ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި 2026 ވަނަ އަހަރު ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕް ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާނެ ދަނޑުތައް އިއުލާނުކުރަން ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ. އެ ގޮތުން ކުރިން 32 ޓީމު ބައިވެރިވަމުން އައި ވޯލްޑް ކަޕް 48 އަށް އިތުރުކުރާއިރު، މުބާރާތުގެ މެޗުތައް ކުޅެން 16 ދަނޑު ވަނީ ކަނޑައަޅައިފަ އެެވެ. މީގެ ތެރެއިން އެމެރިކާގެ 11 ދަނޑެއްގައި މެޗު ކުޅޭއިރު، މެކްސިކޯގެ ތިން ދަނޑެއްގައި މެޗު ކުޅޭނެ އެވެ. އަދި ކެނަޑާގެ ދެ ދަނޑެއްގައި މެޗުތައް ކުރިއަށްދާނެ އެވެ.
އެމެރިކާގައި މެޗުތައް ކުޅޭ ހުރިހާ ދަނޑެއް ކަހަަލަ ގޮތަކަށް އެއީ އެންއެފްއެލް ޓީމުތަކުގެ (އެމެރިކަން ފުޓްބޯޅަ ޓީމު) ދަނޑުތަކެވެ. އެގޮތުން ފަސް ބިލިއަން ޑޮލަރުގެ އަގުހުރި، ސޯފީ ސްޓޭޑިއަމް އާއި 82000 މީހުންނަށް ވަދެވޭ މެޓްލައިފް ސްޓޭޑިއަމްގައި ވެސް ވޯލްޑް ކަޕް މެޗުތައް ކުރިއަށްދާނެ އެވެ. ވޯލްޑް ކަޕްގެ 80 މެޗުގެ ތެރެއިން 60 މެޗު ކުޅޭނީ އެމެރިކާގަ އެވެ. ކުއާޓާ ފައިނަލާ ހަަމައިން ހުރިހާ މެޗެއް ހޯސްޓްކުރާނީ އެމެރިކާ ދަނޑުތަކުގަ އެވެ.

މެކްސިކޯގެ މޮންޓަރޭގެ ބީބީވީއޭ ބެންކޯމާ ސްޓޭޑިއަމް: މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމެއް.-- ފޮޓޯ: އޭއެފްޕީ
މެކްސިކޯ އިން މެޗުތައް ހޯސްޓްކުރަން ކަނޑައެޅި ދަނޑުތަކުގެ ތެރޭގައި މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމް ހިމެނެ އެވެ. މެކްސިކޯ ސިޓީގެ މި ދަނޑަކީ 1970 އާއި 1986 ގެ ފައިނަލް ކުޅުނު ދަނޑެވެ. މީގެ އިތުރުން ދެން މެކްސިކޯގައި މެޗުތައް ހޯސްޓްކުރާނީ، މޮންޓަރޭ އާއި ގުއަޑަލަރާޖާގަ އެވެ. ކެނަޑާގެ ވޯލްޑް ކަޕް ހޯސްޓް ސިޓީތަކަކީ ވެންކޫވާ އާއި ޓޮރޯންޓޯ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ 2026 ވޯލްޑް ކަޕްގައި ގިނަ އާ ކަންތައްތަކެއް ތަޖުރިބާ ކޮށްލަން ފުޓްބޯޅަ ސަޕޯޓަރުންނަށް ފުރުސަތު ލިބޭނެ ކަމަށެެވެ.
"2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ވަރަށް ތަފާތުވާނެ، ވަރަށް ބޮޑުވާނެ. ގިނަ މީހުންނަށް އިހުސާސް ވެސް ނުކުރެވޭނެ ކިހާ ވަރުގަދަ އިވެންޓަކަށް އެ މުބާރާތް ވާނެ ކަމުގެ،" އިންފަންޓީނޯ ވިދާޅުވި އެވެ. "ވަރަށް ބޮޑެތި ކަންތައްތަކެއް ފެންނާނެ ކަމަށް ބެލެވޭ. އަހަރެން ބުނާނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގެ ރެކޯޑް ވެސް މި ފަހަރު މުގުރާލާނެއޭ،"
އެމެރިކާގައި 1994 ވަނަ އަހަރު ހޯސްޓްކުރި ވޯލްޑް ކަޕްގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބްރެޒިލް މޮޅުވ ފައިނަލް ބަލަން، އެމެރިކާގެ ރޯސް ބޯލް ސްޓޭޑިއަމަށް 95،000 އެއްހާ ސަޕޯޓަރުން ވަނެވެ. މިއީ ރަސްމީ އެކި އިދާރާތަކުން ހާމަކުރާ ގޮތުގައި ފީފާ ވޯލްޑް ކަޕް މެޗެއް ބަލަން އެންމެ ގިނަ މީހުން ވަން ފަހަރެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަަޑާގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާއިރު، މިއީ ތިން ގައުމަކުން ވޯލްޑް ކަޕެއް ބާއްވާނެ ފުރަތަމަ ފަހަރެވެ. މެޗުތައް ގައުމުތަކަށް ބެހުމުގައި ގޮތްތަކެއް ނިންމާފައިވީ ނަމަވެސް މެޗުތައް ކުޅޭނެ ސީދާ ސްޓޭޑިއަމްތައް ނިންމާނީ ފަހުގެ ތާރީހެއްގައި ކަމަށް ފީފާ އިން ވަނީ އިއުލާނުކޮށްފަ އެވެ.












