މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައި އެ ޖަމިއްޔާއަށް އާ ރައީސަކު އިންތިހާބުކޮށްފި އެވެ.
ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާއަށް ހާޒިރުވީ 24 މެމްބަރުންނެވެ. އެ ޖަލްސާގައި ވަނީ އެ ޖަމިއްޔާގެ 2019، 2020 އަދި 2021 ގެ އަހަރީ ރިޕޯޓުތައް ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
އޭގެ އިތުރުން ހުސްވެފައިވާ ރައީސްގެ މަގާމަށް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ރިފްޝާން ވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުން އިންތިހާބުކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ.
ރިފްޝާން ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން ނައިބު ރައީސްކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވީ ދުވަސް ނޫހުގެ ފައުންޑަރު އަދި އެޑިޓަރު އަޒްމީ އަލީ ވަނީ 20 މެމްބަރުން ވޯޓުން އިންތިހާބުކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ އަންނަ އޮގަސްޓުގައި ފޮޓޯ ޖާނަލިސްޓުންގެ އެގްޒިބިޝަނެއް ބޭއްވުމަށް ވެސް ނިންމާފަ އެވެ. އަދި، ނޫސްވެރިން ކުރިއެރުވުމަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ފަންޑެއް ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ޖަލްސާއަށް ހާޒިރުވި އާންމު މެންބަރުން ވަނީ އެސޯސިއޭޝަންގެ ކަންކަމާ މެދު ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން، ޖަމްއިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއި ނޫސްވެރިންނާ ގުޅުން ހަރަކާތްތައް ވީހާ ބޮޑަށް ހިންގުން ފަދަ ކަންކަން އިތުރު ކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ މެމްބަރުން ހިޔާލު ފާޅުކުރި އެވެ.
އަހަރީ އާންމު ޖަލްސާގައި އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޖެންޑާ ކުރި ނަމަވެސް ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުނުވުމުން އެޖެންޑާގެ އެބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.













