ރިޕޯޓުޕީޕީއެމްގެ މަތިފަޑިއަށް އެތައް ބަދަލެއް، އާންމު މެންބަރުންގެ ދައުރެއް ނެތް

ޕީޕީއެމްގެ މަތިފަޑިއަށް އެތައް ބަދަލެއް، އާންމު މެންބަރުންގެ ދައުރެއް ނެތް

ޕީޕީއެމްގެ އެންމެ އިސް ގުނަވަން ނުވަތަ މަތިފަޑިއެއްގެ ގޮތުގައި ޕާޓީގެ ކައުންސިލަށް ދާދި ފަހުން ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައި. އެ ބަދަލުތައް ގެނައީ ޕާޓީގެ އަސާސީ ގަވާއިދުން ކައުންސިލަށް ދީފައި އޮތް ބާރުން. އާންމު މެންބަރުންގެ ދައުރެއް ނެތް. މި ގޮތް އެންމެ ރަނގަޅު ހެއްޔެވެ؟

ޕީޕީއެމްގެ ސަޕޯޓަރަކު އެ ޕާޓީގެ ދިދައެއް ހިފައިގެން: ޕާޓީގެ އިސް ސަފަށް ވަނީ ބަދަލުތައް ގެނެސްފައި - ފޮޓޯ: އަދަދު
ޕީޕީއެމްގެ ސަޕޯޓަރަކު އެ ޕާޓީގެ ދިދައެއް ހިފައިގެން: ޕާޓީގެ އިސް ސަފަށް ވަނީ ބަދަލުތައް ގެނެސްފައި - ފޮޓޯ: އަދަދު

ރާއްޖޭގެ އާންމު މެންބަރުންގެ ގްރާސް ރޫޓެއް ބޮޑުކޮށް އޮތް ކަމަށް މި ބެލެވެނީ ވެސް މައިގަނޑު ދެ ޕާޓީއަކަށެވެ. އެމްޑީޕީ އާއި ޕީޕީއެމް އެވެ. އިންތިހާބުތަކުން ކާމިޔާބު ނަތީޖާއެއް ނެރުމުގެ ޓްރެކް ރެކޯޑްއެއް އޮތީ ވެސް މި ދެ ޕާޓީއަށް އެކަންޏެވެ. ބެލެވޭ ގޮތުގައި ދެ ޕާޓީން ވެސް ވަކާލާތުކޮށް ފަތުރަމުންދާ ފަލްސަފާތަކެއް ވެ އެވެ. މި ފަލްސަފާއަކީ ސީދާ އެ ޕާޓީތަކުގެ އާންމު މެންބަރުންގެ ވިސްނުމެވެ. އެކަމަކު މައި ދެ ޕާޓީގައި ވެސް އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ނުވާ ކަމުގެ ގިނަ ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

މި ފަހުން ޕީޕީއެމްގެ އެތެރެއިން ހިނގި ކަމެކެވެ. ޕާޓީގެ އެންމެ އިސް ގުނަވަނަކަށް އޮތް ޕާޓީގެ ކައުންސިލުން އަމިއްލައަށް ކައުންސިލްގައި ތިބޭނެ މެންބަރުން އިތުރުކޮށްލީ އެވެ. އިތުރުކުރި އާ މެންބަރުން ހޮވީ ކައުންސިލްގައި އޭރު ތިބި މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ކައުންސިލްގައި ހުސްވި ޖާގަތަކަ މެންބަރުން އިންތިހާބު ކުރީ ވެސް އެ އުސޫލުންނެވެ. އަދި ކައުންސިލަށް ކުރިމަތިލައިގެން ނުހޮވުނު މެންބަރުން، ޕާޓީގެ އިސް މީހުން ތިބެގެން އުފެއްދި ޕީއެންސީގެ ކައުންސިލަށް ހޮވީ އެވެ. މި ކަމުގައި އާންމު މެންބަރުންގެ އެއްވެސް ދައުރެއް ނެތި އެވެ.

