ލިވަޕޫލަށް މުހިންމު ގޯލުތަކެއް ޖަހައިދީފަ އެވެ.
އޮސްޓްރިއާގެ ޗެމްޕިއަން، ރެޑް ބުލް ސަލްޒްބާގް އިން 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ މިނަމީނޯ ވަނީ މިދިޔަ ސީޒަންގައި އެ ކްލަބަށް 10 ލަނޑު ޖަހައިދީފަ އެވެ. ލިވަޕޫލަށް ޖުމްލަ 55 މެޗު ކުޅުނު މިނަމީނޯ ވަނީ 2020 / 2021 ވަނަ އަހަރު ސީޒަންގެ ފަހު ބައިގައި ލޯނު އެއްބަސްވުމެއްގެ ދަށުން ސައުތުހެމްޓަން އަށް ވެސް ކުޅެފަ އެވެ.
މިނަމީނޯ، މޮނާކޯއާ ގުޅުނީ އޭނާގެ ސޮއި ހޯދަން ފުލަމް އާއި ވުލްވްސް އިން ވެސް މަސައްކަތް ކުރަމުން އަންނަނިކޮށެވެ.