މިއީ ދުނިޔޭގައި ވެސް އާންމު އުސޫލުން ސިޔާސީ ޕާޓީތައް އޮވެރޭޓްވާ ގޮތް ހެއްޔެވެ؟ ޕީޕީއެމްގެ އެތެރޭގެ ކަންކަން ވެސް ހަމަޖެހިފައި އޮންނަނީ އެހެން ހެއްޔެވެ؟

ސިޔާސީ ޕާޓީއެއްގެ އެންމެ އިސް ގުނަވަނެއްގެ ގޮތުގައި މަޖިލީހެއް ނުވަތަ ކައުންސިލެއް އެކުލަވާލާފައި އޮތުމުގެ ވިސްނުމަކީ މިއީ އެވެ. ހުރިހާ މެންބަރުންނަށް ކޮންމެ ދުވަހަކު ޕާޓީ ހިންގުމުގައި ނޫޅެވިދާނެ އެވެ. އެހެންވެ މެންބަރުންގެ ފަރާތުން ބަޔަކު ކަނޑައަޅަނީ އެވެ. މެންބަރުން ތަމްސީލް ކުރާ އެ މީހުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ޕާޓީ ހިންގާނީ އެވެ. ކައުންސިލް އެކުލަވާލާނީ އާންމު މެންބަރުންގެ ވޯޓަކުންނެވެ. ނުވަތަ ކޮންގްރެސް އަކުންނެވެ. ކޮންގްރެސްގައި ވެސް ބައިވެރިވުން އޮންނަނީ އާންމު މެންބަރުން ތަމްސީލް ކުރަން އެ މެންބަރުން އިންތިހާބު ކުރާ ބަޔެކެވެ. ނުވަތަ ޕާޓީގައި އުފައްދާފައިވާ އެކި ގޮފިތަކުން އިންތިހާބުވެގެން އަންނަ ބަޔެކެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނަނީ ކީކޭ؟

ޕީޕީއެމްގެ އެތެރޭގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅަން ފަސް އަހަރުން އެއް ފަހަރު ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަ އެވެ. އެއީ އެ ޕާޓީގެ ކޮންގްރެސް އެވެ. އެ ޖަލްސާގައި، ޕާޓީގެ ރައީސާއި ތިން ނައިބު ރައީސުންނާއި ޕާޓީގެ ކައުންސިލަށް އިތުރު މެންބަރުން ވެސް އިންތިހާބު ކުރެ އެވެ.

ދެހާސްއަށާރަވަަނަ އަހަރު ބޭއްވި ކޮންގްރެސްއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކަށްފަހު، ޕާޓީގެ ކައުންސިލެއް ހޮވަނީ ފަސް އަހަރުގެ ދައުރަށެވެ. އެ ކައުންސިލެއް ދެން ބާއްވާ ކޮންގްރެސްއަކާ ހަމައަށް ދެމިގެންދެ އެވެ. އެ ދައުރުގެ މެދުތެރެއިން ކައުންސިލުން ޖާގައެއް ހުސްވެއްޖެ ނަމަ، އެ ޖާގައަށް މީހަކު ހަމަޖެއްސުމުގެ ބާރު އޮންނަނީ ކައުންސިލަށް ދީފަ އެވެ.

"މިހާރު ޕާޓީގައި ތިބި ތިން ނައިބު ރައީސުން ވެސް އެއީ ދައުރު މެދުތެރެއިން ނައިބު ރަައީސުންގެ މަގާމުތައް ހުސްވުމުން ރައީސް [އަބްދުﷲ] ޔާމީން ނަން ހުށަހަޅުއްވައިގެން، ކައުންސިލުން ފާސްކުރި ތިން ބޭފުޅުން، އާންމު މެންބަރުން ހޮވައިގެންނެއް ނޫން، މިއީ ޕާޓީ ތެރޭ އަލަށް ކުރި ކަމެއް ވެސް ނޫން،" ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓް ގްރޫޕްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދެއްވި އެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި ޕާޓީގެ ކައުންސިލުން ހުސްވީ ކުރިން ޕާޓީ ސަރުކާރު ހިންގަން ތިބިއިރު ކައުންސިލްގައި ތިއްބެވި ވަޒީރުންނެވެ. ވެރިކަން ބަދަލުވި ފަހުން ވެސް ކުރީގެ ވަޒީރުން ކައުންސިލްގައި ތިއްބެވި އެވެ. އެކަމަކު އެއްވެސް ވަރަކަށް ޕާޓީގެ ކައުންސިލްގައި ބައިވެރިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ޕާޓީ ހަރަކާތްތެރިވެ ބޭއްވުމަށް އެ ނިންމެވުން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މެންބަރުގެ އިތުރުން ޕީޕީއެމްގެ އެއް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ކިޔައިދެއްވި ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ދެން ބޭއްވޭ ކޮންގްރެސްއެއް އަންނަން ދެން ކައުންސިލުން ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމުުގެ ބާރު ކައުންސިލަށް އޮވެ އެވެ. ޝިޔާމް ވެސް ފާހަގަ ކުރެއްވި ގޮތަށް އެ ނިންމެވުމުން ނިންމަވަން ކައުންސިލްގެ ދައުރު ބޮޑު ކުރުމަށެވެ.

"ރިޔާސީ އިންތިހާބު ވެސް އަންނަ އަހަރު އޮތް އިރު، ވަރަށް ބައިވަރު މަސައްކަތްތައް އެބަ ހުރި، މެނިފެސްޓޯއަށް ވެސް މަސައްކަތްކޮށް ގިނަ ދަތުރުތަކެއް ވެސް ކުރަން އެބަ ހުރި، އެހެންވެ ކައުންސިލްގެ އެހާ ބައިވަރު ގޮނޑިތަކެއް ހުސްކޮށް އޮތީމަ ހުސްކޮށް ނުބާއްވަން ވެގެން،" ޝިޔާމް އިތުރަށް ތަފްސީލްކޮށްދެއްވި އެވެ.

ޕީޕީއެމްގެ ކައުންސިލަށް 10 މެންބަރުން އިތުރުކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ފަހުގަ އެވެ. އެންމެ ފަހުން ބޭއްވި ކޮންގްރެސްއަށް ފަހު، އާންމު މެންބަރުންގެ ފަލްސަފާ ލިޔެފައި އޮންނަ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ވެސް ކައުންސިލަށް ދީފައި އޮވެ އެވެ.

titledesc

ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ފުޅާވާން ނުޖެހޭތަ؟

ޕީޕީއެމްގެ ކައުންސިލަށް އިތުރު ކުރި 10 މެންބަރުންގެ އިތުރަށް، ކޮންގްރެސްއިން ކައުންސިލަށް އިންތިހާބު ކުރި ދެ މެންބަރަކާއި ފަސް އަންހެން މެންބަރުންގެ ޖާގަ ހުސްވުމުން އެ މަގާމުތަކާ އެކު ޖުމުލަ 17 މަގާމަށް ހުޅުވާލި އެވެ. އެ މަގާމުތަކަށް ހުޅުވާލުމުން 150 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. މި އެންމެން އިންތިހާބު ކުރުން ދޫކޮށްލީ އެންމެ 62 މެންބަރުން ތިބި ކައުންސިލަށެވެ.

ނަތީޖާއެއްގެ ގޮތުން ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ބަޔަކު ޕާޓީގެ ކައުންސިލަށް އިންތިހާބުވި އިރު ވެސް ހަމަ އެފަދަ ފާހަގަކޮށްލެވޭ ހަރަކާތްތެރިން ޕާޓީގެ ކައުންސިލަށް ނުހޮވި ވެސް ދިޔަ އެވެ. އޭގެ ކަންބޮޑުވުން އޮތް ވަރު ހާމަވެގެން ދިޔަ ކަމަކީ ނާކާމިޔާބުވި އެތައް ސަތޭކަ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ 17 މީހަކު ޕީއެންސީއަށް ބަދަލުކޮށް ޕީއެންސީގެ ކައުންސިލަށް އައްޔަން ކުރީ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިހާރު އޮތް އުސޫލަކީ ވެސް ހަމަޖެހޭ އުސޫލެކެވެ.

"ކޮންމެ ފަހަރަކު މަގާމެއް ހުސްވާ އިރަށް ވޯޓު ފޮށިތަކެއް ބަހައްޓައިގެން މަގާމަށް މީހަކު ހޮވަން އުޅުމަކީ ވެސް ފަސޭހަ ކަމެއް ނޫން، ރަނގަޅު އުސޫލެއް މިހާރު ވެސް އެ އޮތީ، ކައުންސިލްގައި ކުރީގެ ވަޒީރުން ތިބުމުގެ ބަދަލުގައި އެކްޓިވް ބަޔަކު ލުމުގެ ވިސްނުން އައީ ވެސް ޕާޓީ ހަރަކާތްތެރިވާން، އިތުރަށް ވެސް ފުޅާކުރާނެ ހަމަތަކެއް ވިސްނި އިތުރު ކުރެވިގެން ދާނެ،" ކުރިން ވާހަކަ ދެއްކެވި މެންބަރު ވިދާޅުވި އެވެ.

ޝިޔާމް ވެސް ވިދާޅުވީ އަސާސީ ގަވާއިދުގައި މިހާރު ބަޔާން ކުރާ ހަމައަކީ ވަރަށް ވެސް ޑިމޮކްރެޓިކް ހަމައެއް ކަމަށެވެ.

"ޕާޓީ މި ހިންގަނީ މަޝްވަރާގެ މަތިން، އަޅުގަނޑުމެންނަކީ ވެސް ހަމަ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް، ކައުންސިލުން މަގާމެއް ހުސްވުމުން ވެސް މަޝްވަރާ މި ކުރަނީ، ރިޔާސީ ކެންޑިޑޭޓަށް ޕްރައިމަރީއަކަށް ހުޅުވާލާނީތޯ، ރައީސްކަން ކުރެއްވި ބޭފުޅަކަށް ދެވަނަ ދައުރެއް ނުލިބި އޮތްނަމަ އެ ބޭފުޅަކަށް ފުރުސަތު ދެއްވާނީތޯ، މި މަޝްވަރާތަކެއްގެ މަތީ މި ނިންމަނީ ހަމަ،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމުން ފެށިގެން ފަހުން އިންތިހާބު ކުރި 17 މެންބަރުންނަކީ ކައުންސިލްގެ ދައުރު މެދު ތެރެއިން މަގާމު ހުސްވެގެނާއި ކައުންސިލުން އަމިއްލައަށް އިތުރުކުރި މެންބަރުންނާއެކު މަތިފަޑިއަށް މި އޮތީ ބަދަލުތަކެއް އައިސްފަ އެވެ. 62 މެންބަރުންގެ ކައުންސިލް ވެސް މި ވަނީ 89 މެންބަރުންގެ ކައުންސިލަކަށް ބޮޑުވެފަ އެވެ. މި ވަރުގެ ބަދަލުތަކެއް އައީ އާންމު މެންބަރުންގެ އެއްވެސް ދައުރެއް ނެތި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ "ވަތަނީ ފިކުރު"ގެ ޕާޓީ އެވެ;

ދިވެހި ދައުލަތުގެ މިނިވަންކަމާއި އަމިއްލަވަންތަކަން މަތީ ހިންގުމަށް އެކި ދިމާއިން އަންނަ ގޮންޖެހުންތަކަށް ކުރިމަތިލައިގެން، އެގޮތުގެ މަތިން އަމިއްލަ އިގްތިސޯދެއް ކުރި އެރުވުމެވެ. އެއީ ފަލްސަފާ ނަމަ، އެއީ އެ ޕާޓީގެ އާންމު މެންބަރުންގެ ފަލްސަފާ އެވެ. އާންމު މެންބަރުންގެ ދައުރު ނެތް ގޮތަކަށް ޕާޓީގެ އިސް ގުނަވަނަށް ބަދަލުތައް ގެނެވޭނެ ގޮތަކަށް އުސޫލު ބައްޓަން ކުރުން އެންމެ ރަނގަޅު ހެއްޔެވެ؟

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox